މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އަށް ދައްކަންޖެހޭ 2.8 ލައްކައަށް ވުރެ ގިނަ ޑޮލަރު (ގާތްގަނޑަކަށް 4.3 މިލިއަން ރުފިޔާ) ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް ފައިސާ އަދާނުކޮށްފިނަމަ، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޝަމްހީދުގެ ގޮނޑި ގެއްލުމުގެ ގާނޫނީ ބިރު ކުރިމަތިވެއްޖެއެވެ.
ސިވިލް ކޯޓުން އިއްޔެ ނިންމި ހުކުމުގައިވާ ގޮތުން، މި މައްސަލައަކީ އެމްއައިބީން ދޫކުރި 500،000 އެމެރިކާ ޑޮލަރުގެ ފެސިލިޓީއަކާ ގުޅިގެން ފައިސާ ނުދައްކައިގެން ބޭންކުގެ ފަރާތުން ހުށަހެޅި މައްސަލައެކެވެ. މި ފައިސާ ދެއްކުމަށް ދައުވާކޮށްފައިވަނީ ކަމާގުޅޭ ދެ ކުންފުންޏަކާއި، އެ ފެސިލިޓީއަށް ޒިންމާވާ އަމިއްލަ ފަރުދުންގެ މައްޗަށެވެ. އޭގެ ތެރޭގައި ޝަމްހީދު ހިމެނެއެވެ.
ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވަނީ ފެސިލިޓީގެ ދަށުން ދައްކަންޖެހި ނުދައްކައިވާ ފައިސާގެ ތެރެއިން 244,826.52 ޔޫއެސް ޑޮލަރާއި، ޗާޖަސްގެ ގޮތުގައި އަރާފައިވާ 36,647.76 ޔޫއެސް ޑޮލަރު ހިމެނޭހެން ޖުމްލަ 281,474.28 ޑޮލަރު، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ބޭންކަށް ދައްކައި ޚަލާސްކުރުމަށެވެ. އަދި މި ފައިސާއަކީ ޝަމްހީދު ހިމެނޭހެން ދައުވާލިބޭ ހުރިހާ ފަރާތްތަކުން އެންމެން އެކުގައި އަދި ވަކިވަކިން ޒިންމާވާ ގޮތަށް ދައްކަންޖެހޭ ސާބިތު ދަރަންޏެއް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
މި ހުކުމާއެކު މެންބަރު ޝަމްހީދުގެ މަޖިލިސް ގޮނޑިއާމެދު ސުވާލު އުފެދެނީ، ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޝަރުތުގެ ސަބަބުންނެވެ. އެ މާއްދާގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ކިބައިގައި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތްނަމަ، އެ ދަރަނި ކޯޓުގެ ޙުކުމާ އެއްގޮތަށް އަދާކުރަމުން ނުދާ ހާލަތެއް މެދުވެރިވެއްޖެނަމަ އެ މީހަކު މެންބަރުކަމުން ވަކިވާނެއެވެ.
އެހެންކަމުން، ސިވިލް ކޯޓުން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ހުކުމާ އެއްގޮތަށް އެމްއައިބީގެ ދަރަނި އަދާނުކޮށްފިނަމަ، ނުވަތަ އެ ފައިސާ ދެއްކުމުގައި އިހުމާލުވެއްޖެ ހާލަތެއްގައި، ޤާނޫނުއަސާސީގެ ދަށުން ޝަމްހީދުގެ މެންބަރުކަމުގެ ޝަރުތު ގެއްލި، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުމުގެ ފުރުސަތު ބޮޑެވެ.
ޝަމްހީދު ހިިމެނޭހެން މި ހުކުމް އައިއިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވައި ޝަމްހީދު ގެންދަވަނީ ކެމްޕެއިން ކުރައްވަމުންނެވެ.
މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި، ދަރަނީގެ މައްސަލައެއްގައި ހިތަދޫ އުތުރު ދާއިރާއަށް ޕީއެންސީން އިންތިޚާބުވި މުހައްމަދު ސިނާނުގެ ގޮނޑި ގެއްލިފައިވެއެވެ. އޭނާގެ މައްޗަށް ސާބިތުވީ އެހެން ބަޔަކާ ގުޅިގެން އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއްގެ މައްސަލައެވެ. އެ މައްސަލަ ރައްދުވަނީ އޭނާގެ އިތުރުން ސ. ހިތަދޫ، ވާދޫގެ، އަހުމަދު ވަހީދާއި އެ ރަށު، ވިހަލަގޮޑިމާގެ، މުހައްމަދު ސަލީމަށެވެ.
އެ މައްސަލައިގައި ސުޕްރީމް ކޯޓަށް އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައިގައި ވަނީ ލޯނުގެ ފައިސާ ދައްކަން ހިތަދޫ ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް ދަރަނި ނުދައްކާތީ މަޖިލިސް މެމްބަރުކަމުގެ ޝަރުތެއް އުނިވެފައިވާކަމަށް ކަނޑައަޅައި، ސިނާންގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅާ ދިނުމަށެވެ.
ސުޕްރީމް ކޯޓުން އެ މައްސަލައިގައި މިދިޔަ އޭޕްރިލް މަހު ހުކުމްކުރިއިރު ވަނީ، ސިނާނުގެ މައްޗަށް ދަރަންޏެއް ސާބިތުވެފައިވާކަމާއި، ހުކުމާ އެއްގޮތަށް ގަވައިދުން ސިނާން ދަރަންޏަށް ފައިސާ ދެއްކެވި ކަމަށް ބެލެން ނެތް ކަމަށް ނިންމައިފައެވެ. އެހެންވެ، އެ މައްސަލައިގައި ސިނާންގެ ގޮނޑި ގެއްލުނީއެވެ.
އެއަށްފަހު އެ ދާއިރާގެ ބައި އިލެކްޝަނަށް ޓިކެޓް ހޯއްދަވަން ސިނާން ފުރަތަމަ ނިންމެވި ނަމަވެސް، ފަހުން ރޭހުން ވަކިވެވަޑައިގަތީއެވެ. އެހެންވެ، އެ ގޮނޑިއަށް ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ވާދަކުރެއްވީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރަކަށް ހުންނެވި އަޙްމަދު ސަޢީދު (ސޮޑާ) އެވެ. ނަމަވެސް، އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އައްޑޫގެ ކުރީގެ މޭޔަރު ޢަބްދުالله ޞާދިޤް (ސޯބެ) ވަނީ ގޮނޑި ކާމިޔާބު ކުރައްވައިފައެވެ.