ދާއިމީ ބަލިތަކަށް ދޭ ބޭހެއް ލިބެންނެތް ނަމަ، އެ މައުލޫމާތު ހިއްސާކުރެވޭނެ ޑޭޓާބޭސްއެއް ހަދަނީ

ހުޅުމާލޭގައި ހުންނަ ސްޓޭޓް ފާމާގެ ގުދަންތެރެ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ރާއްޖޭގެ އެކި ކަންކޮޅުތަކުން ލިބެން ނެތް، ދާއިމީ ބަލިތަކަށް ބޭނުންވާ ބޭހުގެ މަޢުލޫމާތު އާންމު ރައްޔިތުންނަށް ކަމާބެހޭ ފަރާތްތަކާ ހިއްސާކުރެވޭނެ ޚާއްސަ ޑޭޓާބޭސްއެއް ގާއިމްކުރަން ނިންމާފައިވާ ކަމަށް ގައުމީ ބޭސް ކުންފުނި ސްޓޭޓް ފާމާއިން ބުނެފިއެވެ.

މި އިންތިޒާމުގެ މައިގަނޑު ބޭނުމަކީ ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ފާމަސީތަކުން ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ބޭނުންވާ ބޭސް ލިބުމުގައި ދިމާވާ ދަތިތައް އަވަހަށް ދެނެގަނެ، އެކަމަށް އަވަސް ހައްލެއް ހޯދައިދިނުންކަމަށް އެ ކުންފުނިން ބުނެއެވެ.

ހުޅުމާލޭގައި ގާއިމުކޮށްފައިވާ އެ ކުންފުނީގެ މައި ބޭސް ގުދަނުގެ އޮޕަރޭޝަންތައް ކުރިއަށްދާ ގޮތް ނޫސްވެރިންނަށް ދައްކާލުމަށް ބޭއްވި ޚާއްސަ ހަރަކާތުގައި މަޢުލޫމާތު ދެއްވަމުން، ސްޓޭޓް ފާމާގެ ޗީފް ކޮމާޝަލް އޮފިސަރު އަޙުމަދު އިމާދު ވިދާޅުވީ، ރާއްޖޭގެ އެކި ރަށްރަށުންނާއި ކަމާ ގުޅުންހުރި އިދާރާތަކުން ބޭހާ ގުޅޭ މަޢުލޫމާތު މިހާރުވެސް އެއްކުރަމުން އަންނަ ކަމަށެވެ.

މީގެއިތުރުން އެ މަޢުލޫމާތުތައް ހިމެނޭ ޑޭޓާބޭސް އާންމުންނަށްވެސް ބޭނުންކުރެވޭ ގޮތަށް ހުޅުވާލުމުން، ކޮންމެ ރަށަކަށްވެސް ބޭނުންވާ އަދަދަށް ބޭސް ހަމަޖައްސައިދިނުމަށް ފަސޭހަވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި ޕްރޮޖެކްޓް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ޓެސްޓްކުރުމަށްފަހު، މުޅި ރާއްޖެއަށް ފުޅާކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

ހުޅުމާލޭގައި ހުންނަ ސްޓޭޓް ފާމާގެ ގުދަންތެރެ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އާންމުންނަށް ސީދާ މަޢުލޫމާތު ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކުރެވުމުން، ބޭސް ހުސްވުމުގެ މައްސަލަތައް ވަގުތުން ދެނެގަނެވި، ބޭނުންވާ ފަރާތްތަކަށް ބޭސް ފޯރުކޮށްދިނުން އަވަސްވާނެ ކަމަށް ސްޓޭޓް ފާމާއިން ބުނެއެވެ.

