ބިދޭސީންގެ ހިއްސާ އޮންނަ، އުސޫލާ ހިލާފު ވިޔަފާރިތަކަށް ފިޔަވަޅު އަޅަން ފަށައިފި

ތޮއްޑޫގައި އިމިގްރޭޝަންގެ އޮފިސަރުން ބިދޭސީންނާ ސުވާލުކޮށް ބަލައި ފާސްކުރަނީ --- ފޮޓޯ: އިމިގްރޭޝަން

ބިދޭސީންގެ ހިއްސާ އޮންނަ ހޯލްސޭލް، ރީޓެއިލް އަދި ލޮޖިސްޓިކްސް ވިޔަފާރިތަކުން އާ އުސޫލުތަކާ އެއްގޮތަށް އަމަލުނުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިކޮނޮމިކް މިނިސްޓްރީން ދީފިއެވެ.

މިކަން އަންގާފައިވަނީ، ބިދޭސީ އިންވެސްޓްމަންޓްތަކަށް އަމަލުކުރުމަށް ދީފައިވާ އިންތިގާލީ މުއްދަތު އިއްޔެއަށް ހަމަވުމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި، ބިދޭސީންގެ ހިއްސާ އޮންނަ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކުގެ އިތުރުން، ސީއެސްއޭ، ޖީއެސްއޭ އަދި ޕީއެސްއޭގެ ގޮތުގައި ގިންތިކޮށްފައިވާ ލޮޖިސްޓިކްސް ވިޔަފާރިތަކަށް ދެން ހިންގޭނީ ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަޔަމަންޓްސް (އެފްއައިއީއާރު) ފުރިހަމަކޮށްގެންނެވެ. މުއްދަތު ހަމަވުމަށްފަހު މި ޝަރުތުތައް ފުރިހަމަނުކޮށް ހިންގާ ވިޔަފާރިތަކަކީ ފޮރިން އިންވެސްޓްމަންޓްގެ ގާނޫނާ ހިލާފު އަމަލެއް ކަމަށް ބެލެވޭނެ ކަމަށް މިނިސްޓްރީން ފާހަގަކުރިއެވެ.

ދިވެހިންނަށް ހިއްސާ ބަދަލުކޮށްގެން ވިޔަފާރި ކުރިއަށްގެންދަން ބޭނުންވާ ފަރާތްތަކުން ހުށަހަޅާ ބަދަލުތަކަކީ ހަގީގީ ދިވެހި ބައިވެރިވުން އޮންނަ ބަދަލުތަކެއްތޯ މިނިސްޓްރީން ބަލާނެ ކަމަށް ބުންޏެވެ. މިނިސްޓްރީން ބުނި ގޮތުގައި، ހިއްސާ ބަދަލުކުރާ މިންވަރާއި، ފައިސާ ދައްކާ ގޮތާއި، ފައިސާ ހޯދާ މަސްދަރުތަކުގެ އިތުރުން، ވިޔަފާރީގެ ހަގީގީ މަންފާ ލިބޭ ފަރާތްތަކާއި ކޮންޓްރޯލް އޮންނަ ފަރާތްތައް މި މަރުހަލާގައި ވަޒަންކުރާނެއެވެ. އަދި ބިދޭސީ ހިއްސާ ވިއްކާ ފަރާތަށް ނުވަތަ އެއާ ގުޅުންހުރި ފަރާތަކަށް ވިޔަފާރީގައި އިތުރު ހައްގެއް ނުވަތަ މަސްލަހަތެއް އޮތްތޯއާއި، އަލަށް ގުޅޭ ދިވެހި ހިއްސާދާރުންގެ ދައުރަކީ ހަމައެކަނި ނަމެއްގައި އޮންނަ ދައުރެއްތޯ ވެސް ބަލާނެ ކަމަށް ބަޔާނުގައިވެއެވެ. މިކަމާ ގުޅޭ ތަފްސީލީ އުސޫލުތައް ވަކިން އާންމުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އިއްޔެގެ ކުރިން ގަވާއިދަށް ފެއްތުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ހުށަހެޅުންތައް މިހާރު ދިރާސާކުރަމުންދާ ކަމަށާއި، އެ ފަރާތްތަކަށް ކަންކަން ފުރިހަމަކުރުމަށް އިތުރު ވަގުތު ދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ނަމަވެސް، މުއްދަތު ހަމަވިއިރު އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައިނުވާ ވިޔަފާރިތަކަށް ރަސްމީކޮށް ނޯޓިސް ފޮނުވައި، ހުއްދަ ނެތް ހަރަކާތްތައް ހުއްޓާލުމަށް އަންގާނެއެވެ.

މިނިސްޓްރީން ވަނީ ގަވާއިދަށް ނުފެތޭ ހުރިހާ ވިޔަފާރިތަކުން ވެސް ލަސްނުކޮށް ސަރުކާރާ މުއާމަލާތްކުރުމަށް އިލްތިމާސްކޮށްފައެވެ. މިއީ މި ފަހުން ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަޔަމަންޓްސްއާ ގުޅޭގޮތުން ނެރެފައިވާ އެންގުންތަކާ ގުޅިގެން އެޅި ފިޔަވަޅެކެވެ.

comment ކޮމެންޓް