ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑްއިން ނެގި ލޯނަކަށް ގެރެންޓީ ދީގެން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް އެ ދަރަނި ދައްކައި ހަލާސްކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލިސްގެ ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އަށް ދައްކަންޖެހޭ ގާތްގަނޑަކަށް 4.3 މިލިއަން ރުފިޔާ ދެއްކުމަށް ކޮށްފައިވާ މި ހުކުމާ އެއްގޮތަށް ފައިސާ އަދާ ނުކޮށްފިނަމަ، ގާނޫނީ ގޮތުން އޭނާގެ މަޖިލިސް ގޮނޑި ގެއްލޭނެއެވެ.
ސިވިލް ކޯޓުން ބުދަ ދުވަހު ނިންމި ހުކުމުގައިވާ ގޮތުން، މި މައްސަލައަކީ އެމްއައިބީން ދޫކުރި ފަސް ލައްކަ އެމެރިކާ ޑޮލަރުގެ ފެސިލިޓީއަކަށް ފައިސާ ނުދައްކައިގެން އެ ބޭންކުން ހުށަހެޅި މައްސަލައެކެވެ. މި ފައިސާ ހޯދުމަށް ދައުވާކޮށްފައިވަނީ ކަމާގުޅޭ ދެ ކުންފުންޏަކާއި އެ ފެސިލިޓީއަށް ޒިންމާވާ އަމިއްލަ ފަރުދުންގެ މައްޗަށް ކަމަށްވާއިރު، ކޯޓުން މައްސަލަ ނިންމާފައިވަނީ ކުންފުނީގެ އިތުރުން ޑރ. އަހްމަދު ޝަމްހީދު ހިމެނޭހެން ގެރެންޓީ ދިން ފަސް ފަރާތުގެ މައްޗަށެވެ.
މި ހުކުމާ ގުޅިގެން ނެރުއްވި ބަޔާނެއްގައި ޑރ. އަހްމަދު ޝަމްހީދު ވިދާޅުވީ، ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑްއަކީ ކުރީގެ ރައްޓެހިންތަކަކާ އެކު އުފެއްދި ކުންފުންޏެއް ނަމަވެސް، ހިޔާލުތަފާތުވުންތަކެއް އުފެދި އެ ކުންފުނީގެ ހިންގުމާ ދުރުގައި ހުންނަވާތާ ހަތް އަހަރު ވެދާނެ ކަމަށެވެ. އެ ލޯނަކީ ބައެއް ހިއްސާދާރުންގެ އަމިއްލަ ބޭނުމަށް ނެގި ލޯނެއް ކަމަށާއި، އެހީތެރިވުމުގެ ގޮތުން ގެރެންޓީ ދެއްވީ އޭނާގެ ގެރެންޓީއާ އެކު ނޫނީ ލޯނު ނެގެން ނެތުމުން ކަމަށް ފާހަގަކުރެއްވިއެވެ.
ކުންފުނިން ފައިސާ ނުދައްކާކަން އެނގުނު ހިސާބުން ފެށިގެން ފައިސާ ދެއްކުމަށް ކުންފުނީގެ އިސްވެރިންގެ ކިބައިން ތަކުރާރުކޮށް އެދިވަޑައިގެންނެވި ކަމަށާއި، އެ ފަރާތްތަކުން ފައިސާ ނުދެއްކުމުން އަމިއްލަ ހައިސިއްޔަތުން ފައިސާ ދައްކަވަމުން ގެންދަވާ ކަމަށްވެސް ބަޔާނުގައިވެއެވެ.
މީގެ އިތުރުން، މައްސަލަ ކޯޓަށް ހުށަހެޅުމުންވެސް ކުންފުނީގެ އިސްވެރިން އަޅާނުލައި ކޯޓަށް ޖަވާބުދާރީވެފައި ނުވާ ކަމަށް ޝަމްހީދު ވިދާޅުވިއެވެ. އަދި ޝަރީއަތް ނިންމުމުގެ ކުރިން ކޯޓަށް ހާޒިރުވުމަށް އޭނާއަށް އަންގާފައި ނުވާ ކަމަށާއި، މައްސަލަ ނިމުނުކަން އެންގީ އީމެއިލް މެދުވެރިކޮށް ކަމަށްވެސް ފާހަގަކުރެއްވިއެވެ.
ކުންފުނީގެ މިހާރުގެ ވެރިން ސިޔާސީ ގޮތުން ވާދަވެރި ކެންޑިޑޭޓަކަށް ތާއީދުކޮށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި، އަމިއްލަ މަސްލަހަތު ހުރި މިފަދަ ކަންކަން ސިޔާސީކޮށްގެން އަބުރު ނަގާލަން މަސައްކަތްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް، އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަ ކުރައްވާ ޝަމްހީދު ވިދާޅުވިއެވެ.
"މިލޯނަކީ އަޅުގަނޑުގެ ބޭނުމަކަށް ނެގި ލޯނަކަށް ނުވިނަމަވެސް، ގާނޫނީގޮތުން އަޅުގަނޑާއި މަތިކުރި މި ދަރަނި މާތް ﷲ ގެ ވާގިފުޅާއިއެކު ކޯޓުގެ ހުކުމާއި އެއްގޮތަށް ދައްކައި ހަލާސްކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ،" ޝަމްހީދުގެ ބަޔާނުގައިވެއެވެ.
މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލިސްގައި މީގެ ކުރިންވެސް ސާބިތު ދަރަންޏެއްގެ މައްސަލައިގައި މެންބަރެއްގެ ގޮނޑި ވަނީ ގެއްލިފައެވެ. ހިތަދޫ އުތުރު ދާއިރާއަށް ޕީއެންސީން އިންތިހާބުވި މުހައްމަދު ސިނާނުގެ ގޮނޑި ގެއްލުނީ، ސ. ހިތަދޫ، ވާދޫގެ، އަހުމަދު ވަހީދާއި އެ ރަށު، ވިހަލަގޮޑިމާގެ، މުހައްމަދު ސަލީމާ ގުޅިގެން އެމްއައިބީން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއްގެ މައްސަލައިގައެވެ.
ހިތަދޫ ކޯޓުގެ ހުކުމާ އެއްގޮތަށް ދަރަނި ނުދައްކާތީ މެންބަރުކަމުގެ ޝަރުތު އުނިވެފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައިގައި، ސުޕްރީމް ކޯޓުން މިދިޔަ އޭޕްރިލް މަހު ހުކުމްކުރީ ހުކުމާ އެއްގޮތަށް ގަވައިދުން މުހައްމަދު ސިނާނު ފައިސާ ދެއްކި ކަމަށް ބެލެން ނެތުމުން އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ.