ބާޒާރުގައި ކެރެޓު ކިލޯއެއް 170 ރުފިޔާއަށް އަރާއިރު، އެސްޓީއޯގައި ކެރެޓު ކިލޯއެއް 40 ރުފިޔާއަށް

އެސްޓީއޯ ޕީޕަލްސް ޗޮއިސް

ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ ފިހާރަތަކުން ކެރެޓު ކިލޯއެއް ވިއްކަނީ 40 ރުފިޔާއަށް ކަމަށް، އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެ މިނިސްޓްރީން 'އެކްސް'ގައި އާންމުކުރި މައުލޫމާތުގައިވާ ގޮތުން، އެސްޓީއޯގެ ފިހާރަތަކުން ކެރެޓު ކިލޯއެއް ވިއްކަނީ 40 ރުފިޔާއަށެވެ. ލޮނުމެދު ކިލޯއެއް 50 ރުފިޔާއަށް ވިއްކާއިރު ފިޔާ ކިލޯއެއް 15 ރުފިޔާއަށް، އަދި އަލުވި ކިލޯއެއް 12 ރުފިޔާއަށް ވިއްކާ ކަމަށް، އެ މައުލޫމާތުގައިވެއެވެ.

މިއަދު 'ސަން'އަށް މައުލޫމާތުދިން ވިޔަފާރިވެރިޔަކު ބުނީ، ކެރެޓު ކޭހެއް މިވަގުތު ބާޒާރުގައި ހުރީ 1،500 ރުފިޔާއަށް ކަމަށެވެ.

ކެރެޓު ކިލޯއެއް 160 ރުފިޔާއާއި 170 ރުފިޔާއާ ދެމެދު ހުރިއިރު މީގެ ކުރިން ކެރެޓު ކިލޯއެއް އުޅެނީ 25 ރުފިޔާއާއި 30 ރުފިޔާއާ ދެމެދުގައެވެ. އަދި ކެރެޓު ކޭހެއް ކުރިން ލިބެނީ 180 ރުފިޔާއާއި 200 ރުފިޔާއާ ދެމެދުގެ އަގަކަށެވެ.

އެހެނިހެން އަގުތަކަށް ބަލާއިރު ބިސް ކޭހުގެ އަގު ވެސް މިހާރު ވަނީ ބޮޑު ވެފައެވެ. އެގޮތުން މީގެ ކުރިން 400 ރުފިޔާއަށް ވުރެ ދަށުން ލިބޭ ބިސް ކޭހެއް މިހާރު ބާޒާރުގައި ހުރީ 530 ރުފިޔާއަށެވެ.

ހަމަ އެއާއެކު ފިޔާ ކުރިން 250 ރުފިޔާއާއި 230 ރުފިޔާއަށް ލިބެން ހުރި ފިޔާ ބަސްތާއެއް މިހާރު ލިބެން ހުރީ 480 ރުފިޔާއާއި 500 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.

ފާހަގަކުރެވޭ ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅައިބަލާއިރު، ނިމުނު އޮކްޓޫބަރު މަހު ވެރިރަށް މާލޭގައި އަސާސީ ތަކެތީގެ އަގު ނުވަ އިންސައްތަ އުފުލިފައިވާ ކަމަށް ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުން ވަނީ ދައްކައިފައެވެ. މަހުން މަހަށް އައި ބަދަލަށް ބަލާއިރު، ތަކެތީގެ އަގު ވަނީ 1.01 އިންސައްތަ އިތުރުވެފައެވެ.

comment ކޮމެންޓް