ޔޫއޭއީ ރައްޔިތުންގެ އެންމެ މަގުބޫލު ފަސް މަންޒިލްގައި ރާއްޖެ

އަރަބި ފަތުރުވެރިންތަކެއް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަނީ-- ފޮޓޯ: ހޮޓެލިއާ މޯލްޑިވްސް

ޔޫއޭއީގެ ރައްޔިތުން އޮކްޓޯބަރު މަހުގެ ސްކޫލް ޗުއްޓީގައި ދަތުރުކުރުމަށް އެންމެ ގިނައިން ބުކިން ހަދާފައިވާ ބައިނަލްއަގުވާމީ ފަސް މަންޒިލްގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިއްޖެއެވެ.

ޓްރެވަލް ކުންފުންޏެއް ކަމަށްވާ ޑިނާޓާ ޓްރެވަލް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި އަހަރުގެ އޮކްޓޯބަރު މަހުގެ ޗުއްޓީއަށް ޔޫއޭއީގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ އިތުރުން ދެން އެންމެ މަގުބޫލީ ސްޕެއިން، ފަރަންސޭސިވިލާތް، ތައިލެންޑް އަދި މޮރިޝަސްއެވެ.

ޔޫއޭއީގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮތް ޑިމާންޑް ބޮޑުކަން މި ރިޕޯޓުން ފާހަގަކޮށްފައިވީ ނަމަވެސް، މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ހަދާފައިވާ ބުކިންތަކުގެ ސީދާ އަދަދެއް ނުވަތަ މިދިޔަ އަހަރާ އަޅައިބަލާއިރު އައިސްފައިވާ ކުރިއެރުމުގެ އިންސައްތައެއް ޑިނާޓާ ޓްރެވަލް އިން ހާމަކޮށްފައެއް ނުވެއެވެ.

https://www.sun.mv/228720

މީގެ ކުރިން ޖޫން މަހު އެ ކުންފުނިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، މި އަހަރުގެ ހޫނު މޫސުމުގެ ޗުއްޓީއަށް އެ ކުންފުނި މެދުވެރިކޮށް ހެދި ބައިނަލްއަގުވާމީ ހޮޓެލް ބުކިންތަކުގެ ކޮންމެ ފަސް ބުކިންއަކުން އެކެއް ހަދާފައިވަނީ ރާއްޖެއަށް ކަމަށެވެ. އެހެންކަމުން، އެ މުއްދަތުގައި ޔޫއޭއީގެ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު މަންޒިލަކީ ރާއްޖެ ކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ.

ނަމަވެސް، އޮކްޓޯބަރު މަހުގެ ޗުއްޓީއާ ގުޅޭ އެންމެ ފަހުގެ ރިޕޯޓުގައި ރާއްޖޭގެ ބުކިން ހިއްސާ ހާމަކޮށްފައި ނުވާތީ، ހޫނު މޫސުމާ އަޅައިބަލާއިރު ޔޫއޭއީގެ ފަތުރުވެރިންގެ ޑިމާންޑް އިތުރުވެފައިވޭތޯ ނުވަތަ ދަށްވެފައިވޭތޯ ކަށަވަރެއް ނުކުރެވެއެވެ.

ދާދި ފަހުން ޖެޓް އޮޕަރޭޓް ކުރާ ކުންފުންޏަކުން ވެސް ވަނީ ޔޫއޭއީ އާއި ރާއްޖެއާ ދެމެދު ދަތުރު ކުރުމަށް ޖެޓްތަކަށް އޮންނަ ޑިމާންޑް ވެސް ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަ ކޮށްފައެވެ.

ޑިނާޓާ ޓްރެވަލް އިން އިތުރަށް ބުނެފައިވާ ގޮތުގައި، އޮކްޓޯބަރު މަހުގެ ސްކޫލް ޗުއްޓީއާ ދިމާކޮށް ޔޫއޭއީގެ އެތެރޭގެ ޗުއްޓީ ދަތުރުތަކަށް (ސްޓޭކޭޝަން) ހަދާފައިވާ ބުކިންތައް ވަނީ މިދިޔަ އަހަރާ އަޅައިބަލާއިރު 31 ޕަސެންޓް އިތުރުވެފައެވެ. މިއީ ހަމައެކަނި ޔޫއޭއީގެ އެތެރޭގެ ބުކިންތަކުގެ އަދަދެވެ.

ދެ ފަތުރުވެރިއަކު ރާއްޖޭގައި: --- ފޮޓޯ: އަކްބަރު ޓްރެވަލްސް

ޔޫއޭއީގެ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން ދެމިއޮތްކަން މި ރިޕޯޓުން ދައްކާއިރު، ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1،603،021 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 1،659،031 ފަތުރުވެރިންނާ އަޅައިބަލާއިރު ގާތްގަނޑަކަށް 3.4 ޕަސެންޓުގެ ދަށްވުމެކެވެ. މީގެ އިތުރުން، ހަމައެކަނި ސެޕްޓެމްބަރު މަހު ރާއްޖެއަށް 150،764 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޒިޔާރަތްކުރި 151،114 ފަތުރުވެރިންނާ އަޅައިބަލާއިރު ކުޑަ ދަށްވުމެކެވެ. ފަތުރުވެރިން އަންނަ މިންވަރު ދަށްވުމުގެ ފަހަތުގައި ހަނގުރާއިގެ ސަބަބުން އިގުތިސާދަށާއި ދަތުރުފަތުރަށް ކުރިމަތިވެފައިވާ ހުރަސްތައް ހިމެނެއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ. އޭގެ ފަހަތުން ދެވަނައަށް ރަޝިޔާ އަދި ތިންވަނައަށް އިނގިރޭސިވިލާތް ހިމެނެއެވެ.

comment ކޮމެންޓް