ސުޕްރީމް ކޯޓު އަޅަން މާލެއިން ބިމެއް ހަމަޖެހިއްޖެ: އުއްތަމަ ފަނޑިޔާރު

އުއްތަމަ ފަނޑިޔާރު އައްޑޫ ކޯޓް ކޮމްޕްލެކްސް ސައިޓުގައި މަސައްކަތް ބައްލަވާލައްވަނީ --

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ޚާއްޞަ އަމިއްލަ އިމާރާތެއް ބިނާކުރުމަށްޓަކައި މާލޭގެ މުހިންމު ސަރަޙައްދަކުން ބިމެއް ހަމަޖެހިފައިވާކަން އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު އިއުލާންކުރައްވައިފިއެވެ.

އުއްތަމަ ފަނޑިޔާރު މިކަން އިއުލާންކުރެއްވީ 2008 ވަނަ އަހަރު ޢަމަލުކުރަން ފެށި ޤާނޫނުއަސާސީގެ ދަށުން ސުޕްރީމް ކޯޓު އުފެދުނުތާ 18 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދެއްވި ޚިޠާބުގައެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ސުޕްރީމް ކޯޓުގެ އައު އިމާރާތް ބިނާކުރުމަށްޓަކައި މާލެއިން ބިން ހަމަޖެހިފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރު އަށް ވަނަ ދުވަހުއެވެ.

މީގެއިތުރުން ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން މާލޭ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް މި އަހަރުގެ ޖުލައި 25 ގައި އެމްޓީސީސީއާ ހަވާލުކުރެވިފައިވާ ކަމަށާއި، 2028 ވަނަ އަހަރުގެ ޤަޟާއީ އަހަރުގެ މަސައްކަތް އެ އިމާރާތުގައި ކުރިއަށް ގެންދެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރުގެ ޚިޠާބު ނިންމަވާލެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނަށް އަހަރީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވަމުން، ޤާނޫނުއަސާސީއާއި ޤާނޫނުގެ ވެރިކަން ނަގަހައްޓައި، ޢަދުލުވެރި ނިޒާމެއް ބިނާކުރުމުގައި އެންމެން އެކުގައި ދެމިތިބުމަށް އިލްތިމާސް ކުރައްވަމުންނެވެ.

comment ކޮމެންޓް