ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު، އެ ބޭންކުގެ ތާރީޚުގައިވެސް ނުވަ މަސްދުވަހު ނުލިބޭވަރުގެ ބޮޑު އަދަދެއް ސާފު ފައިދާގެ ގޮތުގައި ހޯދައިފިއެވެ.
ބީއެމްއެލް އިން ނެރެފައިވާ މި އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައި ވާގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެ ބޭންކަށް ވަނީ ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 1.93 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 1.53 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 26 ޕަސެންޓްގެ ކުރިއެރުމެއް ކަމަށް ބީއެމްއެލްގެ ރިޕޯޓުގައި ބުނެފައިވެއެވެ.
ބޭންކުގެ ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އެކަނިވެސް ސާފު ފައިދާގެ ގޮތުގައި 647.2 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު 475.4 މިލިއަން ރުފިޔާއާ އަޅާބަލާއިރު 36 ޕަސެންޓް އިތުރު އަދަދެކެވެ.
އަހަރުގެ ތިންވަނަ ކުއާޓަރުގައި ބޭންކުގެ ރައުސްމާލުވެސް ވަނީ ވަރުގަދަކޮށްފައެވެ. ތިންވަނަ ކުއާޓަރު ނިމުނުއިރު ބޭންކުގެ އެޑިކުއެސީ ރޭޝިއޯ ހުރީ 38 ޕަސެންޓްގައެވެ. މިއީ ރެގިއުލޭޓަރީ މިންގަނޑުން ލާޒިމުކުރާ 12 ޕަސެންޓަށްވުރެ ތިންގުނަ އިތުރު އަދަދެއްކަން ބީއެމްއެލްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން މި ނުވަ މަސްދުވަސްތެރޭ ލޯނު ދޫކުރުމުގައިވެސް އައު ރިކޯޑެއް ހެދިފައިވާކަން ބީއެމްއެލްގެ މާލީ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު އަލަށް ދޫކުރި ލޯނުތަކުގެ ޖުމްލަ އަދަދު ވަނީ 12.1 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މުޅި މިދިޔަ އަހަރު ދޫކުރި ޖުމްލަ ލޯނަށްވުރެވެސް އިތުރު އަދަދެކެވެ.
މީހަކު ބީއެމްއެލްގެ ކާޑެއް ބޭނުންކުރަނީ-- ފޮޓޯ: ބީއެމްއެލްބީއެމްއެލްގެ މާލީ ރިޕޯޓު ދައްކާގޮތުން ކަސްޓަމަރުން ބޭންކުގައި ބަހައްޓާފައިވާ ޑިޕޮސިޓް 42.36 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު މިއީ މިދިޔަ އަހަރުގެ ނިޔަލަށް ހުރި 37.19 ބިލިޔަން ރުފިޔާއަށް ވުރެ 14 ޕަސެންޓް އިތުރު އަދަދެކެވެ.
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ރާއްޖޭން ބޭރަށް ފޮނުވާފައިވާ ފައިސާގެ ޖުމްލަ 2.86 ބިލިއަން ޑޮލަރަށް އަރާކަމަށް ބީއެމްއެލްގެ މާލީ ރިޕޯޓުން ދައްކައެވެ. މިއީ 373,600 އަށްވުރެ ގިނަ ރެމިޓަންސް މެދުވެރިކޮށް ކުރެވުނު މުއާމަލާތްތަކެއްކަން އެ ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ބީއެމްއެލްގެ ރިޕޯޓުގައި ވާގޮތުން މި މުއްދަތުގައި ވަނީ 2025 ވަނަ އަހަރުގެ މުޅި އަހަރު ދޫކުރި 733.8 މިލިއަން ޑޮލަރާ ގާތްގަނޑަކަށް އެއްވަރު އަދަދެއް، ދިވެހި ރުފިޔާއަށް ބަދަލުކޮށްގެން ކަސްޓަމަރުންނަށް ދޫކޮށްފައެވެ. އެއީ ޖުމްލަ 722.1 މިލިއަން ޑޮލަރެވެ. މިއަދަދު ހާސިލުވުމަށްޓަކައި މަހެއްގެ މައްޗަށް އެވްރެޖްކޮށް ބީއެމްއެލްއިން 80.2 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މިއީ 2025 ވަނަ އަހަރު މަހަކަށްޖެހޭ އެވްރެޖަށްވުރެ 31 ޕަސެންޓްގެ އިތުރު އަދަދެއްކަން ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މި ނަތީޖާ ހާސިލުކުރެވުނީ އިގުތިސޯދުގެ މުހިންމު ދާއިރާތަކަށް ދޫކުރާ ލޯނު އިތުރުވުމާއި ޑިޕޮސިޓް ބޭސް ފުޅާވުމުގެ އިތުރން ޑިޖިޓަލް މުއާމަލާތްތައް އިތުރުވުމުގެ ސަބަބުންކަމަށް ބީއެމްއެލްއިން ބުނެއެވެ.
ބޭންކުގެ ކޮސްޓް-ޓު-އިންކަމް ރޭޝިއޯ 28 ޕަސެންޓްގައި ހުރިއިރު، މިއީ ސަރަޙައްދީ ފެންވަރުގައިވެސް އެންމެ އެފިޝެންޓް އެއް ނަތީޖާކަމަށާއި ރިޓާން އޮން އިކުއިޓީ ހުރީ 14 ޕަސެންޓްގައިކަމަށް އެ ބޭންކުން ބުނެއެވެ.
މެދުއިރުމަތީގެ ހަނގުރާމައާއި ދުނިޔޭގެ ޖިއޯޕޮލިޓިކަލް މަސްރަޙަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިގުދިސޯދަށް ކުރިމަތިވި ނޭދެވޭ އަސަރުތަކާއެކުވެސް މިފަދަ ގޮންޖެހުންތައް ބޮޑު މާހައުލެއްގައި މި ނަތީޖާ ހާސިލުކުރެވިފައިވުމަކީ ކުރިއަށްއޮތްތަނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުންމީދެއްކަމަށް ބީއެމްއެލްއިން ބުނެއެވެ.