އެބޯލާ - އެއިޑްސް އަށްފަހު ދުނިޔެ ދުށް އެންމެ ނުރައްކާތެރި ބަލި

މިދުވަސްވަރު ދުނިޔޭގެ ޚަބަރު ފަތުރާ ވަސީލަތްތަކުން މެދުނުކެނޑި ދައްކަމުން މިދަނީ އެބޯލާ ކިޔާ ނުރައްކާތެރި، ގައިން ގަޔަށް އަރާ ރޯގާއެއްގެ ވާހަކަ އެވެ.

މިބަލީގެ ނުރައްކާތެރިކަން ހުރި މިންވަރުގެ ބޮޑުކަމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއު އެޗް އޯ އިން 8 އޯގަސްޓް2014 ގައި ވަނީ މިބައްޔަކީ ދުނިޔޭ ގެ ހުރިހާ ގައުމެއްގެ ރައްޔިތުންގެ އާންމު ސިއްހަތަށް މިވަގުތު އޮތް ބޮޑު ނުރައްކަލެއްކަމުގައި ބަޔާން ކޮށް މިކަމަށް ސަމާލުވެ ފިޔަވަޅު އެޅުމަށް ލަފާދީފަ އެވެ. އަދި އެމެރިކާ ގެ އާންމު ސިއްހަތާ ބެހޭ އެންމެ ބޮޑު އިދާރާ ސީޑީސީ ގެ އެންމެ އިސްވެރިޔާ ތޯމަސް ފުރީޑެން ދާދި ފަހުން ވިދާޅުވި ގޮތުގައި އެއިޑްސް ބައްޔަށް ފަހު، އެބޯލާ އަކީ ދުނިޔޭގެ އާންމު ސިއްހަތަށް ކުރިމަތިވި އެންމެ ނުރައްކާތެރިކަން ބޮޑު ބަލިމަޑުކަމެވެ. އިނގިރޭސި ވިލާތުގެ ކެބިނެޓްގެ އިމަޖެންސީ ކޮބްރާ ކޮމިޓީން 8 އޯގަސްޓް2014 ގައި ބޭއްވި ކުއްލި ބައްދަލު ވުމަށް ފަހު750 ސިފައިން އަދި ބޭސްފަރުވާ ގެ ނިޒާމް ފޯރުކޮށްދެވޭ ފަދަ ކަނޑުގެ އުޅަނދެއް އެފްރިކާ ބައްރުގައި އެބޯލާ ފެތުރިގެން އުޅޭ ސަރަހައްދަށް ފޮނުވުމަށް ވަނީ ނިންމައިފަ އެވެ.

އެމެރިކާ ގެ އާންމު ސިއްހަތާ ބެހޭ އިދާރާ އިން ލަފާކުރާ ގޮތުގައި އެބޯލާ ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ އަންނަ އަހަރުގެ ޖެނުއަރީ އާ ހަމައަށް550000 އާއި1400000 އާއި ދެމެދުގެ އަދަދެއްގެ މީހުން އެ ބަލީގެ ޝިކާރަ އަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވާ މިފަދަ ރޯގާއަކާ ބެހޭ މައުލޫމާތު އޮޅުން ފިލުވައި ގައުމީ އަދި ފަރުދީ ފެންވަރުގައި މިކަމަށް ސަމާލުވުމަކީ މިވަގުތު ދިވެހީން ވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

