ކޯޓުތަކުގެ ޢިމާރާތްތަކާއި ވަސީލަތްތައް ތަރައްޤީވެގެންދިއުމަކީ، ކޯޓުތަކުގެ މަސައްކަތްތަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، މިއީ ޢަދުލު އިންޞާފު ހޯދުމަށް އެދިގެން އަންނަ އެންމެހައި ފަރާތްތަކަށް މިހާރަށްވުރެ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ، ހުޅުމާލޭގައި އަލަށް ޢިމާރާތްކުރާ ކޯޓު ކޮމްޕްލެކްސްގެ ބިންގާ އެޅުމަށް އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތަށް ފަހު، ސޯޝަލް މީޑިއާގައެވެ.
މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދާއި، ބަންޑާރަ ނައިބު އަޙްމަދު އުޝާމާއި، ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސަޢުދީގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ޙުސްނީ މުބާރިކެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ސެންޓްރަލް ޕާކާ އިންވެގެންވާ ސަރަޙައްދުގައި އޮތް 29،490 އަކަފޫޓުގެ ބިމެއްގައި ބިނާކުރާ މި ކޯޓު ކޮމްޕްލެކްސްއަކީ 14 ފަންގިފިލާގެ ޢިމާރާތެކެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާ ގޮތަށް، މި މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ.
މި ޢިމާރާތް ނިމުމުން ސިވިލް ކޯޓާއި، ކްރިމިނަލް ކޯޓާއި، ފެމިލީ ކޯޓާއި، ޑްރަގް ކޯޓާއި، ޖުވެނައިލް ކޯޓުގެ އިތުރުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އޮފީހެއް އެ ތަނުގައި ޤާއިމުކުރެވިގެންދާނެއެވެ.
ކޯޓުތަކުގައި ގިނަ މައްސަލަތައް ނުނިމި ފުނިޖެހި، ޝަރީޢަތްތައް ދިގުލައިގެން ދިއުމަކީ ޢާންމުންގެ މެދުގައި އަދިވެސް އޮތް ބޮޑު ކަންބޮޑުވުމެކެވެ. މީގެ ކުރިން "ރައްޔިތުންގެ އަޑު" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މައްސަލަތައް އަވަހަށް ކުރިއަށް ގެންދިއުމުގައި ކޯޓުތަކަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށް ފާހަގަކުރައްވާފައެވެ. އަދި ކޯޓުތަކުގެ ޤާބިލުކަން އިތުރުކޮށް، އެކަށީގެންވާ ޖާގައާއި ވަސީލަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.