އަސްކަރީ އަޚްލާގާއި ސުލޫކީ މިންގަނޑާ ޚިލާފުވި ކަމަށް ބުނެ އެމްއެންޑީއެފްގެ މޭޖަރެއްގެ މަގާމުގައި ހުންނަވަނިކޮށް، ކެޕްޓަން ކަމަށް ޑީމޯޓްކުރުމަށްފަހު ވަޒީފާއިން ވަކިކުރި މައްސަލައިގައި، ދިފާޢީ ވުޒާރާއިން އަޅާފައިވާ ފިޔަވަޅުތަކަކީ ގާނޫނާ އެއްގޮތަށް އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ އެމްއެންޑީއެފް ސަދަން އޭރިއާގެ ޑެޕިއުޓީ ކޮމާންޑަރުގެ މަގާމުގައި ހުންނެވި ހއ. ތަކަންދޫ، ނޫރާނީވިލާ، މޭޖާ (ރިޓަޔަޑް) ޢަބްދުލްމުހްސިން މުހައްމަދު، އޭރިއާގެ ކޮމާންޑަރާ މުޢާމަލާތްކުރުމުގައި އަދަބު އިހްތިރާމް ކުޑަކޮށް، ބޭއަދަބީ ބަހުރުވައިން ވާހަކަދެއްކި ކަމަށް ބުނެ މިލިޓަރީ ޕޮލިހުން ބެލި މައްސަލައެއްގައި 2018 ވަނަ އަހަރު އޭނާ ވަޒީފާއިން ވަކިކުރުމުން ހުށަހެޅި މައްސަލައެކެވެ.
އޭނާ ވަޒީފާއިން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، ވަޒީފާއާއި ގެއްލުމުގެ ބަދަލު ހޯދަން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމީ ސިފައިންގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ. އަދި އެ ނިންމުމަށް ހައިކޯޓުން ވެސް ވަނީ ތާއީދުކޮށްފައެވެ.
ހައިކޯޓުގެ ނިންމުން ޢަބްދުލްމުހްސިންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ ހައިކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގެ މައިގަނޑު ނުކުތާތައް:
ބަންދުކޮށްގެން ތަހުގީގު ހިންގި ކަމަށް ބުނާ މައްސަލަ: ސިފައިންގެ މަރުކަޒުގައި ބޭރަށް ނުދެވޭ ގޮތަށް ބަންދުކޮށްގެން ތަހުގީގު ހިންގި ކަމަށް ބުނެ ހައިކޯޓަށް ނުކުތާއެއް ހުށަހެޅި ނަމަވެސް، އެއީ ދަށު ކޯޓުގެ ދަޢުވާގައި ފާހަގަކޮށް ފަރުވާއަކަށް އެދިފައިވާ ކަމެއް ނޫން ކަމަށާއި، ކޯޓަކުން ނޭދޭ ފަރުވާއެއް ނަގައިނުދެވޭނެ ކަމަށް ވަނީ ކަނޑައަޅުއްވާފައެވެ.
ފިޔަވަޅު އެޅުމުގެ އިޚްތިޔާރު: ޢަބްދުލްމުހްސިންގެ މައްޗަށް ތުހުމަތުކުރެވުނު އަސްކަރީ އަޚްލާގާއި ސުލޫކާ ޚިލާފުވުމުގެ ކުށަށް އޭނާ އިއުތިރާފުވެފައިވާތީ، "ސިފައިން ކުރާ ކުށްތަކަށް އިދާރީ އަދަބު ދިނުމާބެހޭ ގަވާއިދު" ގެ ދަށުން ޑީމޯޓްކުރުމާއި ވަޒީފާއިން ވަކިކުރުމުގެ ފިޔަވަޅު އެޅުމުގެ ބާރު ސިފައިންގެ މުއައްސަސާއަށް ލިބިގެންވާ ކަމަށް ނިންމެވިއެވެ.
ގަވާއިދުތައް ގެޒެޓްކުރުން: ގާނޫނުއަސާސީގެ 61 ވަނަ މާއްދާގެ ދަށުން ގެޒެޓްކުރުން ލާޒިމުވަނީ އާންމު ރައްޔިތުންގެ މައްޗަށް ހިނގާ ގަވާއިދުތައް ކަމަށާއި، އަސްކަރިއްޔާ ފަދަ ވަކި ޚާއްސަ ޖަމާޢަތަކަށް އެކަނި އަމާޒުކޮށް ހަދާ އެތެރޭގެ ގަވާއިދުތައް ("ޑޮކްޓަރިން އޮފް ސެޕަރޭޓް ކޮމިއުނިޓީ" ގެ އުސޫލުން) ގެޒެޓުގައި ޝާއިއުކުރުން ލާޒިމު ނޫން ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅިއެވެ.
މި މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ.