ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި 2.86 ބިލިއަން ޑޮލަރުގެ މުއާމަލާތް ކޮށްފިއެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި މީގެ ތެރޭގައި 373،600 އަށް ވުރެ ގިނަ ރެމިޓަންސް މެދުވެރިކޮށް ކޮށްފައިވާ މުއާމަލާތްތައް ހިމެނެއެވެ. މި މުއްދަތުގެ ތެރޭގައި ކަސްޓަމަރުންނަށް 722 މިލިއަން ޑޮލަރު އެ ބޭންކުން ފޯރުކޮށްދީފައިވާއިރު، މިއީ މަހެއްގެ މައްޗަށް ބަލާނަމަ 80 މިލިއަން ޑޮލަރެވެ.
މިދިޔަ އަހަރު ނިމުނުއިރު ބޭންކުން ޖުމްލަ 733 މިލިއަން ޑޮލަރު ފޯރުކޮށްދީފައިވުމުން، މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި މިވަނީ މިދިޔަ މުޅި އަހަރު ދޫކުރި އަދަދާ ގާތްކުރާ މިންވަރަކަށް ޑޮލަރު ދޫކޮށްފައެވެ.
މި އަހަރުގެ މިހާތަނަށް ބީއެމްއެލް އިން ދޫކުރި ބޭރު ފައިސާގެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ ކާޑުގެ މުއާމަލާތްތަކަށެވެ. އެގޮތުން ކާޑުތަކުން 336 މިލިއަން ޑޮލަރުގެ މުއާމަލާތް ކޮށްފައިވާއިރު، އޭގެ ތެރެއިން 62 ޕަސެންޓު ނުވަތަ 208 މިލިއަން ޑޮލަރަކީ އީ-ކޮމާސް މުއާމަލާތްތަކެވެ. މީގެ އިތުރުން ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) ގެ ގޮތުގައި 224 މިލިއަން ޑޮލަރު ދޫކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މުޅި އަހަރު ޓީޓީއަށް ދޫކުރި 175 މިލިއަން ޑޮލަރަށް ވުރެ 28 ޕަސެންޓު އިތުރު އަދަދެކެވެ.
ދަތުރުފަތުރަށް ނަގުދު ފައިސާގެ ގޮތުގައި 86 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، ތައުލީމީ ބޭނުންތަކަށް 40 މިލިއަން ޑޮލަރު އަދި ސިއްހީ ބޭނުންތަކަށް 33 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. ސިއްހީ ކަންކަމަށް ދޫކުރި އަދަދަކީ ވެސް މިދިޔަ އަހަރާ އަޅައިބަލާއިރު ދެގުނަ އިތުރު އަދަދެކެވެ.
ބީއެމްއެލްއިން މިހާ ގިނަ އަދަދެއްގެ ޑޮލަރު ފޮނުވައިދީފައިވާއިރު މި އަހަރަކީ ރާއްޖޭގެ ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް ވަރަށް ބޮޑުވި އަހަރެކެވެ. އެކަން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ވެސް މި ފަހުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ.
މީހަކު ބީއެމްއެލް ކާޑެއް ބޭނުންކުރަނީ: ފޮޓޯ: ބީއެމްއެލްބޭރަށް ފައިސާ ދިޔަ ނިސްބަތް އިތުރުވި ނަމަވެސް، ރެމިޓަންސް އަދި ކާޑު ސެޓްލްމަންޓްތަކުގެ ޒަރީއާއިން ބީއެމްއެލްއަށް ވަތް ބޭރު ފައިސާގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ. ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި 2.96 ބިލިއަން ޑޮލަރު ބޭންކަށް ވަދެފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 15 ޕަސެންޓުގެ ކުރިއެރުމެކެވެ. ނަމަވެސް މިދިޔަ ސެޕްޓެމްބަރު މަހު ބޭރު ފައިސާގެ ގޮތުގައި ލިބުނީ 240 މިލިއަން ޑޮލަރެވެ. މިއީ އޭގެ ކުރީ އަހަރުގެ ސެޕްޓެމްބަރު މަހަށް ވުރެ ހަ ޕަސެންޓު ދަށް އަދަދަކަށް ވާއިރު، މި އަހަރުގެ އެވްރެޖަށް ވުރެ 27 ޕަސެންޓު ދަށް އަދަދެކެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި ސެޕްޓެމްބަރު މަހަކީ އާންމުކޮށް ވެސް ބޭރު ފައިސާ ލިބުން ދަތި މަހެކެވެ. އެހެންނަމަވެސް އެއީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ އާ ދިރާސީ އަހަރު ފެށޭ ދުވަސްވަރު ކަމަށް ވުމުން، ޑޮލަރަށް އޮންނަ ޑިމާންޑު ވަރަށް ބޮޑަށް އުފުލެއެވެ. އެގޮތުން މިދިޔަ މަހު އެކަނި ވެސް ތައުލީމީ ކަންކަމަށް 8.2 މިލިއަން ޑޮލަރު ދޫކޮށްފައިވެއެވެ. މިއީ އެވްރެޖްކޮށް މަހެއްގެ މައްޗަށް ދޫކުރާ މިންވަރަށް ވުރެ ގާތްގަނޑަކަށް ދެގުނަ އިތުރު އަދަދެކެވެ.
ދުނިޔޭގެ ބާޒާރުގައި ޑޮލަރު ހޯދުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމާއި ރާއްޖޭގެ އެތެރޭގެ ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑު ހަލުވިކަމާއެކު އިތުރުވަމުން ދިއުމަކީ ބޭންކަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ބީއެމްއެލް އިން ފާހަގަކުރެއެވެ. އެ ބޭންކުން ބުނީ މި ގޮންޖެހުންތައް މެނޭޖުކުރަމުން ދަނީ ހަރުދަނާ އުސޫލުތަކެއްގެ މަތިން ބެލެންސް ޝީޓު ބަލަހައްޓައިގެން ކަމަށެވެ.
މި އަހަރުގެ ފުރަތަމަ ނުވަ މަހަކީ އެ ބޭންކުގެ ތާރީހުގައި ވެސް އެންމެ ބޮޑު ފައިދާއެއް ލިބުނު ނުވަ މަސް ކަމަށް ބީއެމްއެލްއިން ބުނެއެވެ. އެގޮތުން މި އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައި ވާގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެ ބޭންކަށް ވަނީ ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 1.93 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 1.53 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 26 ޕަސެންޓްގެ ކުރިއެރުމެއް ކަމަށް ބީއެމްއެލްގެ ރިޕޯޓުގައި ބުނެފައިވެއެވެ.
ބޭންކުގެ ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އެކަނިވެސް ސާފު ފައިދާގެ ގޮތުގައި 647.2 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު 475.4 މިލިއަން ރުފިޔާއާ އަޅާބަލާއިރު 36 ޕަސެންޓް އިތުރު އަދަދެކެވެ.