ސުޕްރީމް ކޯޓަށް ސަމީރު އައްޔަން ކުރަން ޖޭއެސްސީއިން ލަފާ ދެނީ

ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު-- ސަން ފޮޓޯ

ސުޕްރީމް ކޯޓުގެ ހުސްވާ ފަނޑިޔާރުކަމުގެ މަގާމަށް، ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާއެރުވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

މި މަގާމު ހުސްވަނީ މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި އަލީ ރަޝީދު ހުސައިން އަންނަ މަހު ރިޓަޔާ ކުރައްވާތީއެވެ.

އެ ފުރުސަތުގައި މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވައި ކުރިމަތިލެއްވީ ސަމީރުގެ އިތުރުން ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.

މީގެ ތެރެއިން ސަމީރުގެ ނަންފުޅު ރައީސަށް ލަފާދެއްވުމަށް ނިންމިކަން ޖޭއެސްސީގެ މެންބަރަކު ވަނީ މިއަދު "ސަން" އަށް ކަށަވަރުކޮށްދެއްވާފައެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަން ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް އެ ނަންފުޅެއް ފޮނުއްވުމުން، ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ.

ޝަރުއީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ސަމީރަކީ 2011 އިން 2022 އަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އޭގެ ކުރިން މަދަނީ ކޯޓުގެ އިސްގާޒީކަން ވެސް އޭނާ ކުރެއްވިއިރު، ހައި ކޯޓުން ވަކިވެވަޑައިގަތުމަށް ފަހު ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ވެސް ވަނީ ފުރުއްވާފައެވެ.

comment ކޮމެންޓް