ސްޕެއިންގައި ޕައިލެޓުކަން ކިޔަވަމުން ދަނިކޮށް ދަތުރުކުރި މަތިންދާބޯޓު އިއްޔެ ވެއްޓި އަނިޔާވި އުމުރުން 27 އަހަރުގެ ދިވެހި ދަރިވަރުގެ އޮޕަރޭޝަނެއް ކޮށްފިއެވެ.
މަތީ ތަޢުލީމަށް ދޫކުރާ ލޯނެއްގެ ދަށުން ކިޔަވަމުންދިޔަ މި ފިރިހެން ދަރިވަރުގެ ހާލު މިހާރު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ. އަދި އޭނާއާ މިހާރު އާއިލާއިން ގުޅިފައިވާ ކަމަށް ވެސް ވަނީ އެނގިފައެވެ.
އެ ދަރިވަރު އޮޕަރޭޝަނެއް ކޮށްފައިވާކަން ދިވެހި ސަރުކާރުގެ ބައެއް މަސްދަރުތަކުން ޔަގީން ކޮށްދިން ނަމަވެސް, އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
ސްޕެއިންގެ ނޫހެއް ކަމަށްވާ "ލަ ރިއޯޖާ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާގައި ދިވެހި ދަރިވަރުގެ ބޮލަށް އަނިޔާވުމުގެ އިތުރުން ތަނބިކައްޓާއި ފައިގެ ކަށިގަނޑު ވަނީ ބިންދައިގެން ގޮސްފައެވެ.
އޭނާއާއެކު ބޯޓުގައި ދެން ހުރި އުމުރުން 26 އަހަރުގެ ފްލައިޓް އިންސްޓްރަކްޓަރުގެ ބޮލަށާއި ކަނދުރާގެ ކަށިތަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެއެވެ.
މި ހާދިސާ ހިނގާފައިވަނީ އަގޮންސިއޯ އެއާޕޯޓުގައި "ޓަޗް އެންޑް ގޯ" ތަމްރީނުތަކެއް ހަދަމުންދަނިކޮށެވެ. ވެއްޓުނީ "ފްލައިބައި" ޕައިލެޓް ސްކޫލްގެ "ޓެކްނަމް 2006" މޮޑެލްގެ ދެ އިންޖީނު އެޅި މަތިންދާބޯޓެކެވެ. ގާތްގަނޑަކަށް 300 ފޫޓު މަތިން މި ބޯޓު ވެއްޓުނީ ވިއާނާގެ އުލާގޯސާ ނަމަކަށް ކިޔާ ދަނޑުވެރިކަން ކުރާ ސަރަހައްދަކަށެވެ.
ބޯޓުގައި ތިބީ އުދުހުމުގެ 700 އަށް ވުރެ ގިނަ ގަޑިއިރު ހަމަކޮށްފައިވާ އިންސްޓްރަކްޓަރަކާއި، ތަމްރީނުގެ ފަހު މަރުހަލާގައި އުޅޭ ދިވެހި ދަރިވަރެއް ކަމަށް ނޫސްތަކުން ބުނެއެވެ.
މި ހާދިސާއާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ބަހެއް ހޯދަން މަސައްކަތް ކުރި ނަމަވެސް، މިހާތަނަށް އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެއެވެ.
މި މައްސަލަ ސްޕެއިންގެ ސިވިލް އޭވިއޭޝަން ސޭފްޓީ އެޖެންސީން މިހާރު ވަނީ ތަހުގީގުކުރަން ފަށައިފައެވެ.