އެހެންކަމުން، އެބޯލާ އާ ބެހޭ ގޮތުން ކުރުގޮތަކަށް ބަލައިލަމާ ތޯއެވެ. މިބަލި ފުރަތަމަ ފެނުނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ ގެ ޔަންބުކޫ ކިއާ ރަށަކުން އަދި ސޫދާން ގެ ނަޒާރާ ނަމަކަށް ކިޔާ ރަށަކުން1976 ވަނަ އަހަރު އެވެ. އެބޯލާ ބަލީގެ ނަންދެވިފައިވަނީ ބަލި ފުރަތަމަ ފެނުނު ކޮންގޯގެ ޔަންބުކޫ ކައިރީ އޮންނަ އެބޯލާ ނަމަކަށް ކިޔާ ކޯރުގެ ނަމުގެ މައްޗަށް ބިނާ ކޮށެވެ. މި ބަލި އިންސާނުންގެ ގަޔަށް އަރަން ދިމާވީ ކިހިނެއްކަން ސައިންސްވެރިންނަށް މިހާތަނަށް ވެސް ބުނެދޭކަށް ނޭނގެ އެވެ. އެނގޭހާ ވެސް ކަމަކީ މިބަލި ވަކި ވައްތަރެއްގެ ޖަނަވާރުގެ ހަށިގަނޑުގައި އުޅޭ ކަމެވެ. އޭގެ ތެރޭގައި ވާލުގެ ވައްތަރެއް ކަމުގައިވާ "ފުރުޓް ބެޓް" ހިމެނެ އެވެ. އަދި އެފްރިކާ ގެ ގިނީ، ލައިބީރިއާ، ސިއެރަ ލިއޯން އަދި ނައިޖީރިއާ އަކީ މި ވައްތަރުގެ ވާ ހިއްކައިގެން ކެއުމަށް ބޭނުންކުރާ މީހުން އުޅޭ ހިސާބެއް ކަމަށް ވުމާ އެކު ބަލި އިންސާނުންގެ ގަޔަށް އެ މަސް ކެއުމުން އެބޯލާ ފެތުރުނީ ކަމަށް ވެސް ބެލެވެ އެވެ. ދެން އެއަށް ފަހު އެކެއްގެ ގައިން އަނެކެއްގެ ގަޔަށް އަރަން މެދުވެރިވީ ކަމަށް ބެލެވެ އެވެ.

ގައިން ގަޔަށް އަރަން ދިމާވާ ސަބަބު ތަކުގެ ތެރޭގައި މި ބަލި ޖެހިފައިވާ މީހެއްގެ ކުޑަކަމުދާ ތަކެތި، ކުޅު، ދާ، ބޮޑުކަމުދާ ތަކެތި، ހޮޑު، މައި މީހާގެ ކިރު، ލޭ އަދި ޖިންސީ ގުނަވަނުން ނުކުންނަ ދިޔަ އެހެން މީހެއްގެ ލޮލުގައި، ނޭފަތުގައި، އަނގައިގައި، ނުވަތަ ޖިންސީ ގުނަވަނެއް ގައި ނުވަތަ ފުރަގަސްފަރާތުގައި ހޭކިއްޖެ ނަމަ މިބަލި ފެތުރެން ދިމާވެއެވެ. ނަމަވެސް މިއީ ފެނުގެ ޒަރީއާ އިން ނުވަތަ ވައިގެ ޒަރީއާ އިން ނޫނީ މަދިރި ހެފުމުން ފެތުރޭ ބައްޔެއް ނޫނެވެ. މިބަލި ގަޔަށް ވަނުމަށް ފަހު ބަލީގެ ވައިރަސް ހަށިގަނޑުގައި، ރަނގަޅަށް ހުންނަ ސެލްތަކުގައި ތަތްކޮށް އެތަރެ އަށް ވަދެ ސެލްގެ އެތެރޭގެ ބައިތައް ބޭނުންކޮށް އެތައް ގުނައަކަށް ގިނަވެ މުޅި ހަށިގަނޑަށް ފެތުރިގެން ދެއެވެ.

މި ބަލި ހަށިގަނޑަށް ވަންނަ ފަހުން ބަލީގެ އަލާމާތްތައް ފެންނަން ދެ ދުވަހާއި 21 ދުވަހާ ދެމެދުގެ މުއްދަތެއް ނަގައިފާނެ އެވެ. ނަމަވެސް ގިނަމީހުންނަށް ނަގާނީ ތިން ދުވަހާއި އަށް ދުވަހާ ދެމެދުގެ މުއްދަތެކެވެ. އެންމެ ފުރަތަމަ ފެންނާނެ އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުން އައުން (101.5 F), ނުވަތަ އެއަށް ވުރެ މައްޗަށް ހުން އައުން، ވަރުބަލި ވުން، ގައިގައި ރިއްސުން، ކަރުތެރެ ފާރުވުން ހިމެނެ އެވެ. އަދި ދާދި އަވަހަށް ހާލުބޮޑުވެ ބަނޑުގައި ގަދައަށް ރިއްސައި، ހޮޑުލައި ބޭރަށް ހިންގައި ހަށިގަނޑުގެ ލޭމަނާ ކުރާ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައިސް ހަށިގަނޑުގެ އެތެރެ އާއި ބޭރަށް ލޭފައިބަން ފަށާނެ އެވެ. އަނގައިންނާއި ނޭފަތުން ލޭފައިބަން ފަށައި އަދި ގޮހޮރަށް ލޭފައިބައި ބޮޑުކަމުދާ ނަޖިހުގައި ވެސް ލޭގެ އަސަރު ހުންނަން ފަށާނެ އެވެ. މިހާ ހިސާބަށް ހިނގައްޖެ ނަމަ އެމީހަކަށް ފަރުވާދީގެން އަލުން ގަދަކުރުމަކީ މިހާ ތަނަށް މި ބައްޔަށް ދެވެން ހުރި ފަރުވާގެ ނިޒާމަށް ބަލާއިރު، ވަރަށް ދަތި ކަމެކެވެ. މިހާލަތަށް ދާއިރު ބަލިމީހާ ގެ ކިޑްނީ އަދި ލިވަރު ހުންނާނީ ރަނގަޅު ނުކުރެވޭ ވަރަށް ހަލާކު ވެފަ އެވެ.

