ނިދާ ގަޑީގައި ލޮލަށް އަލި އެޅޭފަދަ ކަންކަމުން ދުރުހެލިވުން

ޒަމާން ތަރައްގީ ވެ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅި އަށް ބޮޑެތި ބަދަލު ތަކެއް އަތުވެއްޖެ އެވެ. މިއަދު، މޯބައިލް ފޯނު ލެޕްޓޮޕް ނުވަތަ އައިޕެޑެއް ނުގެންގުޅޭ މީހަކު ނެތޭ ދެންނެވިއަސް ދޮގަކަށް ނުވާނެ އެވެ. ނަމަވެސް މިތަކެތި ބޭނުން ކުރެވެނީ އޭގެ އެންމެ ރަނގަޅު ގޮތުގައި ތޯ ބަލަން ޖެހެ އެވެ. ނޫން ނަމަ ނުރަނގަޅު ގޮތްތަކަކީ ކޮބައިތޯ ބަލައި އެކަމުން ދުރުހެލި ވާން ޖެހެއެވެ.

އިނގިރޭސިވިލާތުގައި ކުރި ދިރާސާ އަކުން އެނގުނު ގޮތުގައި 1950 އިން ފެށިގެން 2000 ވަނަ އަހަރާ ދެމެދު މީހުންގެ ލޮލަށް ރޭގަނޑުގެ ވަގުތު ތަކުގައި ވަންނަ އަލީގެ އަދަދު ވަނީ ހަތަރު ގުނަ އަށް އިތުރު ވެފައެވެ. މީގެ ތެރޭގައި ބޮކި އަލި، ދުއްވާ އުޅަނދުތަކުން އެޅޭ އަލި، މަގުމަތީ ބައްތިތަކާ ފިހާރަ ފިހާރައިގެ ނަންބޯޑު ތަކުން އެޅޭ އަލި އަދި ފޯނު، ލެޕްޓޮޕް، އަދި އައިޕެޑް ފަދަ ތަކެތީން އެޅޭ އަލި ހިމެނެ އެވެ.

ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ އަނދިރި ވަގުތު ތަކުގައި ހަށިގަނޑުން ނިދުމަށް ބާރު އަޅާ "ހޯރމޯން" އެއް ކަމުގައިވާ “މެލަޓޮނިން” ބޭރުކުރަން ފަށާނެ ކަމެވެ. މިކެމިކަލް ހަށިގަނޑުގައި އެންމެ ގިނައިން ދައުރު ވާނީ މެންދަމުން އަލިވެ ދޭއް ޖަހާ އިރުއެވެ. ނަމަވެސް އެގަޑީގައި ވެސް ލޮލަށް އަލި އަޅުވައިގެން އިނދެއްޖެ ނަމަ ސިކުނޑީގެ މި ހޯރމޯން ބޭރު ކުރާ ބައިތަކަށް އޮޅުން އަރައި ބޭރުކުރަންވާ ވަރަށް ބޭރުނުކޮށް ހިފަހައްޓާލަފާ ނެއެވެ. ނަތީޖާ އަކަށް ވާނީ ފުރިހަމަ ނިދި ނުލިބި ނޫނީ ނިދަންވާ ވަރަށް ނުނިދި ނުވަތަ ލަހުން ނިދި އަންނަ ގޮތް ވުމެވެ. މީގެ ނަތީޖާ އަކީ ހަށިގަނޑަށް ފުރިހަމަ އަރާމު ނުލިބި ނިދިބަރު ކައިގެން ހުރެ އަނެއް ދުވަހު މަސައްކަތަށް ދިއުމެވެ. ނުވަތަ ސްކޫލަށް ދިއުމެވެ. މިހެން މިކަން ވެއްޖެނަމަ އެކުއްޖަކަށް ނުވަތަ އެމީހަކަށް އޭނާ ކުރާ މަސައްކަތް އޭގެ އެންމެ ފުރިހަމަ ގޮތުގައެއް ނުކުރެވޭނެ އެވެ.

“މެލަޓޮނިން" އަކީ ހަށިގަނޑު ގައި ހަކުރު ދައުރުވާ ވަރު އަދި ލޭގެ ޕުރެޝަރު އެއްވަރެއްގައި ހިފަހެއްޓުމުގައި ވެސް މުހިންމު ދައުރެއް އަދާކުރާ ހޯރމޯން އެކެވެ. މިހޯރމޯން ދައުރުކުރަންވާ ވަރަށް އޭގެ ވަގުތުގައި ދައުރު ނުކޮށް ހިފެހެއްޓޭ ނަމަ ރޭގަނޑުގެ އަރާމު ނިދި ނުލިބި ހިނގައިދާނެއެވެ. މިގޮތަށް ނިންޖަށް ބަދަލު އަންނަ މީހުންނަށް ހިތުގެ ހިނގުން ކުއްލިއަކަށް ހުއްޓުމުގެ ބަލި އެހެން މީހުންނަށް ވުރެ 50 ޕަސެންޓް އިތުރަށް ޖެހޭ ކަމަށް ދިރާސާތަކުން އެނގެ އެވެ. އަދި ވާގި ނެތޭ ބަލި ވެސް 15 ޕަސެންޓު އިތުރަށް ޖެހޭ ކަމަށް ދިރާސާ ތަކުން ދައްކައެވެ.

