ދިވެހީން މިހާރު ވަރަށް ގިނައިން ޗުއްޓީއަށް ދާ ވިއެޓްނާމްގެ އެއާލައިނެއް ކަމަށްވާ ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތަކެއް ފަށަން ނިންމައި، 0 ވިއެޓްނާމީޒް ޑޮންގް (ވީއެންޑީ) އިން ފެށޭ ޕްރޮމޯޝަނަލް ފެއާތަކެއް ދޭން ފަށައިފިއެވެ.
މާދަމާ އިން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ތިން ދުވަހުގެ ޕްރޮމޯޝަނަލް ކެމްޕޭނެއްގެ ދަށުން، ވިއެޓްޖެޓުން 0 ވީއެންޑީއިން ފެށޭ އެތައް މިލިއަން އިކޯ ކްލާސް ޓިކެޓެއް ވިއްކާނެއެވެ. އަދި ޑިލަކްސް ކްލާހުގެ ފެއާތަކުން 20 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެއެވެ.
ވިއެޓްޖެޓުން ބުނި ގޮތުގައި، މި ޕްރޮމޯޝަންގެ ދަށުން ޓިކެޓު ނެގޭނީ އެ އެއާލައިންގެ ވެބްސައިޓާއި މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށެވެ. އަދި މި ޓިކެޓުތަކުގައި 30 ސެޕްޓެންބަރު 2027 ގެ ނިޔަލަށް ދަތުރުކުރެވޭނެއެވެ. ނަމަވެސް، 0 ވީއެންޑީގެ ފެއާގައި ޓެކްސްއާއި ފީތައް ނުހިމެނޭނެ ކަމަށާއި، މި ފެއާތައް ލިބޭނީ ޖާގަ ހުރި މިންވަރަކުން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ވިއެޓްޖެޓުން ހޯ ޗީ މިން ސިޓީއާއި ރާއްޖެއާ ދެމެދު ކުރާ ދަތުރުތައް ހަފުތާއަކު ތިން ދުވަހު ބާއްވާނެއެވެ. އެއީ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ. އޭވިއޭޝަން ދާއިރާގެ ހަބަރުތައް ގެނެސްދޭ އެރޯރޫޓްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދަތުރުތައް އަންނަ ޑިސެންބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ. އަދި މި ދަތުރުތަކުގައި ބޭނުންކުރާނީ އެއާބަސް އޭ320 މަރުކާގެ ބޯޓުތަކެކެވެ.
މި ދަތުރުތަކަކީ މި މަހުގެ ތެރޭގައި ވިއެޓްޖެޓުން ފަށާ ބައިނަލްއަގުވާމީ އާ ދަތުރުތަކުގެ ތެރޭގައި ހިމެނޭ ދަތުރުތަކެކެވެ. މީގެ ތެރޭގައި ހޯ ޗީ މިން ސިޓީއިން ތައިލެންޑުގެ ޗިއަންގް މާއީއަށާއި ފިލިޕީންސްގެ ކްލާކްއަށް ކުރާ ދަތުރުތަކުގެ އިތުރުން، ހަނޯއީއިން ޗެކް ރިޕަބްލިކްގެ ޕްރާގްއަށާއި ކަޒަކްސްތާނުގެ އަލްމާޓީއަށް ކުރާ ދަތުރުތައް ހިމެނެއެވެ.
މި އާ ދަތުރުތަކުގެ ސަބަބުން ވިއެޓްނާމާއި ރާއްޖެއާ ދެމެދު ވައިގެ މަގުން ގުޅާލެވި، ދެ ގައުމުގެ ދެމެދުގައި ފަތުރުވެރިކަން ކުރިއެރުވުމަށް މަގުފަހިވާނެ ކަމަށް ވިއެޓްޖެޓުން ފާހަގަކުރެއެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން، މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖެއަށް 1.45 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ވިއެޓްނާމަށް ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި 17.7 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.