ޑްރޯންގައި ބޭސް އުފުލުން: އަންނަ އަހަރު ފުރަތަމަ ކުއާޓަރުގައި ޓެސްޓުކޮށް، ނަތީޖާއަށް ބަލައި ރާއްޖެއަށް ފުޅާ ކުރަން އަމާޒެއް

ހުޅުމާލޭގައި ހުންނަ ސްޓޭޓް ފާމާގެ ގުދަންތެރެ: ޑްރޯންގައި ބޭސް އުފުލުން އަންނަ އަހަރު ފުރަތަމަ ކުއާޓަރުގައި ޓެސްޓުކުރުމަށް އަމާޒު ހިފާފައިވޭ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ 190އަށް ވުރެ ގިނަ ފާމަސީތަކަށް ބޭސް ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި، ރާއްޖޭގެ އެއް ތަނުން އަނެއް ތަނަށް ބޭސް އުފުލުމަށް ޑްރޯން ބޭނުންކުރުމުގެ ޕައިލެޓް ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް ސްޓޭޓް ފާމާގެ ޗީފް ކޮމާޝަލް އޮފިސަރު އަޙުމަދު އިމާދު މިއަދު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ހުންނަ ސްޓޭޓް ފާމާގެ މައި ބޭސްގުދަނުގެ އޮޕަރޭޝަންތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އިމާދު ވިދާޅުވީ، މި ޕްރޮޖެކްޓްގެ އަމާޒަކީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ޓެސްޓްކޮށް، އޭގެ ނަތީޖާއަށް ބެލުމަށްފަހު މުޅި ރާއްޖެއަށް މި ޚިދުމަތް ފުޅާކުރުން ކަމަށެވެ.

މީގެ އިތުރުން، އަންނަ އަހަރުގެ ޕްލޭންގެ ދަށުން ރާއްޖޭގެ ފަސް ސަރަޙައްދެއްގައި ބޭސް ރައްކާކުރާނެ ސަރަޙައްދީ ގުދަންތައް ގާއިމުކުރުމަށް ރޭވިފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. މި ވަގުތު މައިގަނޑު ދެ ގުދަނެއް ހުޅުމާލޭގައި ހިންގަމުން އައި ނަމަވެސް، ސަރަޙައްދީ ނެޓްވޯކް ޤާއިމުވުމުން ރަށްރަށަށް ބޭސް ފޯރުކޮށްދިނުމުގެ ލޮޖިސްޓިކްސް މަސައްކަތްތަކަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް އިމާދު ވިދާޅުވިއެވެ.

ހުޅުމާލޭގައި ހުންނަ ސްޓޭޓް ފާމާގެ ގުދަންތެރެ: ޑްރޯންގައި ބޭސް އުފުލުން އަންނަ އަހަރު ފުރަތަމަ ކުއާޓަރުގައި ޓެސްޓުކުރުމަށް އަމާޒު ހިފާފައިވޭ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

"ދެ ވެއާހައުސް ހުޅުމާލޭގައި ހިންގަމުން އަންނައިރު، ސަރަޙައްދީ ނެޓްވޯކް ގާއިމުވުމުން ރަށްރަށަށް ބޭސް ފޯރުކޮށްދިނުމުގެ ލޮޖިސްޓިކްސް މަސައްކަތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ. މީގެއިތުރުން، އެއް ތަނުން އަނެއް ތަނަށް ބޭސް އުފުލުމަށް ޑްރޯން ބޭނުންކުރުމުގެ ޕައިލެޓް ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށް އެބަދޭ، އަމާޒަކީ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ޓެސްޓްކޮށް، އޭގެ ނަތީޖާއަށް ބަލައި މުޅި ރާއްޖެއަށް ފުޅާކުރުން." އިމާދު ވިދާޅުވިއެވެ.

މި އަހަރުގެ ޖުލައި އެކަކުން ފެށިގެން އެސްޓީއޯއިން ހިންގަމުން އައި ފާމަސޫޓިކަލް އޮޕަރޭޝަންތައް ސްޓޭޓް ފާމާގެ ދަށަށް ބަދަލުވުމާ ގުޅިގެން ދިމާވި އެކި ގޮންޖެހުންތަކާއެކު ވެސް، ޚިދުމަތަށް އެއްވެސް ބުރޫއެރުމެއް ނެތި ކުރިއަށް ގެންދިއުމަށް ބޮޑު އިސްކަމެއް ދީފައިވާ ކަމަށް އިމާދު ވިދާޅުވިއެވެ.

