ރާއްޖޭގެ ހޮސްޕިޓަލްތަކުން އެއްކުރެވިފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 7000 މީހުން ޓައިޕް 2 ޑައިބެޓީސް ތަހައްމަލުކުރަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
ރައްކާތެރިވެ ތިބުމަށް އާންމު ހޭލުންތެރިކަން އިތުރު ކުރުމުގެ މަގްޞަދުގައި ދުނިޔޭގެ ހަކުރުބަލީގެ ދުވަހާއި ގުޅުވައިގެން އެޗްޕީއޭއިން ނެރުނު ބަޔާނުގައި ބުނީ މިދިޔަ މަހުގެ 30 ގެ ނިޔަލަށް އެއްކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން، ޓައިޕް 1 ޑައިބެޓީސް ތަހައްމަލުކުރާ 300 ބަލިމީހުން އަދި ޓައިޕް 2 ޑައިބެޓީސް ހަތައްމަލު ކުރާ 7000 ބަލި މީހުން އެބަތިބި ކަމަށެވެ.
މީގެއިތުރުން މާބަނޑު ދުވަސްވަރު ހަކުރު މައްޗަށް ދިއުމާ ގުޅިގެން އަހަރަކު ގާތްގަނޑަކަށް 250 މީހުން އަންނަނީ ފަރުވާ ހޯދަމުންކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.
އެޗްޕީއޭ އިން ފާހަގަކުރި ގޮތުގައި ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ ގާތްގަނޑަކަށް 85 އިންސައްތަ މީހުންނަކީ ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުންނެވެ. އަދި އޭގެ ތެރެއިން ތިންވަނައަށް އެންމެ ގިނައިން މީހުން މަރުވާ ސަބަބަކީ ހަކުރުބައްޔެވެ.
ސްޓެޕް ސާވޭގެ ހޯދުންތަކުން ދައްކާ ގޮތުގައި، ގައިންގަޔަށް ނާރާ ބަލިތަކަށް މަގުފަހިވާ މައިގަނޑު އެއް ސަބަބު ކަމަށްވާ ދުންފަތުގެ އިސްތިއުމާލުކުރުމުގެ އާދަ ފިރިހެނުންގެ ތެރޭގައި 35.6 އިންސައްތަ އަދި އަންހެނުންގެ ތެރޭގައި 7.6 އިންސައްތައިގައި އުޅޭއިރު، ބައެއް ކުދިން އުމުރުން އެންމެ 8 އަހަރުގައި ވެސް ދުންފަތުގެ އިސްތިއުމާލުކުރަން ފަށާކަން ވަނީ ފާހަގަކުރެވިފައެވެ.
ހަކުރުބައްޔަކީ ލޭގައި ހަކުރު ހުންނަންވާ މިންވަރަށްވުރެ އިތުރުވުމުން ދިމާވާ ސިއްހީ މައްސަލައަކަށްވާއިރު، ހަށިގަނޑުން އިންސިއުލިން ނުއުފެއްދުމުގެ ސަބަބުން ޖެހޭ ޓައިޕް 1 ޑައިބެޓީސްގެ އިތުރުން އެންމެ އާންމުކޮށް ފެންނަނީ ޓައިޕް 2 ޑައިބެޓީސްއެވެ.
މިއީ ހަށިގަނޑުން އިންސިއުލިން އުފެއްދި ނަމަވެސް، ފަލަވުމާއި ހެލިފެލިވެ އުޅުން މަދުވުމުގެ ސަބަބުން އިންސިއުލިންގެ ބޭނުން ހަށިގަނޑަށް އެދެވޭ ގޮތުގައި ނުހިފި ދިމާވާ ހާލަތެކެވެ. މީގެއިތުރުން އާއިލީ ގޮތުން ވާރުތަވުމާއި، މާބަނޑު ދުވަސްވަރު ހަކުރު މަތިވުމަކީވެސް މި ބައްޔަށް ހުށަހެޅޭ ކަންކަމެވެ.
ބަލިން ރައްކާތެރިވުމަށާއި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި މިންހެޔޮ ކާނާ ބޭނުންކުރުމާއި، ކެއުމުގެ ވަގުތުތަކަށް ސަމާލުވުމާއި، ގަވާއިދުން ކަސްރަތުކޮށް ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.
މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ނުކުރުމަށާއި، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ނުވަތަ އާއިލާގައި ބަލި ހުރިނަމަ ދުރާލާ ޓެސްޓުކޮށް، ފަރުވާ ހޯދަމުންދާ ފަރާތްތަކުން ޑޮކްޓަރުގެ ލަފަޔާ އެއްގޮތަށް ގަވާއިދުން މޮނިޓާކުރުން މުހިންމު ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމަށް އެކުލަވާލާފައިވާ "ނެޝަނަލް މަލްޓިސެކްޓޯރަލް އެކްޝަން ޕްލޭން 2023-2031" ގެ ދަށުން، ޕްރައިމަރީ ހެލްތު ކެއާގެ ޚިދުމަތްތައް ފުޅާކޮށް، ދުރާލާ ސްކްރީންކުރުމުގެ މަސައްކަތްތައް އަންނަނީ ހަރުދަނާކުރަމުންނެވެ.
ދުނިޔޭގެ ހަކުރުބަލީގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް ފާހަގަކުރަން ފެށީ 1991 ވަނަ އަހަރު އިންޓަނޭޝަނަލް ޑައިބެޓީސް ފެޑެރޭޝަން އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ ގުޅިގެންނެވެ.
މި ދުވަހުގެ މައިގަނޑު މަގުސަދަކީ ހަކުރުބަލިން ރައްކާތެރިވުމާއި، ބަލީގެ އަލާމާތްތައް ދެނެގަތުމާއި، އަދި ދުޅަހެޔޮ ކާނާއާއި ކަސްރަތު މެދުވެރިކޮށް ބަލި ކޮންޓްރޯލް ކުރުމާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރުވުމެވެ.