ރިއަލް އެސްޓޭޓް ބިލުގެ މަޝްވަރާއަށް އެމްޑީޕީގެ ފަރާތުން މަޖިލީހަށް ދާނީ ނަޝީދާއި ފައްޔާޒު

ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު--- ފޮޓޯ; އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގައި މިހާރު ދިރާސާކުރަމުންދާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަށް މަޝްވަރާއާއި ޚިޔާލު ހުށަހެޅުމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ފަރާތުން ހާޒިރުވެވަޑައިގަންނަވާނީ އެ ޕާޓީގެ ޗެއާޕާސަން ރައީސް މުހައްމަދު ނަޝީދާއި ގައުމީ މަޖިލީހުގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ކަމަށް އެ ޕާޓީން މަޖިލީހަށް އަންގައިފިއެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އެޑްރެސްކުރައްވައި އެމްޑީޕީގެ ސެކްރެޓްރީ ޖެނެރަލް ޝަޒްލީ ޝަފީގު ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ކޮމިޓީ މަރުހަލާގައިވާ މި ބިލުގެ މަޝްވަރާއަށް ލިބިފައިވާ ފުރުސަތު ގަބޫލުކުރާ ކަމަށާއި އެ މަޝްވަރާތަކުގައި ޕާޓީ ތަމްސީލު ކުރައްވާނީ އެ ދެ ބޭފުޅުން ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، ކޮމެޓީ މަރުހަލާގައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު، ގެ
މަޝްވަރާއަށް ލިބިފައިވާ ފުރުސަތުގައި މިޕާޓީގެ ފަރާތުން ބައިވެރިވެ ވަޑައިގެންނަވާނީ، މިޕާޓީގެ ޗެއަރޕާރސަން،
ރައީސް މުހައްމަދު ނަޝީދު އަދި ގައުމީ މަޖިލީހުގެ މެމްބަރު އަލްއުސްތާޛް ފައްޔާޟް އީސްމާޢީލް،" އެމްޑީޕީގެ ސީޓީގައި ބުނެފައިވެއެވެ.

ރަސްމާލެއިން ހިއްކަމުންދާ ބިމުން ބޮޑުބައެއް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަށް މަގުފަހިވާ ގޮތަށް ސަރުކާރުން ހުށަހަޅާފައިވާކަމަށް ބުނާ މި ބިލުގެ މަސައްކަތް ކުރިއަށްދާއިރު، ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކުގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ވަނީ ނިންމާފައެވެ.

މި ބިލަށް އާންމުންނާއި ކަމާގުޅޭ ފަރާތްތަކުން ޚިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޑިސެމްބަރު 2 އެވެ. އަދި ކޮމިޓީން އަމާޒު ހިފާފައިވަނީ ޑިސެމްބަރު 7 ގެ ނިޔަލަށް ބިލުގެ މަސައްކަތް އެއްކޮށް ނިންމުމަށެވެ.

ބިލުގެ މަސައްކަތް ކޮމިޓީގައި ކުރިއަށްދާއިރު، ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި އެމްޑީޕީން ވަނީ މުޒާހަރާ ކުރުމަށްވެސް ނިންމާފައެވެ.

"އަހާބަލަ" ނަމުގައި ބާއްވާ މި މުޒާހަރާ އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެރޭ 9:00 ގައި އާޓިފިޝަލް ބީޗުގައިކަމަށް އެމްޑީޕީން ބުންޏެވެ.

comment ކޮމެންޓް