ރޭގަނޑު ނިދާ ވަގުތު ގިނައިރު ފޯނަށް ބަލަހައްޓައިގެން އޮތުމުން ބަޑުހައިކަން އިތުރުވާ ކަމަށް ވެސް ވެއެވެ. މިހެން ދިމާވަނީ "ގުރެލިން" އަދި "ލެޕްޓިން" ނަމަކަށް ކިޔާ ދެވައްތަރެއްގެ ހޯރމޯން ހަށިގަނޑުގައި ދައުރުވާ ވަރު އިތުރު ވުމުންނެވެ. މިދެ ހޯރމޯން އިން ވެސް ކާހިތް އިތުރު ކޮށްދޭ ކަމަށް ވެއެވެ. މިދެ ހޯރމޯން އަކީ ވެސް ކުރީގައި ދެންނެވުނު "މެލަޓޮނިން" އިން ކޮންޓްރޯލް ކުރާ، އަލި ގަދަ އިރު ހަށިގަނޑުގައި ގިނައިން ދައުރުވާ އަދި އަލި މަޑު އިރު މަދުން ދައުރުވާ ދެ ހޯމޯން އެވެ. ގުދުރަތީ ގޮތުން ހަށިގަނޑު ގެ ނިޒާމު ރުކުރުވާ ލެވިފައި ވަނީ އަލި ވަގުތަކީ ދުވާލުގެ ވަގުތު ކަމުގައި ދެކި އެ ވަގުތު ތަކުގައި ބަޑުހައިކަން ވެސް އިތުރުވާ ގޮތަށެވެ. މިއާ ހިލާފަށް އަނދިރި ވެއްޖެނަމަ ހަށިގަނޑުން ބަލާނީ އެއީ އަރާމުކުރަން އޮތް ރޭގަނޑުގެ ވަގުތު ކަމުގައެވެ. ދެން ވާނެ ގޮތަކީ ކާންވީ ވަރަށް ވުރެ ގިނައިން ނިދާ ގަޑީ ކެވި މީހާގެ ބަރުދަން އިތުރު ވުމެވެ.

ރޭގަނޑު މިގޮތަށް ނިދި ނުލިބިއްޖެނަމަ ބައެއް ވައްތަރުގެ ކެންސަރު ބައްޔަށް ވާރުތަކުރާ ކަމަށް ވެސް ވެއެވެ. އޭގެ ތެރޭގައި އަންހެނުންގެ އުރަމައްޗަށް ޖެހޭ ކެންސަރު ހިމެނެ އެވެ. ސައިންސްވެރިން ވިދާޅުވާ ގޮތުގައި މިހެން ދިމާވާން މެދުވެރިވެދާނެ އެއްސަބަބަކީ "މެލަޓޮނިން" ހަށިގަނޑުގައި ދައުރުވާ ވަރު މަދުވާ ވަގުތު ތަކުގައި "އީސްޓުރޮޖެން" ކިޔާ ހޯރމޯން އެއް ހުންނަންވީ ވަރަށް ވުރެ އިތުރުވެގެން ދިއުމެވެ. މި ހޯރމޯން އަކީ ހުންނަން ވީ ވަރަށް ވުރެ އިތުރު ވެއްޖެނަމަ ކެންސަރަށް ވާރުތަ ކުރާ ހޯރމޯން އެކެވެ.

ފާހަގަ ކޮށްލަން ޖެހޭ މުހިންމު އަނެއް ކަމަކީ ނިދާ ވަގުތު ލޮލަށް ބޮކީގެ ގަދަ އަލި ނުވަތަ ކޮމްޕިއުޓަރު ގޭމް ކުޅޭ އިރު އެޅޭ ފަދަ އަލި، އެޅޭ ކުޑަކުދީންނަށް މީގެ އަސަރު ދެގުނައަށް ކުރާ ކަމެވެ. އެއީ މިހެން ވެއްޖެނަމަ "މެލަޓޮނިން" އެކުދީންގެ ގައިގައި ހުންނަންވާ ވަރަށް ވުރެ ދެގުނައަށް ދަށް ވެގެން ދާތީ އެވެ. މުސްކުޅި އުމުރުފުރައިގެ މީހުންވެސް ނިދުމުގެ ކުރީގެ ވަގުތު ތަކުގައި ބޮކީގެ ގަދަ އަލީގައި ގިނަ އިރު ހޭދަކޮށްފި ނަމަ ހަކުރު ބަލި ޖެހުމުގެ ފުރުސަތު 50 ޕަސެންޓަށް އިތުރު ވާ ކަމަށް ވެއެވެ. މީގެ އިތުރުން އަނެއް ދުވަހު ހުންނާނީ "މޫޑު" ގޯސްވެ ހެނދުނު ތެދުވާ އިރު ހުންނަންވީ ހިތްހަމަ ޖެހުމާ ނިދި ފުރިހަމަ އަށް ލިބުމުން ފެންނަ ތާޒާ ކަން ކެނޑިގެން ގޮސްފައެވެ.

ވީމާ މުސްކުޅި އުމުރުގެ މީހުން ވެސް ރޭގަނޑު ނިދުމުގެ ކުރީން ލޮލަށް ތަންކޮޅެއް ފަސޭހަ ފަނޑު އައްޔެއްގައި ވަގުތު ހޭދަކުރުމަކީ ސިއްހަތަށް ފައިދާ ކުރާނެ ކަމެކެވެ. މީގެ މާނައަކީ ތަންތާގައި އަޅައިގަނެ ވެއްޓޭ ވަރަށް އަނދިރިކޮށްގެން ހިނގައި ބިނގައިވެ އުޅުމެއް ނޫނެވެ.

މިކަމާ ގުޅޭ ދިރާސާ ތަކުން އިނގޭ ކަމަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ހަށިގަނޑަށް ރޭގަނޑާއި ދުވާލު އޮޅޭ ގޮތްވެ ބޭނުންވާ ރަނގަޅު ގޮތުގައި ނިދި ނުލިބިއްޖެނަމަ ސިއްހަތަށް ނުބައި އަސަރުތަކެއް ކުރާނެ ކަމެވެ. މިއީ ހެޔޮވިސްނޭ އެއްވެސް މީހަކު ބޭނުން ވާނެ ގޮތެއް ނޫނެވެ.

ދިވެހީންގެ އަދުގެ ދިރިއުޅުމުގެ ވައްޓަފާޅި ހުރިގޮތަށް ބަލާ އިރު، ރޭގަނޑު ނިދެމުންދާ ވަގުތުގައި ވެސް ލޮލަށް އެކި ކަހަލަ އަލިތައް އެޅޭފަދަ ކަންކަން ވަރަށް ގިނައިން ކުރާތަން އެބަ ފެނެ އެވެ. ނިދިގެން ވެއްޓެންދެން މޯބައިލް ފޯނު ނުވަތަ އައިޕެޑާ ކުޅެން އޮތުން ނުވަތަ ލެޕްޓޮޕުން މަސައްކަތެއް ކުރާން އިނުން ފަދަ ކަންކަމަކީ މީގެ ތެރޭގައި ވަކީން ހާއްސަކޮށް ފާހަގަކޮށްލަން ޖެހޭ ކަންކަމެވެ. ދިވެހި ޒުވާން ޖީލު އަދި ސްކޫލު ތަކުގައި އުޅޭ ކުދީން ލޮލަށާއި ސިއްހަތަށް ނުހަނު ގެއްލުން ދެނިވި މި އާދަ އަށް ދެވި ހިފައިފާލެއް އިންތިހާ އަށް ބޮޑެވެ.

މިކަންކަމުގެ ސަބަބުން ލޮލަށާއި ސިއްހަތަށް ލިބޭ ގެއްލުން ވަގުތުން ނޭނގިދާނެ އެވެ. ނުވަތަ ފާހަގަ ނުވެދާނެ އެވެ. އެހެން ނަމަވެސް ކުރީން ވެސް މި ދަންނަވާލި ފަދައިން، ރޭގަނޑުގެ އަރާމު ނިންޖަށް ލޮލާއި ހަށިގަނޑު ބޭނުންވާ ވަގުތު ތަކުގައި، ގަދަ އަލީގެ ތެރެއަށް ތިބާގެ ލޮލާއި ސިކުނޑި ހުސްކޮށްލައިގެން އޮންނަ ކޮންމެ ވަގުތަކީ އޭގެ ސަބަބުން ލޮލަށް ގެއްލުންތައް ލިބެމުންދާނޭ ވަގުތެކެވެ.

އެހެން ކަމުން އަޅުގަނޑުގެ ނަސޭހަތަކީ ކުރިޔާލާ ސިއްހަތަށް ރައްކާތެރި ވުމެވެ. އެއްވެސް މީހަކު އެނގިހުރެ، ތިމާގެ ލޮލަށާއި ސިއްހަތަށް ގެއްލުމެއް ލިބޭ ފަދަ ކަމެއް ނުކުރުމެވެ. ބެލެނިވެރީން ވެސް ކުޑަ ކުދީން މި ފަދަ އާދަތަކުން ދުރުކުރުމެވެ.
ގުޅޭ ޓެގު
comment ކޮމެންޓް