ބަންކަރިންގެ އާމްދަނީ ދަނީ އިތުރުވަމުން، މި އަހަރު އެކަނިވެސް 70 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެ: ޝިމާދު

ބަންކަރިންގެ ހިދުމަތް ފެށުމަށް އެސްޓީއޯ އިން ގެނައި މެރިން އޭންޖަލް ކުޅުދުއްފުށީގައި --- ފޮޓޯ/ އެސްޓީއޯ

މި އަހަރު ފެށިގެން އޮކްޓޯބަރު މަހުގެ ނިޔަލަށް ބަންކަރިން ޚިދުމަތުން 70 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބިފައިވާ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝިމާދު ވަނީ ބަންކަރިންގެ ޚިދުމަތާއެކު ރާއްޖެއަށް ފިއުލް އޮއިލް ތައާރަފުކުރުމަކީ އެ ކުންފުންޏަށް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.

ޝިމާދު ވަނީ މީގެ ކުރިން ބަންކަރިން ވިޔަފާރި ހިންގީ ބޭރުގެ ފަރާތްތަކުން ކަމަށާއި މިހާރު އެ ފައިސާ ރާއްޖެއަށް ލިބޭގޮތް މަގުފައިވެފައިވާކަން ފާހަގަކުރައްވާފައެވެ.

2024 ގައި ބަންކަރިން އިންޓްރޮޑިއުސްކުރި ފަހުން ފުރަތަމަ އަހަރު ދެތިން މަހު އަޅުގަނޑުމެންނަށް ލިބުނު 2.9 މިލިއަން ޑޮލަރު ރެވެނިއުގެ ގޮތުގައި. ދެން މިދިޔަ 2025 ގައި 18 މިލިއަން ޑޮލަރު، އެހެންވީމަ ވަރަށް ބޮޑު ކުރިއެރުމެއް އެއީ. ދެން މި އަހަރު މިހާތަނަށް، އޮކްޓޯބަރާ ހަމައަށް އަޅުގަނޑުމެންނަށް މި ވިޔަފާރިން ގާތްގަނޑަކަށް 70 މިލިއަން ޑޮލަރަށްވުރެ އިތުރަށް އާމްދަނީ ލިބިއްޖެ،އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް

ޝިމާދު ވަނީ ބަންކަރިން ވިޔަފާރިން ވަރަށް ބޮޑު ކުރިއެރުމެއް ލިބެމުންދާކަން ފާހަގަކޮށް، ބަންކަރިން ތައާރަފުނުކުރިނަމަ، މި ހުރިހާ ފައިސާއަކީ ގައުމުން ބޭރަށްދާނެ ފައިސާކަން ފާހަގަކުރައްވާ ރާއްޖެ ސަރަހައްދުގައި ކުރާ ހުރިހާ ބަންކަރިން ވިޔަފާރިއެއްގެ ފައިދާ ކުރާނީ ނުވަތަ ނަފާކުރާނީ ކޮންމެވެސް އެހެން ފަރާތަކަށްކަން ފާހަގަކުރައްވާފައެވެ.

ޝިމާދު ވިދާޅުވީ އަދި މި ދައްކައިލެވުނީ ބަންކަރިން ވިޔަފާރި ކުރިއަށްގެންދާނެ ގޮތުގެ ޑެމޮންސްޓްރޭޝަނެއް ކަމަށާއި މިކަން ރަނގަޅަށް ކުރާކަމުގައި ވާނަމަ، އިހަވަންދިއްޕޮޅުގައި ސްޓޯރޭޖް ގާއިމްކުރަންޖެހޭ ކަމަށެެވެ.

މިހާރު ވާގޮތަކީ އަޅުގަނޑުމެން މި އުޅެނީ ބޯޓުތައް ގެނެސްގެން ފްލޯޓާތަކުގަ، ދުއްވާ ބޯޓުތަކުގަ މި ޚިދުމަތް މި ފޯރުކޮށްދެނީ. އެހެންވީމަ އެންމެ ރަނގަޅަށް، އެންމެ އެކަށީގެންވާ ގޮތަށް މިކަން ކުރާނަމަ އަޅުގަނޑުމެން އެބަޖެހޭ ލޭންޑް ވޭ ސްޓޯރޭޖެއް ގާއިމްކުރަން،އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް

ބަންކަރިން ޚިދުމަތުން މި އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް 80 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

https://sun.mv/227440

ބޭރުގެ ބޮޑެތި އުޅަންދުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ ބައިނަލްއަގްވާމީ ބަންކަރިންގެ ޚިދުމަތް ރާއްޖޭގައި ރަސްމީކޮށް ފަށާފައިވަނީ 19 ސެޕްޓެމްބަރު 2024 ގައެވެ. މިއީ ފަތުރުވެރިކަމުގެ އިތުރުން ރާއްޖޭގެ އިގްތިޞާދު ސިންދަފާތުކޮށް އިތުރު އާމްދަނީ ހޯދުމަށްޓަކައި ސަރުކާރުން ފަށާފައިވާ މަޝްރޫޢެކެވެ.

މި ޚިދުމަތް ދެމުން ގެންދަނީ އިންޑިއާ ކަނޑުގެ މުހިންމު ކާގޯ މަގުތައް ހުރަސްކުރާ އިހަވަންދިއްޕޮޅުގައެވެ. މި މަސައްކަތް ހިންގަނީ އެސްޓީއޯ އާއި އެމްޕީއެލް އަދި ބައިނަލްއަގްވާމީ ތެޔޮ ކުންފުންޏެއް ކަމަށްވާ ވިޓޯލް ގްރޫޕާ ގުޅިގެންނެވެ. މި ޚިދުމަތުގެ ދަށުން ފޯރުކޮށްދެނީ ވީއެލްއެސްއެފްއޯ އަދި އެމްޖީއޯ ތެލެވެ.

comment ކޮމެންޓް