ލޮލުރޯގާ އެތައް ލޮލަކުން

މިދުވަސް ވަރަކީ އަނެއްކާ ވެސް ގިނައިން ލޮލުރޯގާ ފެންނަ ދުވަސް ވަރެކެވެ. މިފަދަ ދުވަސް ވަރެއްގައި ރޯގާ އާއިބެހޭގޮތުން ހޭލުންތެރިވެ ރައްކާރެތިކަމުގެ ފިޔަވަޅުތަށް އެޅުމަކީ މުހިންމުކަމެކެވެ. މިރޯގާ ހަމަ ކޮންމެ އުމުރުފުރައެއްގެ ކޮންމެމީހަކަށް ވެސް ޖެހިދާނެއެވެ. ވަރަށް ކުޑަކުދީންނަށްވެސް ރޯގާޖެހޭތަން އެބަފެނެއެވެ. ގިނަފަހަރު ގޭގެ ކޮންމެވެސް ބޮޑުމީހަކަށް ޖެހުމުން ނޫނީ ރޯގާޖެހިފައިވާ އެހެން ކުޑަކުދީން ނުވަތަ ބޮޑެތި މީހުންނާ އެކީގައި ވަގުތު ހޭދަ ކުރުމުން ވެސް ރޯގާ ޖެހޭ ގޮތް މެދުވެރިވެއެވެ. ރޯގާޖެހުމުން ލޯރަތްވެ ލޮލުން ފެންއައިސް އަދި މަޑުލާގޮތްވެއެވެ. މީގެއިތުރުން މަތީބޮނޑި އަދި ތިރީ ބޮޑި ދުޅަވާތަން ފެނެއެވެ. އަދި ބައެއްފަހަރު ނުސާފުކޮށް ފެންނަހެންވެސް ހީވެދާނެއެވެ. މިހެންވެގެން އުޅޭ ފުރަތަމަ ހައެއްކަ ދުވަސް ވާންދެން ދުވަހެއް ދުވަހަކަށް ލޯރަތްވެ ގޯސްވަމުންދާހެން ވެސް ހީވާނެއެވެ. ނަމަވެސް އެންމެފަހުން މަޑުމަޑުންގޮސް ރަނގަޅުވެދާނެއެވެ. މިހެންވާ އިރު ބައެއްމީހުން ކުޑަކޮށް ހުންވައްތަރުވެ ކަރުގައި ނުވަތަ ކަންފަތް ކައިރީގައި ގޮށްލާތަންވެސްފެނެއެވެ. އަދި ކަރުތެރެ ސަކަރާތްވުމަކީ ވެސް ވެދާނެކަމެކެވެ. މީގެ އިތުރުން ހުދުކަޅިބޭރަށް ނުކުމެ ލޮލަށް ލޭއަރާ ގޮތްވެސް ދިމާވެދާނެއެވެ.

ދެން ދިމާވާ އަނެއް ކަމަކީ ލޮލުގައި މަޑުލުމެވެ .ވައިރަލް ލޮލުރޯގާޖެހުމުން ހުރިހާ ފަހަރަކު ލޮލުގައި ގިނައިން މަޑުނުލާ ހިނގައިދާނެއެވެ. ނަމަވެސް ގިނަފަހަރު ކޮންމެވެސް ވަރަކަށް މަޑުލާ އެސްފިޔަތައް ތަތްވާގޮތްވާތަންފެނެއެވެ. އަދި ބައެއްފަހަރު މަތީ ބޮނޑީގެ ނުވަތަ ތިރީބޮނޑީގެ ދަށުގައި ހުންނަ އޮމާންކަންކެނޑި ރާޅުވެ އެކިދިމަދިމާ އުފުލިފައި ހުންނަގޮތްމެދުވެރިވެއެވެ. މިހުރިހާ ކަމެއްހެން ރޯގާޖެހިނިމުމުން ފިލައިގެންހިނގައިދާނެއެވެ.

