ދެ އަހަރުގެ ތެރޭގައި ނިންމާ ގޮތަށް، ރާއްޖޭގެ އެންމެ ބޮޑު ކޯޓު ކޮމްޕްލެކްސްގެ ބިންގާ އަޅައިފި

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އިމާރާތްކުރާ، ރާއްޖޭގެ އެންމެ ބޮޑު ކޯޓު ކޮމްޕްލެކްސް ނުވަތަ މާލެ ކޯޓު ކޮމްޕްލެކްސްގެ ބިންގާ މިއަދު އަޅައިފިއެވެ.

މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ތަނުގެ ބިންގާ އަޅުއްވައިދެއްވީ، އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ބަންޑާރަ ނައިބު އަހުމަދު އުޝާމާއި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއާއި ޖޭއެސްސީގެ ރައީސް ހުސްނީ މުބާރިކެވެ.

ސާދަ ފަންގިފިލާގެ އެ އިމާރާތް ބިނާކުރުމަށް މިދިޔަ ޖުލައި މަހުގެ ތެރޭގައި އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ. އެއީ، ދެ އަހަރުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ ތަނުގެ ތެރޭގައި، ސިވިލް ކޯޓާއި ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓާއި ޑްރަގު ކޯޓާއި ޖުވެނައިލް ކޯޓާއި ޑިޕާޓުމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ އޮފީހެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެ އިމާރާތް އަޅަނީ، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ 29،490 އަކަފޫޓުގެ ބިމެއްގައެވެ. އެއީ، ސެންޓްރަލް ޕާކާ އިންވެގެންވާ ސަރަހައްދުގައެވެ.

https://sun.mv/225122

ކޯޓުތަކުގައި ގިނަ މައްސަލަތައް ނުނިމި ފުނިޖެހިފައިވާ މައްސަލައަކީ އަދިވެސް ހައްލުނުވެ އޮތް މައްސަލައެކެވެ. މައްސަލަތައް ނުނިމި ދިގުލައިގެން ދިއުމަކީ އާންމުންގެ މެދުގައި އޮތް ބޮޑު ކަންބޮޑުވުމެކެވެ.

މީގެ ކުރިން "ރައްޔިތުންގެ އަޑު" ނަމުގައި ގެނެސްދިން ޕޮޑްކާސްޓެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މައްސަލަތައް އަވަހަށް ކުރިއަށް ގެންދިއުމުގައި ކޯޓުތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށް ފާހަގަކުރައްވައިފައެވެ. ރައީސް ވިދާޅުވީ ކޯޓުތަކުގެ ގާބިލުކަން އިތުރުކޮށް، ޖާގައާއި ވަސީލަތްތައް ފޯރުކޮށްދިނުމަށް ސަރުކާރަށް ކޮށްދެވެން އޮތް ކަމެއް ކޮށްދެއްވާނެ ކަމަށެވެ.

comment ކޮމެންޓް