ސީއެންއެންއާއި އިތުރު ދެ މީޑިއާއެއް ވައިޓް ހައުސްއިން މަނާކުރަން ޓްރަމްޕް ނިންމަވައިފި

އެެމެރިކާގެ ރައީސް ޓްރަމްޕް: ވިދާޅުވީ، ސީއެންއެންގެ ނޫސްވެރިން ވައިޓް ހައުސްއަށް ވަނުން މަނާ ކުރައްވައިފި ކަމަށް -- ފޮޓޯ/ ގެޓީ

ސީއެންއެން އާއި އެމްއެސް ނައު އަދި ޕޮލިޓިކޯ، އެމެރިކާގެ ރައީސް އޮފީސް ކަމަށްވާ ވައިޓް ހައުސްއިން މަނާކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފިއެވެ.

ޓްރޫތު ސޯޝަލްގައި އިއްޔެ އާންމުކުރެއްވި ބަޔާނެއްގައި ޓްރަމްޕް ވިދާޅުވި ގޮތުގައި، އެ ނޫސްތަކުން އަންނަނީ ސަރުކާރާ ގުޅޭގޮތުން ހުއްޓުމެއް ނެތި ދޮގު ވާހަކަތައް ފަތުރަމުންނެވެ. އެގޮތުން ޓްރަމްޕާއި ސަރުކާރާ ގުޅޭގޮތުން ޚިޔާލީ ވާހަކަތަކާއި ދޮގު ޚަބަރު ފެތުރުމުގެ ފުރުސަތު މީޑިއާތަކަށް އޮވެގެން ނުވާނެ ކަމަށް ލިޔުއްވާފައިވެއެވެ.

އެ ފިޔަވަޅާ ގުޅޭ އިތުރު މައުލޫމާތެއް ޓްރަމްޕް ހާމައެއް ނުކުރައްވައެވެ. އެހެންކަމުން، ސީއެންއެން އާއި އެމްއެސް ނައު އަދި ޕޮލިޓިކޯގެ މުވައްޒަފުންނަށް ދެން ވައިޓް ހައުސްއަށް ވަދެވޭނެކަން ނުވަތަ ނުވަދެވޭނެކަން ސާފުނުވާ ކަމަށް ނޫސްތަކުގައިވެއެވެ.

އެމެރިކާގެ މީޑިއާތަކުން ވަނީ، އެ އިއުލާނަށް ފަހު ވެސް ސީއެންއެން އާއި ޕޮލިޓިކޯގެ ނޫސްވެރިން ވައިޓް ހައުސްގެ ގޯތިތެރޭގައި ހަރަކާތްތެރިވަމުން ދިޔަ ކަމަށް ރިޕޯޓުކޮށްފައެވެ. އަދި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސްއާއެކު އަޔޯވާގައި އޮތް ހަރަކާތަކަށް ސީއެންއެންގެ ޓީމެއް ދަތުރުކުރަމުން ދިޔަ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މި ނިންމުމާ ގުޅިގެން ސީއެންއެންއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ އެމެރިކާގެ ނޫސްވެރިކަމުގެ މިނިވަންކަމަށް ދިން ޣައިރު ގާނޫނީ ހަމަލާއެއް ކަމަށެވެ. ސަރުކާރުގެ ނުފޫޒެއް ނެތި ޚަބަރު ފެތުރުމަކީ އެމެރިކާގެ ގާނޫނުއަސާސީން ލިބިދީފައިވާ ހައްގެއް ކަމަށާއި، އެ ނޫހުގެ ވައިޓް ހައުސް ޓީމުން ގެނެސްދޭ ސައްހަ ރިޕޯޓުތަކަށް ފުރިހަމައަށް ތާއީދުކުރާ ކަމަށް އެ ނެޓްވޯކުން ބުނެފައިވެއެވެ.

ހަމައެއާއެކު، ޕޮލިޓިކޯއިން ވެސް ވަނީ އެ ނޫހުގެ ނޫސްވެރިންނަށް ލިބިދީފައިވާ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާނެ ކަމަށް ބުނެފައެވެ. ނަމަވެސް، އެމްއެސް ނައު އިން މިކަމާ ގުޅޭގޮތުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނޫސްވެރިންގެ މަސައްކަތަށް ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެ ޖަމިއްޔާއިން ނޫސްވެރިންނާއެކު ސާބިތުވެ ތިބޭނެ ކަމަށެވެ.

ގާނޫނީ މާހިރުންނާ ހަވާލާދީ ފޯބްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓްރަމްޕްގެ މި ނިންމެވުމާ ދެކޮޅަށް މީޑިއާތަކުން ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް ބެލެވެއެވެ.

ޓްރަމްޕްގެ ވެރިކަމުގައި މީގެ ކުރިން ވެސް މީޑިއާތަކާ ދެމެދު ބޮޑެތި މައްސަލަތަކެއް އުފެދިފައިވެއެވެ. އެގޮތުން 2018 ވަނަ އަހަރު ސީއެންއެންގެ ނޫސްވެރިޔާ ޖިމް އަކޯސްޓާގެ ޕްރެސް ޕާސް ބާތިލުކުރަން ވައިޓް ހައުސްއިން މަސައްކަތް ކުރުމުން، ކޯޓުން ވަނީ އެ ޕާސް އަނބުރާ ދިނުމަށް އަމުރުކޮށްފައެވެ. އަދި މިދިޔަ އަހަރުގެ ފެބުރުވަރީ މަހު، މެކްސިކޯ ކަނޑުއޮޅިއަށް "ގަލްފް އޮފް އެމެރިކާ" ކިޔަން ދެކޮޅުހެދުމުން އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ވައިޓް ހައުސްއިން މަނާކުރި މައްސަލަ ވެސް ކޯޓުގައި ދަނީ ހިނގަމުންނެވެ.

comment ކޮމެންޓް