މީގެ އިތުރުން އޭޕްރީލް މަހުން ފެށިގެން ގާއިމުކުރެވުނު ޚާއްޞަ ސިސްޓަމްތަކުގެ އެހީގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަދުވެފައިވާ ބޭހުގެ ސްޓޮކްތައް ދެނެގަނެވިފައިވާ ކަމަށާއި، މި މަޢުލޫމާތުގެ އަލީގައި ޕްލޭނިން އަދި ޕްރޮކިއުމަންޓް ޓީމުތައް ގުޅިގެން ބޭނުންވާ އަސާސީ ބޭސްތައް ހަމަކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރުވެސް ގިނަ އަދަދެއްގެ ޝިޕްމަންޓްތައް ލިބެމުންދާއިރު، މި ހިނގާ ނޮވެމްބަރު މަސް ނިމޭއިރު ބޭނުންވާ ބޭހުގެ ބޮޑު ސްޓޮކެއް ގުދަން ކުރެވޭނެ ކަމަށް އިމާދު ވަނީ ލަފާކޮށްފައެވެ.

ހުޅުމާލޭ ގުދަނުގެ އޮޕަރޭޝަންތަކަށް އަލިއަޅުއްވާލައްވަމުން އިމާދު ވިދާޅުވީ، ދުވާލަކު މަދުވެގެން 200 އެއްހާ އޯޑަރު ގުދަނަށް ލިބޭ ކަމަށެވެ. އަދި ބޭހާއި ހޮސްޕިޓަލް ސާމާނު އަވަހަށް ފޮނުވުމަށްޓަކައި ގުދަނުގެ މަސައްކަތްތައް ރޭގަނޑު 10:00 އާ ހަމައަށް ދެ ޝިފްޓަށް ބަހާލައިގެން ކުރިއަށްދާ ކަމަށާއި، އިންސާނީ ވަސީލަތްތަކަށް ބަރޯސާވާ މިންވަރު ކުޑަކޮށް، މުދާ ޓެގްކުރުން ފަދަ ކަންކަން އަވަސްކުރުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ސިސްޓަމްތައް ތަރައްގީކުރަމުން އަންނަ ކަމަށް ވެސް އޭނާ ހާމަކުރެއްވިއެވެ.

ހުޅުމާލޭގައި ހުންނަ ސްޓޭޓް ފާމާގެ ގުދަންތެރެ: ޑްރޯންގައި ބޭސް އުފުލުން އަންނަ އަހަރު ފުރަތަމަ ކުއާޓަރުގައި ޓެސްޓުކުރުމަށް އަމާޒު ހިފާފައިވޭ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އިމާދު ވިދާޅުވި ގޮތުގައި، ދާއިމީ ބަލިތަކަށް ބޭނުންކުރާ ބޭސްތަކުގެ ދަތިކަން ޙައްލުކުރުމަށްޓަކައި، ރާއްޖޭގެ އެކި ރަށްރަށުންނާއި ކަމާގުޅޭ އިދާރާތަކުން މަޢުލޫމާތު އެއްކޮށް ޚާއްޞަ ޑޭޓާބޭސްއެއް އެކުލަވާލުމުގެ މަސައްކަތްވެސް ސްޓޭޓް ފާމާއިން ދަނީ ކުރެވެމުންނެވެ. އަދި ލިބެން ނެތް ދާއިމީ ބޭހުގެ މަޢުލޫމާތު އާންމުންނަށްވެސް ހިއްސާކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ރޭވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުން ބޭސް އެތެރެކުރުމުގައި ހުރި ރެގިއުލޭޓަރީ އަދި ސަޕްލައި ޗެއިންގެ ގޮންޖެހުންތައް މިހާރު ޙައްލުވަމުން އަންނައިރު، މިނިސްޓްރީ އޮފް ހެލްތާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ އެއްބާރުލުމާއެކު، ގާތްގަނޑަކަށް ދެ ހަފުތާ ތެރޭގައި ބޭސް އެތެރެކުރުމަށް އަމާޒު ހިފާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ބޭހުގެ މާކެޓްގެ ގާތްގަނޑަކަށް 70 އިންސައްތައަކީ އަމިއްލަ ކުންފުނިތަކުގެ ހިއްސާ ކަމަށްވާއިރު، އެސްޓީއޯ އަދި ސްޓޭޓް ފާމާގެ ހިއްސާއަކީ 30 އިންސައްތަކަން ފާހަގަކޮށް، އިސްކަންދެނީ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ބޭސްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ކަމަށް ސްޓޭޓް ފާމާއިން ބުނެއެވެ.

comment ކޮމެންޓް