ބާޒާރުގައި ކެރެޓުގެ އަގު ހިފެހެއްޓުމަށްޓަކައި ބާޒާރަށް އިތުރަށް ކެރެޓު ނެރުމަށް އެސްޓީއޯއިން އިތުރު ކެރެޓު ކޮންޓެއިނަރުތައް ކްލިއާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ބާޒާރުގައި ކެރެޓުގެ އަގު އިންތިހާއަށް އުފުލުމާ ގުޅިގެން އާންމުންގެ ކަންބޮޑުވުން އަމާޒުވެފައިވަނިކޮށް، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ސަޢީދު ވިދާޅުވީ، ކެރެޓުގެ އަގު އުފުލެން މެދުވެރިވީ ސަޕްލައިކުރުމަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ. ނަމަވެސް ސަޕްލައި މަދުވި ވަގުތުގައި ވެސް، އެސްޓީއޯ މެދުވެރިކޮށް ކެރެޓު ކިލޯއެއް 40 ރުފިޔާއަށް ވިއްކަމުން ގެންދިޔަ ކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، ސަޕްލައިގެ މައްސަލަ ދިމާވި ކުންފުނިތަކުގެ މުދާ ވެސް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ގުޅިގެން ކުރި މަސައްކަތުން މިހާރު ވަނީ ކްލިއާކުރެވިފައެވެ. އެހެންކަމުން، ވިޔަފާރިވެރިން ދެން ކެރެޓު އަގު ބޮޑުކޮށް ނުވިއްކަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
އިއްޔެ 'ސަން'އަށް މައުލޫމާތުދިން ވިޔަފާރިވެރިޔަކު ބުނީ، ކެރެޓު ކޭހެއް ބާޒާރުގައި ހުރީ 1،500 ރުފިޔާއަށް ކަމަށެވެ. އަދި ކެރެޓު ކިލޯއެއް 160 ރުފިޔާއާއި 170 ރުފިޔާއާ ދެމެދު ހުރިއިރު މީގެ ކުރިން ކެރެޓު ކިލޯއެއް އުޅެނީ 25 ރުފިޔާއާއި 30 ރުފިޔާއާ ދެމެދުގައެވެ. އަދި ކެރެޓު ކޭހެއް ކުރިން ލިބެނީ 180 ރުފިޔާއާއި 200 ރުފިޔާއާ ދެމެދުގެ އަގަކަށެވެ.
އެހެނިހެން އަގުތަކަށް ބަލާއިރު ބިސް ކޭހުގެ އަގު ވެސް މިހާރު ވަނީ ބޮޑު ވެފައެވެ. އެގޮތުން މީގެ ކުރިން 400 ރުފިޔާއަށް ވުރެ ދަށުން ލިބޭ ބިސް ކޭހެއް މިހާރު ބާޒާރުގައި ހުރީ 530 ރުފިޔާއަށެވެ. ހަމައެއާއެކު ފިޔާ ކުރިން 250 ރުފިޔާއާއި 230 ރުފިޔާއަށް ލިބެން ހުރި ފިޔާ ބަސްތާއެއް މިހާރު ލިބެން ހުރީ 480 ރުފިޔާއާއި 500 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.
އެއާއެކު އިއްޔެ އެ ވުޒާރާއިން 'އެކްސް'ގައި އާންމުކުރި މައުލޫމާތުގައިވާ ގޮތުން، އެސްޓީއޯގެ ފިހާރަތަކުން ކެރެޓު ކިލޯއެއް ވިއްކަނީ 40 ރުފިޔާއަށެވެ. ލޮނުމެދު ކިލޯއެއް 50 ރުފިޔާއަށް ވިއްކާއިރު ފިޔާ ކިލޯއެއް 15 ރުފިޔާއަށް، އަދި އަލުވި ކިލޯއެއް 12 ރުފިޔާއަށް ވިއްކާ ކަމަށް، އެ މައުލޫމާތުގައިވެއެވެ.
ފާހަގަކުރެވޭ ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅައިބަލާއިރު، ނިމުނު އޮކްޓޫބަރު މަހު ވެރިރަށް މާލޭގައި އަސާސީ ތަކެތީގެ އަގު ނުވަ އިންސައްތަ އުފުލިފައިވާ ކަމަށް ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުން ވަނީ ދައްކައިފައެވެ. މަހުން މަހަށް އައި ބަދަލަށް ބަލާއިރު، ތަކެތީގެ އަގު ވަނީ 1.01 އިންސައްތަ އިތުރުވެފައެވެ.