އިންފަންޓީނޯގެ ކެމްޕޭނާއި ވޯލްޑް ކަޕުގެ މައްސަލަތަކާ ގުޅިގެން ޖަޕާން އެފްއޭގެ ނައިބު ރައީސް އިސްތިއުފާ ދީފި

ޖަޕާން ފުޓްބޯލް އެސޯސިއޭޝަން (ޖޭއެފްއޭ) ގެ ނައިބު ރައީސް ޓަކޭޝީ އޮކާޑާ: އޭނާ ވަނީ މިއަދު މަގާމުން އިސްތިއުފާ ދީފައި -- ފޮޓޯ/ އަލްޖަޒީރާ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަލުން އެ މަޤާމަށް އިންތިޚާބު ކުރުމަށް އޭޝިއާގެ ފުޓްބޯޅަ އިދާރާ (އޭއެފްސީ) އިން ތާޢީދުކުރުމާއި، ވޯލްޑް ކަޕާ ގުޅިގެން ފެންމަތިވި މައްސަލަތަކުގައި ކަންކަން ހިނގައިދިޔަ ގޮތާމެދު ހިތްހަމަނުޖެހިގެން ޖަޕާން ފުޓްބޯލް އެސޯސިއޭޝަން (ޖޭއެފްއޭ) ގެ ނައިބު ރައީސް ޓަކޭޝީ އޮކާޑާ މަގާމުން އިސްތިއުފާ ދީފިއެވެ.

ޖަޕާނުގެ ގައުމީ ޓީމަށް 1998 އަދި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ކޯޗުކޮށްދިން އޮކާޑާ އިސްތިއުފާ ދިނީ، ޖޭއެފްއޭގެ ތިން ނައިބު ރައީސުންގެ ތެރެއިން އެއް ބޭފުޅެއްގެ ގޮތުގައި ހުންނަވައި އަމިއްލަ އިޚްތިޔާރުގައެވެ.

އޭނާ އިސްތިއުފާ ދިންކަން އިޢުލާނު ކުރީ ޓޯކިޔޯގައި ބޭއްވި ބައްދަލުވުމެއްގައި އޭއެފްސީގެ ރައީސް ޝެއިޚް ސަލްމާން ބިން އިބްރާހިމް އަލް ޚަލީފާ، އިންފަންޓީނޯއަށް އޭޝިއާގެ ފުރިހަމަ ތާޢީދު އޮތްކަން ހާމަކުރެއްވިތާ ހަފުތާއެއް ފަހުންނެވެ.

މަގާމުން ވަކިވަމުން އޮކާޑާ ބުނީ، ކުޅިވަރު ކުރިއަށް ގެންދަންވާނީ ނަޒާހަތްތެރިކަމާއެކު ކަމަށް އޭނާ އަބަދުވެސް ގަބޫލުކުރާ ކަމަށެވެ. އަދި އެންމެ ފަހުން ބޭއްވުނު ވޯލްޑް ކަޕާ ގުޅިގެން ކަންކަން ނިންމުމުގައި ގެންގުޅުނު ސިޔާސަތުތަކާއި އޭނާގެ އަމިއްލަ ގަބޫލުކުރުންތަކާ ދެމެދު ބޮޑެތި ފަރަގުތަކެއް ހުރުމުން، ކުޅިވަރުގެ މީހެއްގެ ހައިސިއްޔަތުން އެކަންކަން ބަލައިގަންނަން ދަތި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އޮކާޑާ ބުނީ އޭއެފްސީއާއެކު އޮންނަ ގުޅުމަށާއި ޖަޕާނުގެ ފުޓްބޯޅައަށް ކުރާނެ އަސަރަށް ބަލާއިރު، އޭއެފްސީގެ ނިންމުމަށް އެއްބަސްވުމުގައި ޢަމަލީ ސަބަބުތަކެއް ހުރިކަން ވިސްނޭ ކަމަށެވެ. ނަމަވެސް މި ނިންމުމަކީ ފުންކޮށް ވިސްނެވުމަށްފަހު ނިންމި ނިންމެވުމެއް ކަމަށް އޭނާ ބުންޏެވެ.

ފީފާގެ މުބާރާތްތަކަށް އަމިއްލަ އިންވެސްޓަރުން ވެއްދުމަށް އިންފަންޓީނޯ ގެންގުޅުއްވި ޕްލޭނާ ގުޅިގެން މީގެ ކުރިން އޭއެފްސީ އާއި ޔޫރަޕްގެ ޔޫއެފާ އަދި އުތުރު އެމެރިކާގެ ކޮންކާކަފް ގުޅިގެން ވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.

އެ މައްސަލައިގައި އިންފަންޓީނޯ ފަހުން މަޢާފަށް އެދިވަޑައިގެންނެވި ނަމަވެސް، އަންނަ މާރިޗު މަހު ބާއްވާ ފީފާގެ އިންތިޚާބުގައި ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވާ އިންފަންޓީނޯގެ އިސްތިއުފާއަށް ބައެއް އެސޯސިއޭޝަންތަކުން އަދިވެސް ދަނީ ގޮވާލަމުންނެވެ.

comment ކޮމެންޓް