އާންމުންގެ ޚިޔާލެއް ނެތި އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ އީގަލް ހިލްސްއަށް ދީގެން ރަސްމާލޭގައި ހިންގަން އުޅޭ މަޝްރޫއު ކާމިޔާބު ނުވާނެ ކަމަށާއި އާންމުންގެ މެދުގައި ޚިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ގޮވައިލައްވަން ނިކުމެވަޑައިގަތީ އިންޑިއާގެ ޖީއެމްއާރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރަން ދިން އިރުގެ ތަޖުރިބާގެ އަލީގައި ކަމަށް، ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.
އިދިކޮޅު އެމްޑީޕީން "އަހާބަލަ"ގެ ނަމުގައި ބޭއްވި މުޒާހަރާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ މުޅި ރާއްޖޭގެ މިސްރާބު ބަދަލުވާ ކަންކަމުގައި އާންމުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭނެ ކަމަށެވެ. އެއަށްފަހު އެމަނިކުފާނުގެ ސަރުކާރުގައި ޖީއެމްއާރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ދިނީ އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ނުގޮސްކަން ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު މިއަދު މި ބުނަނީ އެއީ ގޯހުންނޭ،" ނަޝީދު ވިދާޅުވިއެވެ.
އެ ތަޖުރިބާގައޭ އަޅުގަނޑު މި ހުރީ މި ތަނަށް އައިސް، އަޅުގަނޑުމެންނަށް އެނގެޔޭ ރައްޔިތުން ގާތުގައި ނާހާ ކުރާ ކަމަކުން ކާމިޔާބެއް ނުލިބޭނެ[ކަން]،ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު
އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ފަހު ނޫނީ ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެވިގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެއާއެކު ނަޝީދު ވިދާޅުވީ، ރެޒިޑެންސީ ޕްރޮގްރާމު ހިންގަން ރާއްޖޭގެ އުތުރުގައި ވެސް އަދި ދެކުނުގައި ވެސް ތަން އެބަ އޮތް ކަމަށެވެ. މާލެއާ ކައިރީ ރެޒިޑެންސް ޕްރޮގްރާމު ހިންގައިފިނަމަ ރާއްޖެ ހަލާކުވާނެ ކަމަށް ނަޝީދު ސިފަކުރެއްވިއެވެ.

އެހެންކަމުން މާލެއާއި ކައިރީގައި ރެޒިޑެންސީ ޕްރޮގްރާމު ހިންގަން އެއްވެސް ފުރުސަތެއް ނުދެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ، ރަސްމާލެ އީގަލް ހިލްސްއަށް ދިނުން ހުއްޓުވަން ބޭނުން ނަމަ އެކަމާ ދެކޮޅު ފަރާތްތަކުން އެމްޑީޕީގެ ފަހަތަށް އަރައިވަޑައިގަތުމަށް އެދިވަޑައިގެންފައެވެ.
"އަޅުގަނޑުމެންނަކީ ތަންދޮރު ދަންނަ ބައެއް، އަޅުގަނޑުމެންނަކީ މިކަން ކުރަން އެނގޭ ބައެއް،" ނަޝީދު ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި ނަޝީދުގެ ސަރުކާރުގައި އިންޑިއާގެ ޖީއެމްއާރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު(ވީއައިއޭ) ގެ ހިންގުން 25 އަހަރަށް ހަވާލުކުރީ ނޮވެމްބަރު، 25، 2010 ގައެވެ. އެ އެއްބަސްވުން ބާތިލްކުރީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ނޮވެމްބަރު، 27، 2012 ގައެވެ.
ނަޝީދުގެ ސަރުކާރުގައި ޖީއެމްއާރަށް ވެލާނާ އެއާޕޯޓުގެ ހިންގުން ހަވާލުކުރި ކުރުމުގެ ދިފާއުގައި އެމަނިކުފާނު އޭރު ވިދާޅުވީ، ޖީއެމްއާރު އަތުން އެއާޕޯޓު ނެގުމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ބޮޑު ގެއްލުމެއްވި ކަމަށެވެ.
ރަސްމާލޭން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޭން އުޅޭ މައްސަލައިގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް މި ސަރުކާރަށް ގޮވާލުމަށް އެމްޑީޕީން ނިންމީ މި މަހުގެ ފުރަތަމަ ދުވަހުގެރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައެވެ.
ނަމަވެސް އީގަލް ހިލްސްއަށް ރަސްމާލޭން ބައެއް ދިނުމަށްޓަކައި އާންމުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި މަހުގެ ނުވަވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.