ހޮރުމުޒް ކަނޑުއޮޅީގައި ދިން ހަމަލާއަކާއެކު، އަނެއްކާވެސް ތެލުގެ އަގު އުފުލިއްޖެ

ހޮރުމުޒް ކަނޑުއޮޅީގައި ދިން ހަމަލާއަކާއެކު، އަނެއްކާވެސް ތެލުގެ އަގު ވަނީ އުފުލިފައި --

ހޮރުމުޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރަކަށް ދިން ހަމަލާއަކާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު އުފުލިއްޖެއެވެ.

ބާޒާރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ބްރެންޓް ސާފުނުކުރާ ތެލުގެ އަގު ވަނީ ފީފާއަކުން 2.26 ޑޮލަރު ނުވަތަ ދެ އިންސައްތަ އުފުލި، 117.14 ޑޮލަރަށް އަރާފައެވެ. އަދި، އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއެޓް (ޑަބްލިއުޓީއައި) ތެލުގެ އަގު 1.94 ޑޮލަރު ނުވަތަ 1.9 އިންސައްތަ އުފުލި، ފީފާއެއް ވަނީ 103.94 ޑޮލަރަށް އަރާފައެވެ. އެއާއެކު، މުޅި މަހަށް ބަލާއިރު ބްރެންޓް ތެލުގެ އަގު 13 އިންސައްތަ އަދި ޑަބްލިއުޓީއައި ތެލުގެ އަގު 15 އިންސައްތަ އުފުލޭނެ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ތެލުގެ އަގު އުފުލިފައިވަނީ، ތެލުގެ ބޮޑެތި ޝިޕްމެންޓުތައް އުފުލާ ހޮރުމުޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރަކަށް ހަމަލާދިން ކަމުގެ ރިޕޯޓުތަކާއެކުގައެވެ. އެގޮތުން ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ބުނި ގޮތުގައި، ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރި ޓޭންކަރެއްގައި، ބަޔަކު ގޮވާ ތަކެތި ހަރުކޮށް ގޮއްވާލުމުގެ ސަބަބުން ޓޭންކަރުގެ އިންޖީނު ރޫމުގައި ރޯވެ، އެ އުޅަނދު ވަނީ ހުއްޓިފައެވެ. ނަމަވެސް އެ ހަމަލާގެ ފަހަތުގައި ވަނީ ކޮން ބަޔެއް ކަމެއް މިހާތަނަށް ސާފުވެފައި ނުވެއެވެ.

ބައެއް މަސްދަރުތަކާ ހަވާލާދީ ރޮއިޓާސްގައިވާ ގޮތުން، މިއީ އެމެރިކާއާއި އީރާނުގެ ހަނގުރާމަ ފެށުނު ފަހުން ލިމްޕެޓް މައިން ބޭނުންކޮށްގެން އެ ކަނޑުއޮޅީގައި ދިން ފުރަތަމަ ކާމިޔާބު ހަމަލާއެވެ. އެއީ، ކުޑަ އުޅަނދެއް ގޮސް، ބޮޑު އުޅަނދެއްގައި ގޮވާ ތަކެތި ހަރުކޮށްގެން ދޭ ހަމަލާއެވެ.

އެމެރިކާއާއި އިސްރާއީލުން މިދިޔަ ފެބުރުވަރީ 28ގައި އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ދިގުލައިގެން ގޮސް، ތެލާއި ތަކެތީގެ އަގުތައް ވަނީ އުފުލިފައެވެ. އޭގެ މައިގަނޑު އެއް ސަބަބަކީ، އީރާނަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް އަންގައި، އީރާނުން ހޮރުމުޒް ކަނޑުއޮޅި ބަންދުކުރަމުން ދިޔުމެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާން ހަނގުރާމަ ނިންމާލަން އެކި ފަހަރު މަތިން ވިދާޅުވެފައެވެ. އެގޮތުން ދާދި ފަހުން ދެއްވި އިންޓަވިއުއެއްގައި ވެސް، އީރާން ހަނގުރާމަ ވަރަށް އަވަހަށް ނިމުމަކަށް ގެންނާނެ ކަމަށް ޓްރަމްޕް ވިދާޅުވި ކަމަށް ބޭރުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް އެކަމަށް އަދިވެސް ވަކި ތާރީޚެއް ދެއްވި ކަމަށް އެ ނޫސްތަކުގައި ފާހަގަކޮށްފައިނުވެއެވެ.

comment ކޮމެންޓް