މީގެ އިތުރުން، މިހާރުވެސް ދާއިމީ ބަލިތަކަށް ބޭސް ބޭނުންވާ ރަށްރަށް ކަނޑައަޅައި، އެ ރަށްރަށަށް ބޭނުންވާ ބޭހުގެ މިންވަރު ބަލައި މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނައިރު، ސަރުކާރުގެ މައިގަނޑު އަމާޒަކީ އެއްވެސް ރަށަކުން އަސާސީ އަދި ދާއިމީ ބޭސް ދަތިނުވެ ލިބޭނެ ދެމެހެއްޓެނިވި މަގެއް ފަހިކޮށްދިނުންކަމަށް އިމާދު ވިދާޅުވިއެވެ.

https://sun.mv/230334

"އަޅުގަނޑުމެންނަށް މިހާރު ރާއްޖޭގެ އެކި ރަށްތަކުން އެ މަޢުލޫމާތުތައް ހޯދަމުން މި ދަނީ. ކަމާ ގުޅުންހުރި އިދާރާތަކުންވެސް އަޅުގަނޑުމެން މި މަސައްކަތް މި ކުރަނީ އެ ޑޭޓާބޭސް އަޅުގަނޑުމެންގެ ތެރޭގައި ގާއިމުކޮށްފައި އަދި ޕަބްލިކަށް ވެސް އެބަ ދޫކޮށްލަން އެ ބޭފުޅުންނަށް ހަމަ އެ މަޢުލޫމާތު ހިއްސާކޮށްލެވޭ ގޮތަށް." އިމާދު ވިދާޅުވިއެވެ.

ބޭރުން ބޭސް އެތެރެކުރުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ރެގިއުލޭޓަރީ ކަންކަމާއި ސަޕްލައި ޗެއިންގެ ގޮންޖެހުންތަކާ ހުރެ ބައެއް ކޭސްތަކުގައި ލަސްތަކެއް ކުރިމަތިވި ނަމަވެސް، މިހާރު އެކަންކަން ހައްލުކޮށް ހަމައަކަށް އަޅުވަމުން އަންނަ ކަމަށެވެ. އެގޮތުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަދި މިނިސްޓްރީ އޮފް ހެލްތުގެ އެއްބާރުލުމާއެކު ބޭސް އެތެރެކުރުމުގެ މަރުހަލާތަކަށް ލުއިތަކެއް ލިބިގެން މަސައްކަތް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ހުޅުމާލޭގައި ހުންނަ ސްޓޭޓް ފާމާގެ ގުދަންތެރެ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

މި ވަގުތު ވެސް ބޭހާ ގުޅޭ އެއްވެސް ދައްޗެއް ނުވަތަ ޝަކުވާއެއް އޮތްނަމަ ކޯލް ސެންޓަރުގެ ނަންބަރު 1505 އަށް ގުޅައި މަޢުލޫމާތު ހިއްސާކުރުމަށް ސްޓޭޓް ފާމާއިން އެދެއެވެ.

މީގެއިތުރުން ރާއްޖެއިން ލިބެން ނެތް ބޭސްތައް އެ ކުންފުނީގެ ޕޯޓަލް މެދުވެރިކޮށް އަޕްލޯޑްކުރުމުން އެ ބޭސްތައް ގެނެސްދިނުމުގެ އިންތިޒާމު ހަމަޖެހިފައިވާއިރު، ބޭހުގެ އަގާއި ލިބެން ހުރި ތަންތަނުގެ މަޢުލޫމާތު ބަލައިލެވޭނެ ޕްލެޓްފޯމެއް ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ލައިވްކުރުމަށް ދަނީ މަސައްކަތް ކުރަމުންކަމަށް ވެސް ސްޓޭޓް ފާމާއިން ބުންޏެވެ.

ސްޓޭޓް ފާމާ އަކީ ދިވެހިރާއްޖެއަށް ބޭހާއި މެޑިކަލް ސަޕްލައި އެތެރެކުރުމާއި، މުޅި ރާއްޖޭގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ ސަރުކާރުގެ 100 އިންސައްތަ ހިއްސާވާ ކުންފުންޏެކެވެ.

މި ކުންފުނި އުފެއްދީ ރާއްޖޭގައި ބޭހުގެ ދަތިކަން ޙައްލުކޮށް، ފެންވަރު ރަނގަޅު ބޭހާއި މެޑިކަލް އިކުއިޕްމަންޓް މެދުކެނޑުމެއްނެތި މުޅި ރާއްޖެއަށް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އެގޮތުން ކުރިން އެސްޓީއޯ އިން ހިންގަމުންދިޔަ 190 އަށްވުރެ ގިނަ ފާމަސީތަކުގެ އޮޕަރޭޝަންސް ވަނީ ސްޓޭޓް ފާމާގެ ދަށަށް ބަދަލުކޮށްފައެވެ.

comment ކޮމެންޓް