މިފަހަރު މިފެންނަ ލޮލުރޯގާ ޖެހުމުން ތަފާތު އެކިގޮތްގޮތްވެގެން އަންނަތަން އެބަފެނެއެވެ. މީގެތެރެއިން އަޅުގަނޑަށް ފެނުނު ބައެއްކަންތައްތައް ކުރުގޮތަކަށް ދަންނަވާލާނަމެވެ. ރޯގާ ޖެހުމުން ވަރަށް ގިނަމީހުން އަންނާނީ ކުއްލިއަކަށް ލޯރަތްވެ ފެންއަންނާތީ އެވެ. ނަމަވެސްމަދުމަދުން ނަމަވެސް ލޮލުރޯގާ ނޫން އެހެން ކަމެއްދިމާވެގެން ވެސް މިގޮތަށް ލޯރަތްވެ ފެން އަތުވެދާނެއެވެ. އެއްދުވަހަކު ދިމާވި ޕޭޝަންޓެކެވެ.އާންމުކޮށް ބަލިމީހުން ބައްލަވާ ޑޮކްޓަރަކު ލޮލުރޯގާކަމަށް ހީކޮށް ޔަގީންކޮށްލަން ފޮނުވި މީހެކެވެ. އަޅުގަނޑު ބެލިއިރު އެއީ އަދި ލޮލުރޯގާ އަށްވުރެވެސް ގޯސް ކަމެކެވެ. ކަޅުކަޅީގައި ހުރި ފާރުކޮޅެކެވެ. ކަޅުކަޅީގައި ފާރުކޮޅެއްޖެހުމަކީ ވަރަށް އަވަހަށް ލޮލުގެ ޑޮކްޓަރެއްގެ އިރުޝާދުގެދަށުން ފަރުވާކުރަންޖެހޭ ކަމަކަށް ވުމާއިއެކު މިދުވަސްވަރު ލޮލުރޯގާކަމަށް ހީކޮށް މިފަދަ މުހިންމުކަންތައްތައް ފާހަގަ ނުކުރެވުމަކީ ފަހަރުގައި ލޯ އަނދިރި ވެދާނެފަދަ ކަމެކެވެ. ދެން ދިމާވިކަމެއްގެ ވާހަކަވެސް ދަންނަވާލާނަމެވެ.

ލޮލުރޯގާ ޖެހިގެން އައި ކުޑަ ކުއްޖެކެވެ. އޭނާގެ ދެލޮލަށްވެސް ރޯގާޖެހިފައިވުމާއިކު ލޮލަށް އަޅަންބޭސްދީފައި ހަތަރުވަރަކަށް ދުވަސްފަހުން ދައްކަންޖެހޭ ވާހަކަ ބުނީމެވެ. ދެންވީ ގޮތަކީ ދައްކަން އޮތްދުވަހަށް ވުރެވެސް އަވަހަށް އެކުއްޖާ އަތުވެއްޖެއެވެ. އޭނާގެ ލޮލުގައި ބޮޑުކުނިކޮޅެއް އިނދެ ލޯފުސްވާހެން ހީވެގެންނެވެ. އަޅުގަނޑު ބެލިއިރު މިވީގޮތަކީ މިކުއްޖާއަށް ގޭގައި ދެތިންދުވަސްވަންދެން މާބޮޑަށްލޯއުނގުޅާލެވުނީއެވެ. ލޮލުރޯގާޖެހި ލޯ ރަތްވެފައި ހުންނައިރު ބޮޑަށް އުނގުޅުމުން މިވާގޮތަކީ ލޮލުގެ ކަޅުކަޅީގެ އެންމެމަތީގައި އިންނަފަށަލަ ނައްޓައިގެންދާގޮތް ވަނީއެވެ. މިހެންވެއްޖެނަމަ އަވަހަށް މިކަމަށް ފަރުވާލިބިގަންނަންޖެހެއެވެ. މިކުއްޖާވެސް ޖެހުނީ ހޮސްޕީޓަލްގައި ފަސްވަރަކަށް ދުވަހު ބާއްވައިގެން ދެލޯމެ ބެންޑޭޖް ކޮށްގެންފަރުވާދޭށެވެ. މިހެން ނަހަދައިފިނަމަ ފަހަރުގައި ނެއްޓުނުތަނަށް ޖަރާސީމު ވަދެ ފާރުގަޑަކަށްބަދަލުވެ ފެނުމަށް ދާއިމީ ބަދަލުތަކެއް އަތުވެ ލޯއަނދިރިވާގޮތް ވެދާނެއެވެ.

