އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހާއި ހަމައަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އަހަރީ ރިސެސްއަށް ދިއުމަށް ނިންމައިފިއެވެ.
ރިސެސްއަކަށް ދާން އުޅޭކަން ހާމަކޮށް ސުޕްރީމް ކޯޓުން ސޯޝަލް މީޑިއާގައި ހާމަކުރި ގޮތުގައި، މި މަހުގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހުން ފެށިގެން، އަންނަ އަހަރުގެ ޖަނަވަރީ މަހުގެ އެންމެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހާ ހަމައަށް އެ ކޯޓު އޮންނާނީ ރިސެސްގައެވެ.
ކޯޓުތަކުގެ ގާނޫނުގެ 7 ވަނަ މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގެ އިތުރުން، ގާނޫނުއަސާސީ ނުވަތަ ގާނޫނެއްގެ ދަށުން ވަކި ކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ޙާލަތްތައް ފިޔަވައި، ރިސެސްގެ މި މުއްދަތުގައި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ އެއްވެސް އަޑުއެހުމެއް ނޯންނާނެ ކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ.
ރިސެސްގެ މުއްދަތުގައި ޝަރީޢަތުގެ އަޑުއެހުންތައް ނުބޭއްވި ނަމަވެސް، ކޯޓަށް މައްސަލަތައް ބަލައިގަތުމުގެ މަސައްކަތާއި، އެހެނިހެން އިދާރީ ޚިދުމަތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށް ސުޕްރީމް ކޯޓުން މައުލޫމާތު ދެއެވެ.
ސުޕްރީމް ކޯޓުގެ އިތުރުން ހައި ކޯޓާއި ދަށު ކޯޓުތަކުން ވެސް ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހު ރިސެސްއަކަށް ދާނެއެވެ. ބައެއް ކޯޓުތަކުން ޝަރީއަތްތައް އެއްކޮށް ހުއްޓާލުމުގެ ބަދަލުގައި އަޑުއެހުންތައް ބާއްވާ މިންވަރު މަދުކުރެއެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ މައިގަނޑު މަސްޢޫލިއްޔަތަކީ ގާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޢަދުލު އިންޞާފު ޤާއިމުކުރުމާއި، އެކި ފަރާތްތަކުގެ މެދުގައި އުފެދޭ ޤާނޫނީ މައްސަލަތައް ބަލައި ޙައްލުކުރުމެވެ.