ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބެންޖެހި ނުލިބޭ މިންވަރު އަހަރުން އަހަރަށް އިތުރުވަމުންދާ ކަމަށާއި މިކަން މިހެން މެދުވެރިވާން ދިމާވާ މައިގަނޑު އެއް ސަބަބަކީ ސަރުކާރުން ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ނުދީ ހުރުންކަމަށް އޮޑިޓާ ޖެނެރަލް ޙުސައިން ނިޔާޒީ މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނިޔާޒީ ވަނީ ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ގާތްގަނޑަކަށް 22 ބިލިއަން ރުފިޔާ ނުލިބި އޮތް ކަމަށް ހިސާބުތަކުން ދައްކާކަން ފާހަގަކުރައްވާފައެވެ. މިކަމުގެ މައިގަނޑު އެއް ސަބަބެއްގެ ގޮތުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާ ހަވާލާ ދެއްވައި ނިޔާޒީ ވިދާޅުވީ، ދައުލަތުން ހަވާލުކުރާ އެކިއެކި މަސައްކަތްތައް ކުރާ ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ނުދީ އޮތުމެވެ.
ސަރުކާރުން ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާގެ ބޮޑު ބައެއް ނުދައްކާ އޮތްއިރު އެ ބިލުތަކަށް ދައްކާނެ ފައިސާ ހޯދަން އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައި ނެތްކަން ނިޔާޒީ ފާހަގަކުރެއްވިއެވެ. އެހެންކަމުން އެ ފައިސާ ދައްކާނެ ގޮތްތަކެއް ފިނޭންސް މިނިސްޓްރީން ހޯދުން ވަރަށް މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެ ފައިސާ ދައްކާނެ ގޮތްތަކެއް ހުށަހަޅާފައިވާ ވީނަމަވެސް އެ ފައިސާ ދައްކާނެ ގޮތެއް މެންބަރުން ސަރުކާރުގެ ފަރާތުން ހޯއްދެވުމަކީ މުހިއްމުކަމެއްގެ ގޮތުގައި ނިޔާޒީ ފާހަގަކުރެއްވިއެވެ.
ސަރުކާރުން ކުންފުނިތަކަށް ދޭންޖެހޭ ފައިސާގެ އަދަދު ގާތްގަނޑަކަށް ހަތް ބިލިއަނަށް އަރާފައި ވާއިރު، ދައުލަތުގެ އިދާރާއަކުން ލިބެންޖެހި ނުލިބިވާ ފައިސާއެއް ވާނަމަ ދައްކަންޖެހޭ ޓެކުހުން އެ ފައިސާ ކެނޑޭނެ އިންތިޒާމު، މި މަހުގެ ފުރަތަމަ ދުވަހު ސަރުކާރުން ވަނީ ހަމަޖައްސައިފައެވެ.
މީރާއަށް ދައްކަންޖެހޭ ފައިސާ އަޅައިކެނޑުމަށް އެދި ހުށަހަޅާއިރު، އެ ފައިސާގެ ތަފްސީލާއެކު އެ އިދާރާއިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން އެދިފައިވެއެވެ.
ސަރުކާރުން ދޭންޖެހޭ ފައިސާއިން ޓެކްސް އުނިކުރެވޭނެ އުސޫލެއް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައެވެ.