އެއާ ފްރާންސް-ކޭއެލްއެމްގެ ފިނިމޫސުމުގެ ކާގޯ ނެޓްވޯކަށް ރާއްޖޭގެ ވެރިރަށް މާލެއާއި، ޑޮމިނިކަން ރިޕަބްލިކްގެ ޕުންޓަ ކާނާ އަދި މިސްރުގެ ގާހިރާ އިތުރުކޮށްފިއެވެ.
މި މަހުގެ 25 އިން އަންނަ އަހަރުގެ މާޗު 27 އަށް ކުރިއަށްދާ ފިނިމޫސުމުގެ ޝެޑިއުލްގެ ދަށުން، ރާއްޖެއަށް ދަތުރުތައް ފަށާނީ ޑިސެންބަރު މަހުއެވެ. މި ދަތުރުތަކުގައި ހަފުތާއަކު ދެ ދުވަހު އެއާބަސް އޭ350-900 މަރުކާގެ ބޯޓުތަކުގައި މުދާ އުފުލާނެއެވެ.
ޕެރިހުގެ ޗާލްސް ޑި ގޯލް އެއާޕޯޓުން ޕުންޓަ ކާނާއަށް ނޮވެންބަރު މަހުން ފެށިގެން ހަފުތާއަކު ތިން ދުވަހު ބޯއިން 777-300އީއާރު ބޯޓުތަކުގައި މުދާ އުފުލުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ގާހިރާއަށް ހަފުތާއަކު ތިން ދުވަހު ބޯއިން 777އެފް މަރުކާގެ ކާގޯ ބޯޓުތަކުގައި ދަތުރުކުރާނެއެވެ.
އެ ކުންފުނީގެ ކާގޯ ނެޓްވޯކް މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ޕެރިހުގެ ޗާލްސް ޑި ގޯލް އަދި އެމްސްޓެޑަމްގެ ޝިޕޯލް އެއާޕޯޓުގެ މައްޗަށެވެ. މި ފިނިމޫސުމުގައި ގެނައި އަނެއް ބަދަލަކީ، އިންޑިއާގެ މުމްބާއީގެ ބަދަލުގައި ނަވީ މުމްބާއީ އިންޓަނޭޝަނަލް އެއާޕޯޓަށް ހަފުތާއަކު ދެ ދުވަހު ބޯއިން 777އެފްގެ ކާގޯ ދަތުރުތައް ފެށުމެވެ. އަދި ކޭއެލްއެމް/މާޓިނެއާގެ ބޯއިން 747 ކާގޯ ނެޓްވޯކުން އެމްސްޓެޑަމްއާއި އެމެރިކާ ބައްރު، އެފްރިކާ އަދި އޭޝިއާގެ މުހިންމު މާކެޓުތައް ގުޅުވާލާނެއެވެ. މީގެ ތެރޭގައި ޝިޕޯލްއިން ދެކުނު ކޮރެއާގެ ސޯލްއަށް ހަފުތާއަކު ކުރާ ތިން ދަތުރު ހިމެނެއެވެ. މީގެ ތެރެއިން އެއް ދަތުރު ސީދާ ސޯލްއަށް ކުރާއިރު، އަނެއް ދެ ދަތުރު ކުރާނީ ހޮންގްކޮންގް މަގުންނެވެ.
މީގެ އިތުރުން، ކެނެޑާގެ އޮޓާވާ އަދި ބާބަޑޯސްއަށް ކުރާ މޫސުމީ ދަތުރުތައް އަލުން ފަށާނެއެވެ. އަދި ޖޮއިންޓް ވެންޗާ ޕާޓްނާ ޑެލްޓާ ކާގޯ މެދުވެރިކޮށް ނޯތު އެޓްލާންޓިކް ސަރަހައްދުން ޔޫރަޕަށް މުދާ އުފުލުމުގެ ފުރުސަތުވެސް ވަނީ ފަހިކޮށްފައެވެ.
އެއާ ފްރާންސް-ކޭއެލްއެމްގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް ކާގޯ، ޕިއާ-އޮލިވިއާ ބަންޑޭ ވިދާޅުވި ގޮތުގައި، ފިނިމޫސުމަކީ އަހަރު ނިމޭ ދުވަސްވަރާއި ވެލެންޓައިންސް ޑޭއާ ގުޅިގެން މާ އުފުލުމުގެ ޑިމާންޑް ބޮޑު ދުވަސްވަރެކެވެ. އޭނާ ވިދާޅުވީ ޕެރިސް އަދި އެމްސްޓެޑަމް މެދުވެރިކޮށް ކާގޯ ބޯޓުތަކާއި ޕަސިންޖަރު ބޯޓުތަކުގެ ޖާގަ ބޭނުންކޮށްގެން ކަސްޓަމަރުންނަށް ފުޅާ ހިދުމަތެއް ފޯރުކޮށްދޭނެ ކަމަށެވެ. އަދި ގާހިރާ، ޕުންޓަ ކާނާ އަދި ރާއްޖެއަށް ފަށާ އާ ދަތުރުތަކާއެކު ކަސްޓަމަރުންނަށް އިތުބާރު ހުރި ޖާގައާއި އިތުރު އިހުތިޔާރުތައް ލިބިގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.