އެބޯލާ ޖެހުމުން ގިނަމީހުން މަރުވަނީ މިދެންނެވި ސަބަބު ތަކާ ހެދި އެވެ. މީގެ ކުރީފަހަރު ތަކުގައި އެބޯލާ ޖެހުމުން ބަލި ޖެހޭ މީހުންގެ ތެރެއިން 90% މަރުވާ ކަމަށް ވެއެވެ. ނަމަވެސް މިއަދަދު މިފަހަރު ވަނީ41% އާއި65% ގެ އަދަދަކަށް ތިރި ކުރެވިފަ އެވެ. މިހެން މިފަހަރު ދިމާވި ސަބަބެއް ކަމުގައި ވަނީ ލަސްނުވެ ބަލިމީހާ އަށް "ސަޕޯޓިވް" ފަރުވާ ލިބިގެން ދިއުމުން ކަމަށް ވެދާނެ އެވެ. މީގެ ތެރޭގައި ހިމެނެނީ އައިވީ ފުލުއިޑް، އޮކްސިޖަން، އަދި މިފަދަ ބަލި ހާލަތެއްގައި ދިމާވެދާނެ އެހެނިހެން ބަލި ބައްޔަށް ކުރީފަހަރު ތަކަށް ވުރެ ރަނގަޅަށް ފަރުވާ ކުރެވުމެވެ.

އެބޯލާ ބަލި ރަނގަޅު ކުރަން އެކަށީގެންވާ ބޭހެއް ނުވަތަ ވެކްސިނެއް މިހާތަނަށް އުފެއްދިފައެއް ނެތެވެ. ނަމަވެސް "އިންޓަރފެރޯން ބީޓާ" އާއި "ޒެޑް މެޕް" އަކީ މިކަމަށް މިވަގުތު ބޭނުން ކުރެވޭ ދެ ބޭހެވެ. މިތަނުން ކުރީގައި މި ދެންނެވުނު ބޭހުން ކުރެވޭ ހަމައެކަނި ކަމަކީ މީހާ ދުނިޔޭގައި ހުންނަ ދުވަސް ތަންކޮޅެއް އިތުރު ކޮށްލުމެވެ. އަދި މިއީ ވަރަށް އަގު ވެސް ބޮޑު ބޭހެކެވެ. ފަހުން މި ދެންނެވި ޒެޑްމެޕް އަކީ ތަހުލީލީ މަރުހަލާއެއްގައި އަދި ބޭނުން ކުރެވޭ ބޭހެއް ކަމުން، މިފަހަރު މިރޯގާ ފެތުރެން ފެށިތަނާހެން އެހާނަތަށް އުފެއްދިފައި ހުރި ބޭސް ކޮޅު އެއްކޮށް ހުސްވެއްޖެ އެވެ.

މީގެ އިތުރުން "ޓީ ކޭ އެމް-އެބޯލާ" އަދި "ބްރިންސިޑޮފޮވީރ" ކިޔާ ދެބޭހެއް ވެސް މިހާރު އަންނަނީ ޓެސްޓް ކުރެވެމުން ނެވެ.

ވެކްސިން އަށް ބަލާއިރު ކެނެޑާ އަދި އެމެރިކާ ގައި އުފެއްދި ދެވެކްސިނެއް މިހާރު އަންނަނީ އިންސާނުންނަށް ފައިދާ ހުރި ގޮތެއްގައި ބޭނުން ކުރެވިދާނެތޯ ބެލުމަށް ޓެސްޓް ކުރެވެމުން ނެވެ.

