އީރާންގެ އަސްކަރިއްޔާގެ ބޮޑު ބައެއް ނައްތާލެވިއްޖެ ކަމަށާއި، ނަމަވެސް އެ ގައުމުގެ ބައެއް ތަންތަނަށް އަދިވެސް ހަމަލާ ދޭން ޖެހޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވެއްޖެއެވެ.
ފްލޮރިޑާގައި ހުންނަ އެ މަނިކުފާނުގެ ގެކޮޅުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވި ގޮތުގައި، އެމެރިކާއިން ވަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހަލާކުކޮށްލާފައެވެ. ނަމަވެސް އަދިވެސް އެއް ތަނެއް ނުވަތަ ދެ ތަނަކާ މެދު ފިޔަވަޅުއަޅަން ޖެހިފައިވާ ކަމަށާއި، އެކަން އެންމެ 10 މިނެޓުގެ ތެރޭގައި ކޮށްލެވިދާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
މިކަމުގެ ތަފުސީލު ދެއްވަމުން ޓްރަމްޕް ފާހަގަކުރެއްވި ގޮތުގައި، އަދިވެސް ފިޔަވަޅުއަޅަންޖެހޭ ތަންތަނުގެ ތެރޭގައި ޕިކްއެކްސް މައުންޓަންގެ ނަމުން މަޝްހޫރުވެފައިވާ ސަރަހައްދު ހިމެނެއެވެ. ބިމުގެ އަޑީގައި ހަދާފައިވާ ނިއުކްލިއާ މަރުކަޒެއް ކަމަށް ތުހުމަތުކުރެވޭ އެ ތަނަށް އިޝާރާތްކުރައްވައި އެ މަނިކުފާނު ވިދާޅުވީ، އެ ތަނާ މެދު ފިޔަވަޅުއަޅަންޖެހޭ ކަމަށާއި އެ ހުރިހާ ކަމެއް ވެސް ވަރަށް އަވަހަށް ނިންމާލެވިދާނެ ކަމަށެވެ.
ޕިކްއެކްސް މައުންޓަން ސަރަހައްދުގައި ނިއުކްލިއާ މަސައްކަތެއް ކުރިއަށްގެންދާ ކަމަށް ކުރެވޭ ތުހުމަތުތައް އީރާންގެ ސަރުކާރުން ވަނީ ދޮގުކޮށްފައެވެ.
މީގެ އިތުރުން، އީރާންގެ އަސްކަރިއްޔާއާއި ނިއުކްލިއާ ޕްރޮގްރާމް ވަރަށް ބޮޑަށް ބަލިކަށިކޮށްލާފައިވާތީ، އިތުރު އަސްކަރީ ހަމަލާއެއް ދިނުމަށް އެމެރިކާއިން އަވަސްވެގަނެގެން ނޫޅޭ ކަމަށް ވެސް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވިއެވެ. ހަމައެއާއެކު، ފެބުރުވަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލް ގުޅިގެން ފެށި ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނާއެކު ކުރިއަށްގެންދާ މަޝްވަރާތަކާ ގުޅޭގޮތުން ވެސް އެ މަނިކުފާނު ވާހަކަދެއްކެވިއެވެ. އެގޮތުން އެ މަޝްވަރާތައް ރަނގަޅަށް ކުރިއަށްދާ ކަމަށާއި، ނަމަވެސް އީރާނަކީ އެހާ އިތުބާރުކުރެވޭ ބައެއް ނޫން ކަމަށް ޓްރަމްޕް ސިފަކުރެއްވިއެވެ.