ދައުލަތް ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕްރޮކިއުމަންޓް މަރުޙަލާތަކާއި ކޯޕަރޭޓް ގަވަނަންސްގެ ކަންކަން ހަރުދަނާ އުޞޫލުތަކެއްގެ މަތިން ހިންގަން ޖެހޭނެ ކަމަށާއި، އެހެން ނޫން ނަމަ މާލީ ގޮތުން ބޮޑެތި ގެއްލުންތައް ލިބުމުގެ ފުރުސަތު އޮތް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
ސުޕްރީމް ކޯޓުން މިކަން ފާހަގަކުރީ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މައްޗަށް "މިވެސް ޕްރައިވެޓް ލިމިޓެޑް"އިން ކުރި ދަޢުވާއަކާ ގުޅިގެން ނިންމި ނިންމުމެއްގައެވެ. މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދާއި ފަނޑިޔާރު ޢަބްދުﷲ ޙަމީދު ވަނީ ތާއީދު ކުރައްވާފައެވެ.
ޕްރޮކިއުމަންޓް އުޞޫލުތަކާ ގުޅޭ މުހިންމު ނިންމުންތައް
އުޞޫލުތައް އެނގުން ލާޒިމުވުން: ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ހިންގުމުގެ ވަކި ޚާއްޞަ ގާނޫނުތަކާއި ހަމަތަކަކަށް ތަބާވާންޖެހޭ ތަންތަން ކަމަށްވާއިރު، އެފަދަ ކުންފުނިތަކުގެ ޕްރޮކިއުމަންޓް ގަވާޢިދުތަކާއި ކަންކަން ނިންމުމުގެ ބާރު އޮންނަ ފަރާތްތަކަކީ ކޮބައިކަން، އެ ކުންފުނިތަކާއެކު މުޢާމަލާތުކުރާ އަމިއްލަ ފަރާތްތަކަށް އެނގެންޖެހޭނެ (ކޮންސްޓްރަކްޓިވް ނޯޓިސް އޮތް ކަމަށް) ކޯޓުން ކަނޑައެޅިއެވެ.
އެއްބަސްވުމެއް ނެތި މަސައްކަތް ކުރުވުން ހުއްޓުވުން: އެއްވެސް ލިޔެކިޔުމެއް، ރަސްމީ ޕްރޮކިއުމަންޓް އޯޑަރެއް ނުވަތަ ޞައްޙަ އެއްބަސްވުމެއް ނެތި، ދަޢުލަތުގެ ކުންފުނިތަކުގެ ނަމުގައި ބަޔަކު މަސައްކަތްތަކެއް ކޮށް، އިންވޮއިސް ފޮނުވި ނަމަވެސް އެއީ ކުންފުނިން ދައްކަންޖެހޭ ފައިސާއެއް ކަމުގައި ނުބެލެވޭނެ ކަމަށް ބަޔާންކުރިއެވެ.
ހިންގުމުގެ ދޯހަޅިކަމަށް ޢާންމު ފައިސާއިން ޒިންމާ ނުއުފުލުން: ސަރުކާރުގެ ކުންފުނިތަކުގެ ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާ ނުކުރެވިއްޖެނަމަ، ޢާންމު ރައްޔިތުންގެ ފައިސާއިން ހިންގާ މުއައްސަސާތަކަށް މާލީ ބޮޑެތި ގެއްލުންތައް ލިބުމުގެ ފުރުޞަތު އޮންނާނެކަން ފާހަގަކުރިއެވެ. އަދި އިންވޮއިސްއަކަށް ޖަވާބުނުދީ އޮތުމަކީ ނުވަތަ އިދާރީ ހަނުހުރުމަކީ، އުޞޫލުން ބޭރުން ކުރި މުޢާމަލާތަކަށް ދަޢުލަތުގެ ކުންފުންޏަކުން ރުހުން ދިނުން ކަމުގައި ނުބެލެވޭނެ ކަމަށް ނިންމިއެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލައިގެ ފަސްމަންޒަރު
މި މައްސަލައަކީ ޕީއެސްއެމްގެ ސްޓޫޑިއޯ ސައުންޑް ޕްރޫފް ކުރުމާއި ޕާކެއްގެ ނަންބޯޑު ހެދުމުގެ މަސައްކަތް ކޮށްދިން ކަމަށް ބުނެ، "މިވެސް" ކުންފުންޏަށް 1.46 މިލިއަން ރުފިޔާ ދެއްކުމަށް އެދި ހުށަހެޅި މައްސަލައެކެވެ.
