"ލޭސިކް" ސާޖަރީގެ ކުރިން ވިސްނަންވީ ކަންކަން

ލޭސިކް ނުވަތަ ލޮލުގެ އައިނު ނަންބަރު ކުޑަކުރުވަން ކުރާ ސާރޖަރީ އަކީ މިޒަމާނު ގައި އެންމެ ގިނައިން އަދި އެންމެ ކާމިޔާބު ކަމާއި އެކީ ކުރެވޭ ލޮލުގެ އެއް އޮޕަރޭޝަނެވެ. ނަމަވެސް މިއޮޕަރޭޝަނަކީ ދާއިމީ ބަދަލުތަކެއް ލޮަލަށް ގެނެސްދޭ ކަމަކަށް ވުމާއި އެކު މިކަން ކުރުމުގެ ކުރީގައި ވިސްނާލަން ޖެހޭ ބައެއް މުހިންމު ކަންތައް ތަކެއް ހުރެ އެވެ. އެންމެ މުހިންމު އެއްކަމަކީ މިކަން ކުރަނީ މިކަމުގެ ތަޖްރިބާ ހުރި ޑޮކްޓަރެއްތޯ ބެލުމެވެ. އަދި މިކަން ކުރެވޭ ހޮސްޕިޓަލަކީ ގިނަގިނައިން މިއޮޕަރޭޝަން ކުރެވޭ ކަމުގެ ތަޖުރިބާކާރު ޓީމެއް ހިމެނޭ ތަނެއްތޯ ބެލުމަކީވެސް މުހިންމުކަމެކެވެ. މީގެ އިތުރުން ފާހަގަ ކުރަން ޖެހޭ މުހިންމު އަނެއް ކަމަކީ ވަރަށް ކުޑަ ނަންބަރެއްގެ އައިނެއް އަޅާނަމަ މިއޮޕަރޭޝަން ނުކޮށް އައިނެއް އެޅުން ބުއްދިވެރިވާނެކަމެވެ. ބޮޑެތި އައިނު އަޅާމީހުން ބައެއް ފަހަރު ދެފަހަރަށް މިއޮޕަރޭޝަން ކުރަންޖެހޭ ތަން ވެސް އަތުވެދާނެއެވެ. މިކަން ވެސް ކުރީން އޮޅުން ފިލުވުމުން ފަހުން މިކަމާ ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެއެވެ.

