ކުރިން 25 ރުފިޔާއަށް ލިބުނު ކެރެޓު ކިލޯއެއް 170 ރުފިޔާއަށް އުފުލި ބިހާއި ފިޔާގެ އަގު ވެސް ދެގުނައާ ގާތަށް އުފުލިއްޖެއެވެ.
'ސަން' އަށް މައުލޫމާތު ދިން ވިޔަފާރިވެރިއަކު ބުނި ގޮތުގައި ކެރެޓު ކޭހެއް މިވަގުތު ބާޒާރުގައި ހުރީ 1،500 ރުފިޔާއަށެވެ. އަދި ކިލޯއެއް 160 ރުފިޔާއާއި 170 ރުފިޔާއާ ދެމެދު ހުރިއިރު މީގެ ކުރިން ކެރެޓު ކިލޯއެއް އުޅެނީ 25 ރުފިޔާއާއި 30 ރުފިޔާއާ ދެމެދުގައެވެ. އަދި ކެރެޓު ކޭހެއް ކުރިން ލިބެނީ 180 ރުފިޔާއާއި 200 ރުފިޔާއާ ދެމެދުގެ އަގަކަށެވެ.
އެހެނިހެން އަގުތަކަށް ބަލާއިރު ބިސް ކޭހުގެ އަގު ވެސް މިހާރު ވަނީ ބޮޑު ވެފައެވެ. އެގޮތުން މީގެ ކުރިން 400 ރުފިޔާއަށް ވުރެ ދަށުން ލިބޭ ބިސް ކޭހެއް މިހާރު ބާޒާރުގައި ހުރީ 530 ރުފިޔާއަށެވެ.
މާލޭ ބާޒާރުގައި ވިއްކަން ބަހައްޓައިފައި ހުރި ފިޔާ ބަސްތާތަކެއް. ފިޔާގެ އަގު އިންތިހާއަށްވަނީ އުފުލިފައި -- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ޙަފީޒް ހަމައެއާއެކު ފިޔާ ކުރިން 250 ރުފިޔާއާއި 230 ރުފިޔާއަށް ލިބެން ހުރި ފިޔާ ބަސްތާއެއް މިހާރު ލިބެން ހުރީ 480 ރުފިޔާއާއި 500 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅައިބަލާއިރު، ނިމުނު އޮކްޓޫބަރު މަހު ވެރިރަށް މާލޭގައި އަސާސީ ތަކެތީގެ އަގު ނުވަ ޕަސެންޓް އުފުލިފައިވާ ކަމަށް ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުން ވަނީ ދައްކައިފައެވެ. މަހުން މަހަށް އައި ބަދަލަށް ބަލާއިރު، ތަކެތީގެ އަގު ވަނީ 1.01 ޕަސެންޓް އިތުރުވެފައެވެ.
ރާއްޖެއަކީ ކާބޯތަކެތި ގެނައުމަށް އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު، ބައިނަލްއަގުވާމީ ބާޒާރަށް އަންނަ ބަދަލުތަކުގެ އަސަރު ވަރަށް ބޮޑަށް ކުރެއެވެ. އެގޮތުން ފެބުރުވަރީ 28ގައި މެދުއިރުމަތީގައި ފަށައިފައިވާ ހަނގުރާމައިގެ ސަބަބުން ސަޕްލައި ޗެއިންއަށް ބުރޫ އެރުމުން، ރާއްޖޭގައި ވެސް ތެލާއި އެހެނިހެން ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލެން ފެށިއެވެ. އެ ހާލަތު އިތުރަށް ގޯސް ވަނީ، މިއީ ރާއްޖެއިން ޖުމްލަ 1.1 ބިލިއަން ޑޮލަރުގެ ބޮޑު ދަރަންޏެއް ދައްކަންޖެހޭ އަހަރަކަށް ވުމުންނެވެ.
މި ސަބަބަށްޓަކައި، ރާއްޖޭގައި ތަކެތީގެ އަގުތައް މައްޗަށް ދާނެ ކަމަށް ބޭރުގެ މާލީ އިދާރާތަކުން މިދިޔަ އަހަރު ވެސް އޮތީ އަންދާޒާކޮށްފައެވެ. އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) ގެ އެންމެ ފަހުގެ ރިޕޯޓުގައި ވެސް ފާހަގަކޮށްފައި ވަނީ، މި އަހަރުގެ ބާކީ އޮތް ބައިގައި ރާއްޖޭގައި އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުތައް އިތުރަށް މަތިވަމުންދާނެ ކަމަށެވެ.