މިބަލި ހުރިތޯ ބެލުމަށް ކުރެވޭ ޓެސްޓް ތަކުގެ ތެރޭގައި "ރިވާސް ޓްރާންސްކްރިޕްޝަން ޕޮލިމަރޭސް ޗެއިން ރިއެކްޝަން" ކިޔާ ޓެސްޓަކާ "ޓިޝޫ ކަލްޗަރ" ކިޔާ ޓެސްޓެއް ހިމެނެ އެވެ. މީގެ ތެރެއިން ފަހުން މި ދެންނެވި ޓެސްޓަކީ ވަރަށް ގިނަ ރައްކާތެރި ކަމުގެ ފިޔަވަޅު އަޅައިގެން ހަދާ ޓެސްޓެކެވެ. އެއީ ލެބޯޓްރީ ގެ މުވައްޒަފުންނަށް ބަލި ފެތުރިދާނެތީ އެވެ.

އެބޯލާއިން ރައްކާތެރިވުމަށް ހުރިހާ އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރަން ޖެހެ އެވެ. މީގެ ތެރޭގައި އެފަދަ ހާލަތެއް ދިމާވެއްޖެ ހިނދެއްގައި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން އަންގާ އެންގުން ތަކަށް ކަމޭ ހިތައި އެކަކަށް އުފުލަން ޖެހޭ ތަކުލީފަކީ މުޅި މުޖުތަމައުގެ ރައްކަލަށް ކުރާ ކަމެއް ނަމަ އެއްވެސް ފަސްޖެހުމެއް ނެތި އެކަމަކަށް ފުރިހަމަ އެއްބާރުލުން ދޭން ޖެހޭނެ އެވެ. މީގެ ތެރޭގައި ވަރަށް ގާތް އާއިލާގެ މީހަކު ނުވަތަ ކުއްޖަކު އެހެން މީހުނާ ދުރުގައި އެކަހެރި ކޮށްގެން ފަރުވާދޭން ޖެހޭ ފަދަ ހާލަތެއް ވެސް މެދުވެރި ވެދާނެ އެވެ.

އެބޯލާ ޖެހިއްޖެ ކަމަށް ޝައްކު ކުރެވޭ މީހަކު އުޅޭނަމަ އެކަން އެއްގޮތަކަށް ވެސް ފޮރުވައިގެން ނުވާނެ އެވެ. މިހެން ހަދައިފި ނަމަ ފަހުން ލިބޭ ގެއްލުން މާ ބޮޑު ވެދާނެ އެވެ. އަދި ބަލި ޖެހިފައިވާ މީހަކާއި ކައިރީ ގައި އުޅެން ޖެހިއްޖެ ހާލަތެއްގައި ހުރިހާ އެންމެން ވެސް ރައްކާތެރިކަމުގެ އާލާތްތައް ބޭނުންކުރަން ޖެހޭނެ އެވެ. މީގެ ތެރޭގައި މުޅި ހަށިގަނޑު ފޮރުވޭ ފަދަ ކަމަށް ޚާއްސަ ހެދުން އެޅުން، އަތަށް ދެ އަންގި ލެއްވުން، އަދި ބޫޓު ބޭނުން ކުރުން، ލޯ ފޮރުވޭ ކަހަލަ މޫނުމައްޗެއް ބޭނުން ކުރުން، ބަލި މީހާގެ ނަޖިސް އަދި އޭނާގެ ހަށިގަނޑުގައި ހޭކިފައިވާ ކަފަ، ސިރިންޖު ފަދަ ތަކެތި ވަގުތުން ނައްތާލުން ހިމެނެ އެވެ. އަދި މިކަން ކުރަން ހަވާލު ކުރާ މީހުން އެކަން ކުރަނީ ސިއްހީ ގޮތުން ރައްކާތެރި ގޮތެއްގައިތޯ ބަލަން ވެސް ޖެހެ އެވެ. އެމީހުން ގެންދާ ކުނީގެ އެއްވެސް ބައެއް މަގުމައްޗަށް ނުވަތަ އެހެން އެއްވެސް ތާކާށް އެޅިގެން ނުވާނެ އެވެ.