ދެންދިމާވާ އަނެއްކަމަކީ ރޯގާރަނގަޅުވާ އިރު ލޯ ފުސްވާގޮތް ވުމެވެ. މިހެންދިމާވާން މެދުވެރިވާ ސަބަބަކީ ރޯގާޖެހޭ ބައެއް މީހުންގެ ކަޅުކަޅިއަށް ފުސްތަންތަންކޮޅު އަރާގޮތް ވާތީއެވެ. މިކަމަކީ ރަނގަޅުވާން ދުވަސްކޮޅެއް ނަގާ ކަމެކެވެ. އަދިވެސް ދިމާވި މީހެއްގެ ވާހަކަ ދަންނަވާލާނަމެވެ. މިޕޭޝަންޓް އަޅުގަނޑަށް ދެއްކީ ރޯގާ ޖެހިގެން އުޅޭތާ ތިންހަފްތާ ވީފަހުން ރަނގަޅުނުވެ ލޮލުން އަންނަކަރުނައިގައި ލޭކުލަ ހުންނާތީއެވެ. އޭރު އޭނާ ކިތަންމެ ބޭހެއް ލޮލަށް އަޅައިފިއެވެ. އެކަމަކު ލޮލުގެ ރަތްކަމަށް އަދި ދުޅަޔަށް އެއްވެސްވަރެއްގެ ބަދަލެއް ނާންނަވާހަކަ ބުންޏެވެ. މީނާއަށް ވެފައި ހުރިގޮތަކީ ލޮލުގެ ތިރީބޮނޑި އަދި މަތީބޮނޑީގެ ދަށަށް ދުލިފަށެއް އެރީއެވެ. މިހެން ވެއްޖެނަމަ ދުލިފަށް އަވަހަށް ނައްޓައި ކަމާ ގުޅޭގޮތަށް ބޭސް އަޅަންޖެހެއެވެ. މިހެން ނަހަދައިފިނަމަ ފަސޭހަވާން ވަރަށް ގިނަދުވަސްނަގައި އަދި އެންމެފަހުން ދުލިފަށް އިންދިމާލުގައި ކުރަކިކޮށް އިންނަ ލަކުނެއް ލައިފާނެ އެވެ. މީވެސް ބަލިމީހާއަށް އުނދަގޫތަކެއް ވާނެ ކަމެކެވެ ބޮޑެތި މީހުންގެ ދުލިފަށް ނައްޓައިލާނީ ޑޮކްޓަރު ބަލާކޮޓަރީ ގައެވެ. އިށީނދެގެން އިންދާވެސް ނައްޓައިލެވި ދާނެއެވެ. ނަމަވެސް މާބިރުން އުޅޭ މީހެއް ނަމަ ތަނެއްގައި ބޭއްވުން ބުއްދިވެރިއެވެ. މިހެން މިދެންނެވީ ދުލިފަށް ނައްޓަނިކޮށް ހާސްވެގެން އަނބުރައިގަނެ އިރުކޮޅަކަށް ޚަބަރު ހުސްވި މީހުނާ ވެސް އަޅުގަނޑާ ދިމާވެފައިވާތީއެވެ. ކުޑަކުދީންގެ ދުލިފަށް ނައްޓަންޖެހޭނީ ހޭނައްތައިގެނެވެ.

މިހާރު މިފެންނަމުންދާ ލޮލުރޯގާޖެހުމުން ވާގޮތަށް ބަލާއިރު ދެވައްތަރެއްގެ ލޮލުރޯގާ އެބަފެނެއެވެ. އެއް ވައްތަރަކީ ލޮލުރޯގާގެ އެހެން އުނދަގޫ ތަކާ އެކު ލޮލުގައި ދުލިފަށްލާ ވައްތަރެވެ. މިއަށް އިނގިރޭސި ބަހުން ކިޔަނީ "އެޕިޑަމިކް ކެރަޓޯ ކޮންޖަންކްޓިވައިޓިސް"އެވެ. އަނެއް ވައްތަރަކީ ލޮލުރޯގާ ގެ އިތުރުން މީހާ ހުން އައިސް ކަރުތެރެފާރުވެ އަދި ބޮލުގައި ރިއްސާ ވައްތަރެވެ. މީގައި ކަޅުކަޅިއަށް ވަރަށް މަދުފަހަރަކު ނޫނީ ބަދަލެއް ނާންނާނެއެވެ.
މިތަނުން ކޮންމެ ވައްތަރެއްގެ ލޮލުރޯގާއެއް ޖެހުނަސް ދެހަފްތާވަރު ވަންދެން އެމީހެއްގެ ގަޔަށް ބަލީގެ އަސަރު ކޮށްފާނެއެވެ. މިހެންވުމާއިއެކު ރޯގާ ޖެހުމުން ރަނގަޅު ވާންދެން މަސައްކަތަށް ނުގޮސް ގޭގައި މަޑުކުރުމަކީ ރޯގާ ފެތުރުނަ ނުދިނުމަށް ކުރަންޖެހޭކަމެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް