ދުނިޔޭގެ ފުޓްބޯޅަ އިދާރާ (ފީފާ) ގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ޖިއާނީ އިންފަންޓީނޯއާ ވާދަކުރެއްވުމަށް ޖަޕާން ފުޓްބޯލް އެސޯސިއޭޝަން (ޖޭއެފްއޭ) ގެ އޮނަރަރީ ރައީސް އަދި ފީފާ ކައުންސިލްގެ މެންބަރު ކޯޒޯ ތާޝިމާ ރަސްމީކޮށް ކުރިމަތިލައްވައިފިއެވެ.
ޖޭއެފްއޭގެ ބޯޑު މެންބަރުންގެ ފުރިހަމަ ތާއީދާއެކު ނުކުންނަވާ ތާޝިމާ ވިދާޅުވީ އޭނާގެ މަގްސަދަކީ ދުނިޔޭގެ ފުޓްބޯޅަ ހިންގުމުގައި ނަޒާހާތްތެރިކަމާއި، އިންސާފުވެރިކަން އަދި އަޚްލާގީ އުސޫލުތައް ނަގަހައްޓައި، އިންފަންޓީނޯއަށް ކުރިމަތިވެފައިވާ ފާޑުކިޔުންތަކާއެކު އިންތިޚާބުކުރާނެ އެހެން ރައީސެއްގެ އިހްތިޔާރު ގައުމުތަކަށް ދިނުމަށް ކަމަށެވެ.
އިންފަންޓީނޯގެ ރިޔާސީ ދައުރާ މެދު ސުވާލުުުތަކެއް އުފެދިފައިވާ މި ދަނޑިވަޅުގައި ތާޝިމާ ވިދާޅުވެފައިވަނީ އިންތިޚާބަކާ ނުލައި އިންފަންޓީނޯއަށް މަގާމުގައި ދެމިހުރުމުގެ ފުރުސަތު ލިބުމަކީ ފުޓްބޯޅައަށް ލިބޭނެ އެންމެ ބޮޑު ގެއްލުން ކަމަށެވެ.
ފީފާގެ ގަވާއިދުތަކުގެ ދަށުން އިންތިޚާބުގައި ރަސްމީކޮށް ބައިވެރިވުމަށްޓަކައި ނޮވެމްބަރު 18 ގެ ކުރިން މަދުވެގެން ފީފާގެ މެންބަރު 5 ގައުމެއްގެ ތާއީދު ސިޓީ ހުށަހަޅަންޖެހޭއިރު، ޔޫރަޕުގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) ގެ ތާއީދު ތާޝިމާއަށް ލިބޭނެކަމަށް ބެލެވެއެވެ.
ނަމަވެސް އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަން (އޭއެފްސީ) އަދި އެފްރިކާގެ ގިނަ ގައުމުތަކެއްގެ ތާއީދު އިންފަންޓީނޯއަށް އޮތުމުން، އިންތިޚާބު ކާމިޔާބުކުރުމަށް ތާޝިމާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. ފީފާގެ 211 މެންބަރު ގައުމުގެ މެދުގައި ނަގާ ވޯޓުން ކުރިހޯދުމަށް މަދުވެގެން 106 ވޯޓު ބޭނުންވާއިރު، ކުރިއަށް އޮތް ފީފާ ރިޔާސީ އިންތިޚާބު ވެގެންދާނީ ފަހުގެ ތާރީޚެއްގައި ފެންނާނެ އެންމެ ވާދަވެރި އެއް އިންތިޚާބަށެވެ.