ދެން އޮތް ކަމަކީ މިފަދަ ދުވަސް ވަރެއްގައި އަދި އަބަދު ވެސް އަތް ސާފުކޮށް ދޮވެފައި ބެހެއްޓުމެވެ. އެބޯލާ ޖެހުމުން ބަލި އެހެން މީހުންގެ ގަޔަށް އަރާނީ ބަލީގެ އަލާމާތްތައް ފެނުމުން ނެވެ. ބަލި ޖެހި ފަސޭހަވުމުން ވެސް އަހަރެއްހާ ދުވަސް ވާންދެން އެމީހެއްގެ ހަށިގަނޑުގައި ބައްޔަށް "އިމިއުނިޓީ" ހުންނަކަމަށް ވެއެވެ. ނަމަވެސް މި ބަލީގެ ތަފާތު ވައްތަރުތައް އުޅުމާއި އެކު ހުރިހާ ވައްތަރަކުން ސަލާމަތް ވާނެ ކަމެއް އަދި އެނގިފައެއް ނެތެވެ. އަދި ބަލިޖެހި ފަސޭހަވާ މީހުން ތިން މަސް ވާންދެން ޖިންސީ ގުޅުން ނުހިންގުމަށް ވެސް ކަމާއި ބެހޭ މާހިރުން ލަފާ ދެއްވަ އެވެ. ސަބަބަކީ ބަލީ ގެ އަސަރު ގާތްގަނޑަކަށް ތިން މަސް ވާންދެން ޖިންސީ ގުނަވަނުގައި ހުންނާތީ އެވެ.

އެބޯލާ މި ފަހަރު ފެނުނީ މިއަހަރު ގެ މާރޗް މަހުގަ އެވެ. އަދި މިފަހަރު ކަންތައްތައް ވަމުންދާ ގޮތުން ދުނިޔޭގެ ގައުމުތަކަށް ވަރުގަދަ ފިލާވަޅެއް ލިބިގެން އެބަދެ އެވެ. ބަލި ފެށުނު އިރު ދުނިޔޭގެ ބޮޑެތި ގައުމުތަކުން ބައްޔަށް ދޭންވާ ވަރާ ގާތަށް ވެސް ސަމާލުކަން ދީފައެއް ނުވެ އެވެ. ކީއްވެގެން ތޯއެވެ؟ އެއީ އެފްރިކާ ބައްރުގެ ފަގީރު ހިސާބެއްގެ ކަމަކަށް ވީތީ އެވެ. ހޭވެރިކަން ވެ ސަމާލުވާން ގިނަ ގައުމުތަކަށް އެނގުނީ ބަލި އައިސް އަމިއްލަ ގޭގެ ދޮރުގައި ޓަކި ޖަހާ ހިސާބަށް ދިއުމުންނެވެ. މިހާ ހިސާބަށް ދިޔައިރު ޚުދު ގައުމުތަކުގެ ބައެއް ފަރުދުން ބަލި ހިފައިގެން އެގައުމު ތަކަށް އެތެރެވެ ނިމިއްޖެ އެވެ. މީން އިނގޭ ކަމަކީ ދުނިޔެ މިވަރަށް ހުޅުވިފައިވާ ޒަމާނެއްގައި މިހެން ދިމާވާ ރޯގާ ތަކާއި މެދު މުޅިދުނިޔެ ސަމާލުވެ މުއްސަނދި ގައުމުތަކުން ފަގީރު ގައުމުތަކަށް އެހީތެރިކަމުގެ އަތެއް ފޯރުނުކޮށް އިހުމާލުވެއްޖެ ނަމަ ލަސްތަކެއް ނުވެ ހުރިހާ ކަމެއް ހުއްޓާލާފައި މިކަމާ އެންމެން ދުއްވައިގަންނަން ޖެހޭނެ ކަމެވެ.

އަޅުގަނޑުމެންގެ ރާއްޖޭގައި ވެސް އެބޯލާ ބަލިން ރައްކާތެރިވުމަށް ގިނަ ކަންތައްތަކެއް ކުރަން ޖެހެ އެވެ. ރާއްޖެ އަކީ ފަތުރުވެރިންނަށް ނުހަނު ބޮޑަށް ބަރޯސާ ވާ ގައުމަކަށް ވުމާ އެކު ބަލި ޖެހިފައިވާ މީހަކު ރާއްޖެ އަށް އެތެރެ ނުވޭތޯ، ވީ އެންމެ ބޮޑު މިންވަރަކުން ބަލައި ކަށަވަރު ކުރާން ޖެހޭނެ އެވެ. އަދި އެތެރެ ވެއްޖެ ހިނދެއްގައި ނުވަތަ ޝައްކެއް ވެސް އުފެދިއްޖެ ހިނދެއްގައި އެމީހަކަށް ފަރުވާ ދީ ވާގޮތެއް ބެލުމަށް ޓަކައި އެކަހެރި ކުރެވެން ޖެހޭނެ އެވެ. ދިވެހި މުހާވިރާ އެއްގައި އޮންނަ ފަދައިން ރައްކާ ވެ ތިބިއްޔާ ދަތުރެވެ.
ގުޅޭ ޓެގު
comment ކޮމެންޓް