ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) ގެ ރައީސްކަމުން ޖިއާނީ އިންފަންޓީނޯ މަގާމުން ވަކިކުރުމަށްޓަކައި ކެންޑިޑޭޓަކު ހޯދުމަށާއި، ކުރިއަށްދާނެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ޔޫރަޕްގެ ފުޓްބޯޅަ އިދާރާތަކުގެ ވެރިން ފަށައިފިކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތަގައި މި މަސައްކަތުގެ ތެރެއިން ޔުއެފާގެ 55 މެންބަރު ގައުމު ބައިވެރިވާ ޚާއްސަ ސަމިޓެއް ބުރާސްފަތި ދުވަހު ޖަރުމަނުގެ ބާލިންގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޔޫއެފާއިން އިންފަންޓީނޯއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށާފައިވަނީ ވޯލްޑް ކަޕާ ގުޅޭ ގޮތުން ޕްރައިވެޓް އިންވެސްޓްމަންޓް ޕްލޭނެއް ކުރިއަށް ގެންދަން އުޅުމާއި، އެކަމާ ގުޅިގެން އުފެދުނު އިތުބާރު ނެތުމުގެ މައްސަލަތަކާ ގުޅިގެންނެވެ.
މީގެ އިތުރުން، އެ ޑީލުގައި މާލީ ގޮތުން ނާޖާއިޒު ފައިދާ ނެގުމާއި މައްސަލަތަކެއް ހުރި ކަމަށް ތުހުމަތުކޮށް، ސްވިޒަލެންޑްގެ ކޯޓަކަށް ޖިނާއީ މައްސަލައެއް ހުށަހެޅުމަށް ޔޫއެފާއިން ދަނީ ތައްޔާރުވަމުންނެވެ. އަދި މި މައްސަލައިގެ ހެކި ހޯދުމުގެ ހުއްދައަކަށް އެމެރިކާގެ ކޯޓުތަކުގައި ވެސް ވަނީ އެދިފައެވެ.
ޔުއެފާގެ ޖެނެރަލް ސެކްރެޓަރީ ތިއޯޑޯ ތިއޯޑޮރިޑިސް ވިދާޅުވި ގޮތުގައި ފީފާއިން ކަންކަން މާ މައްޗަށް ގެންގޮސްފައިވާ ކަމަށާއި، މިހާރު މަސައްކަތް ކުރަމުންދަނީ ކަންކަން ހަމަމަގަށް އެޅުވުމަށެވެ. ފީފާގެ 211 މެންބަރު ގައުމުގެ ތެރެއިން ޔޫރަޕްގެ 55 ގައުމަކީ ވޯޓުގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ނިސްބަތެކެވެ.
ނަމަވެސް އެސޯސިއޭޓެޑް ޕްރެސްގެ ދިރާސާތަކުން ދައްކާ ގޮތުގައި، އެއްވެސް ވާދަވެރިއަކު ނުކުތުމުގެ ކުރިން ވެސް އިންފަންޓީނޯއަށް ވަނީ ގާތްގަނޑަކަށް 90 ގައުމެއްގެ ތާއީދު ކަށަވަރުވެފައެވެ. އަދި ޔޫރަޕްގެ ހުރިހާ ގައުމެއް ވެސް އެއްބަސްވުމަކަށް އަދި އާދެވިފައެއް ނުވެއެވެ. އެގޮތުން އަޒަރުބައިޖާނާއި ލެޓްވިއާއިން އިންފަންޓީނޯއަށް ތާއީދު އޮތްކަން ވަނީ ހާމަކޮށްފައެވެ.
އިންފަންޓީނޯއާ ވާދަކުރުމަށް ކެންޑިޑޭޓަކު ނެރުމުގެ ސުންގަޑިއަކީ ނޮވެމްބަރު 18 އެވެ. އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗު 18 ގައި މޮރޮކޯގެ ރަބާތުގައެވެ.
އިންފަންޓީނޯގެ މި ޕްލޭނާ ދެކޮޅަށް އޭޝިއާ (އޭއެފްސީ) އަދި އުތުރު އެމެރިކާ (ކޮންކާކަފް) ގެ ވެރިން ވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ.
ނަމަވެސް މިހާތަނަށް ޔޫއެފާގެ ރައީސް އަލެކްސަންޑަ ސެފެރިން، އޭއެފްސީގެ ރައީސް ޝައިޚް ސަލްމާން އަދި ކޮންކާކަފްގެ ރައީސް ވިކްޓާ މޮންޓަގްލިއާނީ ފީފާގެ ރައީސްކަމަށް ވާދަކުރައްވާނެ ކަމަކަށް ނުބެލެވެއެވެ. މީގެ އިތުރުން ޕީއެސްޖީގެ ރައީސް ނާސިރު އަލް ޚަލީފީ ވެސް ވަނީ ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ބާލިންގައި ބާއްވާ މި ބައްދަލުވުމުގައި ފީފާގެ ކަންކަން މިހާރަށް ވުރެ ދެފުށް ފެންނަ ގޮތަށް ބަދަލުކުރުމަށް އިސްލާހީ ފިޔަވަޅުތަކެއް އަޅާނެ ކެންޑިޑޭޓަކު ހޯދުމާއި ގުޅޭގޮތުން މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވޭނެކަމަށް ރިޕޯޓުތައް ބުނެއެވެ.