ޔޫކްރޭނަށް 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ވިއްކުމުގެ ހުއްދަ އެމެރިކާއިން ދީފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ޔޫކްރެއިން ރައީސް ޒެލެންސްކީ -- ފޮޓޯ: ގެޓީ

ޔޫކްރޭނުގެ ވައިގެ ދިފާއީ ނިޒާމު ވަރުގަދަކުރުމުގެ ގޮތުން، އެ ގައުމަށް 2.1 ބިލިއަން އެމެރިކާ ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ވިއްކުމުގެ ހުއްދަ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ދީފިއެވެ.

މިއީ 2025 ވަނަ އަހަރު އެމެރިކާގެ ރައީސްކަމާ ޑޮނަލްޑް ޓްރަމްޕް ހަވާލުވެވަޑައިގެންނެވި ފަހުން، ކީވްއަށް ދިފާއީ އާލާތްތައް ފޯރުކޮށްދިނުމަށް ނިންމި އެންމެ މުހިންމު އެއް ނިންމުމެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހުއްދަ ދީފައިވަނީ 500 "ޕެޓްރިއޮޓް އެޑްވާންސްޑް ކެޕަބިލިޓީ-3" މިސައިލާއި، އޭގެ އިތުރު މުވައްޒަފުންނާއި، އަދި ޓެކްނިކަލް ވަސީލަތްތައް ޔޫކްރޭނަށް ވިއްކުމަށެވެ.

މި ޑީލަށް އެމެރިކާ ދައުލަތުގެ ސީދާ ފައިސާއެއް ޚަރަދުނުވާނެ ކަމަށާއި، މި މުއާމަލާތަށް ފައިސާ ހަމަޖައްސަނީ ކެނެޑާ، ޖަރުމަނުވިލާތް އަދި ނޯވޭގެ އެހީގެ އިތުރުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ޚާއްސަ ފަންޑިން މެދުވެރިކޮށް ކަމަށް އެމެރިކާއިން ބުނެއެވެ.

މި މަޝްރޫއުގެ މައިގަނޑު ކޮންޓްރެކްޓަރަކީ އެމެރިކާގެ މަޝްހޫރު ޑިފެންސް ކުންފުނި ލޮކްހީޑް މާޓިންއެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނި ގޮތުގައި، މި ނިންމުމަކީ ޔޫރަޕުގެ ސިޔާސީ އަދި އިގުތިސާދީ ހަމަޖެހުމަށް މަސައްކަތްކުރާ ބައިވެރި ގައުމެއްގެ ރައްކާތެރިކަން ކަށަވަރުކޮށްދީ، އެމެރިކާގެ ޚާރިޖީ ސިޔާސަތާއި ގައުމީ ސަލާމަތީ އަމާޒުތަކަށް އެހީތެރިވެދޭނެ ކަމެކެވެ.

އެމެރިކާގެ މި ނިންމުމަށް މަރުހަބާ ވިދާޅުވަމުން ޔޫކްރޭނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ މިއީ ރަޝިޔާގެ ބެލިސްޓިކް މިސައިލް ހަމަލާތަކުން ސަލާމަތްވުމަށް ލިބުނު ބޮޑު ހިތްވަރެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ނަމަވެސް، ފިނިމޫސުމާ ދިމާކޮށް ރަޝިޔާއިން ދެމުންދާ ހަމަލާތައް އިތުރުވަމުންދާތީ، މި މިސައިލްތައް ވީއެންމެ އަވަހަކަށް ޔޫކްރޭނަށް ފޯރުކޮށްދިނުމަށް އޭނާ ވަނީ ވޮޝިންޓަނަށް އިލްތިމާސްކުރައްވާފައެވެ.

ރަޝިޔާއިން ޔޫކްރޭނުގެ އެކި ރަށްތަކަށް ދޭ ހަމަލާތައް ވަރުގަދަކޮށްފައިވާ މި ދަނޑިވަޅުގައި، ޕެޓްރިއޮޓް މިސައިލް ނިޒާމަކީ ރަޝިޔާގެ ބެލިސްޓިކް މިސައިލްތައް ވައްޓާލުމަށް ޔޫކްރޭނުން ބޭނުންކުރާ އެންމެ ފުރިހަމަ އަދި ކާމިޔާބު ދިފާއީ ވަސީލަތެވެ.

comment ކޮމެންޓް