މަތީ ފަންތީގެ ފަތުރުވެރިކަމުގެ ޑިމާންޑް ބޮޑުވަމުން އަންނާތީ، ދުބާއީއާއި ރާއްޖެއާ ދެމެދު ޕްރައިވެޓް ޖެޓުގެ ސީދާ ދަތުރުތައް ފަށައިފިއެވެ.
ޕްރައިވެޓް ޖެޓް ޗާޓަރުކުރާ މާކެޓްޕްލޭސްއެއް ކަމަށްވާ ޖެޓްއޯލްޓޯއިން ބުނި ގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަނާ ދިމާކޮށް ތައާރަފުކުރި މި ރޫޓަކީ މަތީ ފަންތީގެ ފަތުރުވެރިންނަށް ހަތަރު ގަޑިއިރަށް ވުރެ ކުރު ވަގުތަކުން ފަސޭހަކަމާއެކު މާލެ އާދެވޭނެ މަގެއް ފަހިކޮށްދިނުމަށް ފެށި ދަތުރުތަކެކެވެ. ޖެޓްއޯލްޓޯއަކީ އަމިއްލަ ބޯޓުތަކެއް ދުއްވާ ކުންފުންޏެއްގެ ބަދަލުގައި، ލައިސަންސް އޮންނަ އެހެން އޮޕަރޭޓަރުންނާއި ފަތުރުވެރިން ގުޅުވައިދޭ ޕްލެޓްފޯމެކެވެ.
ދުބާއީއާއި މާލެއާ ދެމެދު ކުރާ 2،965 ކިލޯމީޓަރުގެ މި ދަތުރުގައި ތެޔޯ އެޅުމަށް މަޑުނުކޮށް ސީދާ މާލެއަށް އާދެވޭނެއެވެ. ޖެޓްއޯލްޓޯއިން ހާމަކުރި ގޮތުގައި، ސުޕަ-މިޑްސައިޒް ޖެޓެއްގައި މި ދަތުރު ގާތްގަނޑަކަށް ތިން ގަޑިއިރާއި 40 މިނެޓުން ކުރެވޭނެއެވެ. މި ދަތުރުތަކަށް ހަތަރު ގިންތިއެއްގެ ބޯޓުތައް ހަމަޖައްސާފައިވާއިރު، އަގުތައް އުޅެނީ 32،000 ޑޮލަރާއި 115،000 ޑޮލަރާ ދެމެދުގައެވެ. އެގޮތުން ނުވަ މީހުންގެ ޖާގައިގެ މިޑްސައިޒް ޖެޓެއްގެ އަގު 32،000 ޑޮލަރުން ފެށޭއިރު، 10 މީހުންގެ ޖާގައިގެ ސުޕަ-މިޑްސައިޒް ޖެޓެއްގެ އަގު އުޅެނީ 42،000 ޑޮލަރުގައެވެ. އަދި 14 މީހުންގެ ޖާގައިގެ ހެވީ ޖެޓެއް 58،000 ޑޮލަރަށް ލިބޭއިރު، 16 މީހުންނަށް ދަތުރުކުރެވޭ އަލްޓްރާ-ލޯންގް-ރޭންޖް ބޯޓުތަކުގެ އަގު ފެށެނީ 85،000 ޑޮލަރުންނެވެ. މި އަގުތަކުގެ ތެރޭގައި ތެލާއި، ކްރޫއިންގެ އިތުރުން ހޭންޑްލިންގ ފީ ހިމެނޭ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ފަތުރުވެރިންތަކެއް ރިސޯޓެއްގައި: -- ފޮޓޯ: ޓްރެވެލް ޓްރޭޑް މޯލްޑިވްސްމި ދަތުރުތައް ފަށަނީ ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުން ނުވަތަ އަލް މަހްތޫމް އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އަދި ބޯޓުތައް ޖައްސާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ޓާމިނަލަށެވެ. އެ ކުންފުނިން ފާހަގަކުރި ގޮތުގައި، ރާއްޖޭގެ ރިސޯޓުތަކަށް ސީޕްލޭން ދަތުރުކުރަނީ ހަމައެކަނި ދުވާލު ގަޑީގައި ކަމަށްވާތީ، ޖެޓުތައް މާލެ އަންނަ ގަޑި އެކަމާ ގުޅުވައިގެން ރޭވުމަކީ މުހިންމު ކަމެކެވެ. މީގެ އިތުރުން، އައު އަހަރާއި ކްރިސްމަސް ފަދަ ބާރުބޮޑު ދުވަސްވަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެޓު ޕާކުކުރާނެ ޖާގަ ލިބުން ދަތިވާތީ، ދުރާލައި ބުކިން ހެދުމަށް އެ ކުންފުނިން ވަނީ އިރުޝާދުދީފައެވެ.
މެދުއިރުމަތީގެ ގައުމުތަކުގެ އިތުރުން ޔޫރަޕާއި އުތުރު އެމެރިކާގެ މުއްސަނދި ފަތުރުވެރިން ރާއްޖެ އައުމަށް ދުބާއީއަކީ މުހިންމު ޓްރާންސިޓް ހަބަކަށް ވަނީ ވެފައެވެ. ރާއްޖެއަކީ މަތީ ފަންތީގެ މަންޒިލެއްގެ ގޮތުގައި މަގުބޫލުވަމުން އަންނައިރު، ޕްރައިވެޓް ޖެޓުތަކުގައި ރާއްޖެ އަންނަ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އީރާން، އެމެރިކާ ހަނގުރާމައާ ގުޅިގެން މެދުއިރުމަތީގެ ވައިގެ ސަރަހައްދު ބަންދުވުމާ ގުޅިގެން ވެސް ގިނަ އަދަދެއްގެ ޖެޓްތައް ވަނީ ރާއްޖެ އައިސްފައެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ ފެބްރުއަރީ 28 އިން މާޗު 14 އަށް އެކަނިވެސް 128 ޕްރައިވެޓް ޖެޓު ރާއްޖެއަށް އައިސްފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅައި ބަލާއިރު 166 އިންސައްތައިގެ ކުރިއެރުމެކެވެ. ޖެޓްއޯލްޓޯއިން ބުނީ ކުރިއަށް އޮތް ޕީކް ސީޒަނުގައި ޕްރައިވެޓް ޖެޓުގެ ޑިމާންޑް އިތުރަށް ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.