ލޭސިކް އޮޕަރޭޝަނަކީ ހުރިހާ މީހުންގެ ލޮލަށް ދެވޭ ފަރުވާއެއް ނޫންކަން ވެސް ހަނދާން ކުރަންޖެހެއެވެ. ބައެއްކަހަލަ ހާލަތުތަކުގައި މިކަން ކުރުމަކީ އެއްގޮތަކަށް ވެސް ބުއްދިވެރި ކަމެއް ނޫނެވެ. މިސާލަކަށް ލޮލުގައި އާދަޔާ ޚިލާފަށް ކަރުނަ ހިކޭ މީހުން، ކަރުނަ ވަޅު ނުސާފު މީހުން، ކަޅުކަޅީގައި އުފެދުމުގެ އުނިކަމެއްވާ މީހުން، ލޮލަށް ވައިރަހެއްގެ އަސަރު ދޭތެރެ ދޭތެރެއިން ކުރާމީހުން (މިސާލަކަށް ހަރޕީސް ނަމަކަށް ކިޔާ ވައިރަސް) މިކަން ކުރުމަކީ އޭގެ ނަތީޖާ ނުބައި ވެދާނެ ކަމެކެވެ. ކަޅުކަޅި ވަކިވަރަކަށް ވުރެ ތުނި މީހުންނަކީ ވެސް ލޭސިކް ސާޖަރީ ހަދައިފި ނަމަ ބޮޑެތި މަސްއަލަ ތަކެއް ދިމާވެދާނެ މީހުންނެވެ. މީގެއިތުރުން ހަކުރު ވަކިވަރަށް ވުރެ މަތީގައި ހުންނަ މީހުން އަދި ރާއްޖެބަލީގެ ބައެއް ވައްތަރުގެ މީހުން ލޭސިކް ސާޖަރީ ގެ ކުރީގައި މިބަލިތައް ވަކިމިންގަނޑެއްގެ ތެރޭގައި ނުހިފަހައްޓައިފިނަމަ ފަހުން ވަރަށްގިނަ މަސްއަލަތައް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. މާބަނޑު މީހުންނާއި ޅަ ދަރީންނަށް ކިރުދޭ މީހުން ރަނގަޅު ވާނީ މިކަންތައްތައް ނިމެންދެން ލޭސިކް ނަހަދާ މަޑުކޮށްލިއްޔާއެވެ. އަދި ހަމަ މިޔާއި އެކު ފާހަގަ ކޮށްލަން ޖެހޭ އަނެއްކަމަކީ 18 އަހަރަށް ވުރެދަށުގެ މީހުންނަށް މިކަން ނުކުރެވޭނެކަމެވެ. އުމުރުން 21 އަހަރު ފުރޭއިރު ގިނަފަހަރަށް އައިނު ނަންބަރު ވަކިވަރެއް ގައި ހިފެހެއްޓޭނެއެވެ. މީގެ ފަހުން މިކަން ކުރުން ރަނގަޅު ވާނެއެވެ. ލޭސިކް އަކީ ލޯއައްސި ކުރުމަށްފަހު ކުރެވޭ ކަމަކަށް ވާތީ މިކަމުގެތެރޭގައި ކަންތަައް ކުރިއަށް ދާނެ ގޮތާއިމެދު ބައެއް ސުވާލު ކޮށްލުމަކީ ހަމަ ރަނގަޅު ކަމެކެވެ. މިހެން ހެދުމުން އޮޕަރޭޝަން ކުރާއިރު ހާސްވުމާއި ހިތް އަވަސްވުން ކުޑަވާނެއެވެ. ލޭސިކް އޮޕަރޭޝަނަކީ ގިނަފަހަރަށް ވަރަށް ރަނގަޅު ނަތީޖާ ލިބޭ ކާމިޔާބު އޮޕަރޭޝަނެކެވެ. މީގެ މައިގަނޑު ބޭނުމަކީ އައިނު ނަންބަރު ކަނޑުވާލައި އައިނު ނާޅާ އުޅުން ކަމަށް ވާތީ އޮޕަރޭޝަން ކުރާ ޑޮކްޓަރު އަރިހުން އޮޕަރޭޝަނުގެ ފަހުން އައިނު ނާޅައި އުޅުމުގެ ކިހާ ގެރެންޓީއެއް އޮތްތޯ އަހާލަން ޖެހެއެވެ. ސަތޭކަ ޕަސެންޓު ގެރެންޓީ ދީފިނަމަ ޑޮކްޓަރ ގެ އިޙްލާސް ތެރިކަމާމެދު ސުވާލު އުފެދޭނެއެވެ. ސަބަބަކީ މިއީ ވެސް އެހެނިހެން ގިނަސާޖަރީ ތަކާ އެއްގޮތަށް ސަތޭކް ޕަސެންޓް ގެރެންޓީ އެއް ދެވޭވަރުގެ ކަމެއްނޫނެވެ. ގިނަފަހަރަށް އޮޕަރޭޝަން ގެ ފަހުން ވެސް ކޮންމެވެސް ވަރެއްގެ ކުޑަ އައިނު ނަންބަރެއް ލޮލުގައި ހުރެެދާނެއެވެ. އަދި އޭނާ އަށް ފެންނާނީ އޮޕަރޭޝަން ގެ ކުރީގައި އައިނު އެޅުމުން ހަމަ ފެންނަ ވަރަށެވެ. ސާޖަރީގެ ފަހުން އޭނާއަށް ފެންނަވަރު ކުރިއަށް ވުރެ ކުޑަވެއްޖެނަމަ މިވާހަކަ ޑޮކްޓަރު ކައިރީގައި ކިޔައިދީ ދެން ހަދާނެ ގޮތެއް އަވަހަށް އޮޅުން ފިލުވަން ޖެހޭނެއެވެ.

ލޭސިކް ސާޖަރީ އަކީ މައިގަނޑު ގޮތަކަށް ދުރު ނުސާފުވުން ކުޑަކުރުމަށް ކުރެވޭ ކަމެކެވެ. މިހެން ވުމާއި އެކު އުމުރު ފަހަތަށް ދިއުމުން ފޮތްކިޔާ އައިނެއް އެޅުމަކީ ކުރަން ޖެހިދާނެ ކަމެއް ކަންވެސް ހަނދާން ކުރަން ޖެހެއެވެ. އޮޕަރޭޝަނަށް ފަހު ވަކިގޮތަކަށް ވަކި ދުވަސްވަރެއް ވާންދެން ލޮލަށް ބޭސް އެޅުމަކީ މިކަން ކާމިޔާބު ކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު އެއްކަންތަކެވެ. ވުމާއިއެކު ޑޮކްޓަރު ގެ އިރުޝާދުގެ މަތީން މިކަން ފަރުވާބަހައްޓައިގެން ވަކި މުއްދަތެއް ވާންދެން ކުރިއަށް ގެންދަން ޖެހޭނެެއެވެ. އަދި އޮޕަރޭޝަނަށް ފަހު ހިރަފުހުގެ މާހައުލެއްގައި ދުވަސް ކޮޅެއްވާންދެން ނުއުޅުމާއި ލޮލަށް އަނިޔާއެއް ވެދާނެ ކަހަލަ ކުޅިވަރުތައް ނުކުޅެ ދުވަސް ކޮޅަކު މަޑުކޮށްލަން ޖެހެއެވެ. މިހެން ނަހަދައިފިނަމަ ފަހަރުގައި ލޮލަށް ބޮޑު ގެއްލުމެއް ލިބިދާ ނެއެވެ.

ލޭސިކް ސާޖަރީ އަކީ ފުރިހަމަ މައުލޫމާތު ލިބިގެން ރަނގަޅު ތަޖްރިބާކާރު ޑޮކްޓަރެއް ގެ ބެލުމުގެ ދަށުން ކުރާ ކަމެއްނަމަ އޮޕަރޭޝަން ކުރުމަށް ފަހުން އެތައް އަހަރު ތަކެއް ވަންދެން އައިނުގެ ބޭނުން ކުރާކަށް ނުޖެހޭނެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް