އެސްޓީއޯގެ ފާމަސީތަކުން އަމާނާތަކާފުލްގެ ކަސްޓަމަރުންނަށް ހިދުމަތް ދޭން ނިންމައިފި

އެސްޓީއޯގެ ހުރިހާ ބޭސްފިހާރަތަކުން އަމާނާތަކާފުލްގެ ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށް ނިންމާ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ އެސްޓީއޯ

ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯގެ ހުރިހާ ބޭސްފިހާރަތަކުން އަމާނާތަކާފުލްގެ ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށް ނިންމާ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެސްޓީއޯގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު އެވެ. އަމާނާތަކާފުލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަރީޒު ސުލައިމާނު އެވެ.

ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން، އެސްޓީއޯގެ އެމްޑީ ޝަހީރު ވިދާޅުވީ އަންނަ މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެން އެސްޓީއޯގެ ހުރިހާ ބޭސްފިހާރަތަކުން އަމާނާތަކާފުލްގެ ކަސްޓަމަރުންނަށް ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

"މިކަހަލަ އެއްބަސްވުމެއްގައި ސޮއިކުރުމުން ހާއްސަ ގޮތެއްގައި ރާއްޖޭގައި ތިބި ބޭފުޅުން ކަސްޓަމަރުންނަށް މިހާރު ވަރަށް ފަސޭހައިން އަޅުގަނޑުމެން {އެސްޓީއޯ} ފާމަސީގެ ހިދުމަތްތައް ލިބުމުގެ ފުރުސަތުތައް ފަހިވެގެން ދާނެ،" ޝަހީރު ވިދާޅުވި އެވެ.

އަމާނާތަކާފުލުން ރާއްޖޭގައި އިންޝުއަރެންސް ހިދުމަތް ދެމުން ގެންދާތާ ދިހަ އަހަރު ވަނީ ވެފަ އެވެ. ޝަހީރުގެ ވާހަކަފުޅުގައި އަމާނާތަކާފުލަކީ ރާއްޖޭގައި އިންޝުއަރެންސްގެ ހިދުމަތް ދެމުން އަންނަ ކުންފުނިތަކުގެ ތެރެއިން ގިނަ ބަޔަކު އިންޝުއަރެންސްގެ ހިދުމަތް ހޯދަމުން އަންނަ ކުންފުންޏެއްކަން ވަނީ ފާހަގަކުރައްވާފަ އެވެ.

comment ކޮމެންޓް