މިވެސް ކުންފުނިން ސިވިލް ކޯޓުގައި ދަޢުވާކުރީ ޕީއެސްއެމްގެ ސްޓޫޑިއޯ އެކެއްގެ ސައުންޑް ޕްރޫފް ކުރުމާއި މަރާމާތު ކުރުމުގެ އަގަށްވާ 900,470 ރުފިޔާއާއި، އެމްއެމްއެމް ޕާކާއި އެމްއެމްއައި ލިމްކޮކްވިން ނަންބޯޑު ހެދުމުގެ އަގަށްވާ 559,998 ރުފިޔާއާއެކު ޖުމްލަ 1,460,468 ރުފިޔާއާއި އިންވޮއިސްގެ މުއްދަތު ހަމަވުމުން އަރަމުންދާ ޖޫރިމަނާ ހޯދުމަށެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން 2019 ވަނަ އަހަރު ނިންމީ އެ މަސައްކަތްތައް ޕީއެސްއެމްއިން، މިވެސްއާ ޙަވާލުކުރިކަން އަދި އެ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއްކަން ސާބިތުނުވާ ކަމަށެވެ. ނަމަވެސް އެ ނިންމުން މިވެސްއިން އިސްތިއުނާފު ކުރުމުން، ހައިކޯޓުގެ އަޣުލަބިއްޔަތުން ވަނީ އެ ފައިސާ ޕީއެސްއެމްއިން ދައްކަންޖެހޭނެ ކަމަށް ކަނޑައަޅައި، ސިވިލް ކޯޓުގެ ޙުކުމް ބާޠިލުކޮށްފައެވެ. ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅީ ޕީއެސްއެމްގެ ފަރާތުންނެވެ.
ސުޕްރީމް ކޯޓުގެ ނިންމުމުގެ މުހިންމު ނުކުތާތައް
ސާބިތުކުރުމުގެ ބުރަ: ދަޢުވާއެއް ސާބިތުކޮށްދިނުމުގެ ބުރަ އޮންނާނީ ދަޢުވާކުރާ ފަރާތުގެ ކިބައިގައެވެ. މަސައްކަތް ޙަވާލުނުކުރާ ކަމަށް ޕީއެސްއެމްއިން ބުނާއިރު، މަސައްކަތް ޙަވާލުނުކުރާކަން ސާބިތުކޮށްދިނުމަކީ ޕީއެސްއެމްގެ ޒިންމާއެއް ނޫން ކަމަށާއި، މިވެސްއިން އެ މަސައްކަތް ކުރިކަން ސާބިތުކުރުމަކީ މިވެސްގެ ޒިންމާއެއް ކަމަށް ކަނޑައެޅިއެވެ.
ކޮންޓްރެކްޓެއް ވުޖޫދުވެފައި ނެތުން: ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ގާނޫނުތަކާއި އުޞޫލުތަކުގެ ދަށުން ޕްރޮކިއުމަންޓް މަރުޙަލާތައް ހިންގަންޖެހޭ ތަންތަން ކަމަށާއި، ކުންފުނިތަކާއެކު މުޢާމަލާތުކުރާ ފަރާތްތަކަށް މި އުޞޫލުތައް އެނގޭނެ ކަމަށް ބެލެވޭނެ (ޑޮކްޓްރިން އޮފް ކޮންސްޓްރަކްޓިވް ނޯޓިސް) ކަމަށް ފާހަގަކުރިއެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި އެއްވެސް އެއްބަސްވުމެއް ސޮއިކޮށްފައި ނުވާއިރު، މަސައްކަތް ކުރުމަށް ޕީއެސްއެމްއިން އެދުނުކަން ނުވަތަ އަގަށް އެއްބަސްވިކަން ސާބިތުވާން ނެތް ކަމަށް ނިންމިއެވެ.
އިންވޮއިސްއަށް ޖަވާބުނުދީ އޮތުން: އިންވޮއިސްއެއް ފޮނުވުމުން އެއަށް ޖަވާބުނުދީ އޮތުމަކީ ނުވަތަ ހަނުހުރުމަކީ، އިންވޮއިސްގައިވާ ޝަރުޠުތަކަށް ޟިމްނީގޮތުން (ދޭހަވާ ގޮތުން) ރުހުން ދިނުން ކަމުގައި ނުބެލެވޭނެ ކަމަށް ކުރީގެ ގަޟިއްޔާތަކާ ޙަވާލާދީ ސުޕްރީމް ކޯޓުން ބަޔާންކުރިއެވެ.
ހައިކޯޓުގެ ކުރީގެ ނިންމުމަށް ރިޢާޔަތްނުކުރުން: ޕީއެސްއެމްއާ ދެކޮޅަށް މީގެ ކުރިން ހުށަހެޅުނު މިފަދަ އެހެން މައްސަލައެއް ކަމަށްވާ "ބިގް ބޮކްސް" މައްސަލައިގައި ހައިކޯޓުން ނިންމާފައިވާ ނިންމުމަށް މި މައްސަލައިގައި ހައިކޯޓުން ރިޢާޔަތްކޮށްފައި ނުވަނީ ފަނޑިޔާރުންގެ ގާނޫނާ ޚިލާފަށް ކަމަށް ބަޔާންކުރިއެވެ.
މި ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ސުޕްރީމް ކޯޓުން ވަނީ ހައިކޯޓުގެ ޙުކުމް ބާޠިލުކޮށް، ދަށު ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައެވެ.