ވޯލްޑް ކަޕް ވިއްކާލަން އުޅުނު މައްސަލައިގެ މުހިންމު ލިޔުންތައް ފީފާއިން ކައުންސިލާ ހިއްސާކުރަނީ

ފީފާގެ ރައީސް އިންފަންޓީނޯ: ވޯލްޑް ކަޕް ވިއްކާލަން އުޅުނު މައްސަލައިގެ ޕްލޭނާއި ގުޅޭ މުހިންމު ލިޔުންތައް ފީފާއިން ކައުންސިލާ ހިއްސާކުރަން ނިންމާފައިވާކަމަށް ރިޕޯޓުތައް ބުނޭ

ކުރިއަށް އޮތް ވޯލްޑް ކަޕް މުބާރާތްތަކުގެ ހިއްސާ އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ޕްލޭނާ ގުޅޭ މުހިންމު ލިޔުންތައް ފީފާ ކައުންސިލާ ހިއްސާކުރަން ނިންމައިފިއެވެ. ނަމަވެސް މި ލިޔުންތައް އާންމުކޮށް ހާމައެއް ނުކުރާނެއެވެ.

އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، "ފީފާ ފޯވާޑް އެންޓަޕްރައިޒް"ގެ ނަމުގައި ހުށަހެޅި މި ޕްރޮޕޯޒަލާ ގުޅޭ މުހިންމު ލިޔުންތައް ބެލުމުގެ ފުރުސަތު ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ނިންމުންތައް ނިންމާ މައި ބޮޑީ ކަމަށްވާ ފީފާ ކައުންސިލްގެ މެންބަރުންނަށް ލިބޭނެއެވެ.

އެހެން ނަމަވެސް، މި ލިޔުންތައް ބެލޭނީ ސިއްރު ހިފެހެއްޓުމަށް އަޅާފައިވާ ހަރުދަނާ އުސޫލުތަކުގެ ދަށުންނެވެ. އޭގެ ތެރޭގައި ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ސްވިޒަލޭންޑުގެ ޒިއުރިކަށް ހާޒިރުވެ، ވަކިވަކި އެޕޮއިންޓްމަންޓްތަކުގައި ކަނޑައެޅޭ ލިޔުންތައް ބެލުމަށް ކައުންސިލްގެ 37 މެންބަރުން ރަޖިސްޓްރީވާން ޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މި ލިޔުންތައް ހިއްސާކުރަން ފީފާއިން ނިންމިކަން ހާމަވެފައިވަނީ، 4.2 ބިލިއަން ޑޮލަރުގެ މި ޕްލޭނާ ގުޅޭ ތަފުސީލުތައް ހާމަކުރުމަށާއި މި ޕްލޭން އެކުލަވާލައި ފާސްކުރި ފަރާތްތަކުގެ މައުލޫމާތު ދިނުމަށް ޔޫރަޕުގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އިން ދިން މުއްދަތު ހަމަވި ހޯމަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާ ގުޅިގެން މި ޕްލޭން ދޫކޮށްލާފައިވަނީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

ޔުއެފާއިން މި މުއްދަތު ކަނޑައެޅީ، މި ހުށަހެޅުމާ ގުޅިގެން އިންފަންޓީނޯ މާފަށް އެދިވަޑައިގެން ނަމަވެސް، ޕްލޭން އެކުލަވާލި ގޮތުގެ އެއްވެސް ތަފުސީލެއް ހިއްސާނުކުރައްވައި، ކައުންސިލްގެ މެންބަރުންގެ ސުވާލުތައް ލިޔުމުން ހުށަހެޅުމަށް އެދިވަޑައިގެންނެވި ހޫނު ބައްދަލުވުމަކަށް ފަހުގައެވެ.

މޮރޮކޯގެ ރަބާތުގައި މާޗް 18 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާގެ ރައީސް ހޮވުމުގެ އިންތިޚާބުގެ ކުރިން ނުވަތަ އެ އިންތިޚާބުގެ ތެރެއިން އިންފަންޓީނޯ މަގާމުން ވަކިކުރުމުގެ މަސައްކަތް އިސްވެ ކުރަމުންދަނީ ޔުއެފާއިންނެވެ.

ދެހާސް ސޯޅަ ވަނަ އަހަރު މަގާމަށް އިންތިޚާބުވެވަޑައިގެންނެވި އިންފަންޓީނޯ މިހާރު އަމާޒު ހިއްޕަވާފައިވަނީ 2031 ވަނަ އަހަރާ ހަމައަށް ހަތަރުވަނަ ދައުރަކަށް ދެމިހުންނެވުމަށެވެ.

comment ކޮމެންޓް