ކަމެއް ގޯސްވެއްޖެތަ؟ ތިމަން މަނިކުފާން ކަމެއް ނޫނެވެ. ކަމެއް ރަނގަޅުވެއްޖެތަ؟ އެއީ ތިމަން މަނިކުފާނު ކުރެއްވި ކަމެކެވެ.
މިއީ ރާއްޖޭގެ އިއްޔެ އާއި މިއަދުގެ ވެސް ސިޔާސީ ހަގީގަތެވެ. "ބްލޭމް ގޭމް" ނުވަތަ އެއް ވެރިއަކު އަނެއް ވެރިއެއްގެ ކުށްދެއްކުމަކީ އެންމެ އާއްމު ކަމެވެ. ސިޔާސީ މައިދާނުގައި މައްސަލަތަކުގެ ޒިންމާ އަބަދުވެސް އަޅުވަނީ އޭރަކު އޮންނަ ސަރުކާރެއްގެ ކުރިން އޮތް ސަރުކާރުތަކުގެ ބޮލުގައެވެ. ނަމަވެސް، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލެމުންދާއިރު، ހަމައެކަނި ސިޔާސީ ބަހުސްތަކަކުން ޑޮލަރުގެ އަގަކަށް ބަދަލެއް ނާދެއެވެ. ރަސްމީ ރޭޓު 15.42ރ ގައި ހިފެހެއްޓިފައި އޮތް ނަމަވެސް، މި އަހަރުގެ މެދުތެރޭގައި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މި ވަނީ 21.60ރ އާއި 22.10ރ އާ ދެމެދުގެ މިންވަރަކަށް އުފުލިފައެވެ. މިއީ ރަސްމީ ރޭޓަށްވުރެ ގާތްގަނޑަކަށް 40 އިންސައްތަ ބޮޑު އަދަދެކެވެ.
ރާއްޖޭގެ އިގުތިސާދީ ތާރީޚަށް ބަލާއިރު، 2008 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އައި ކޮންމެ ސަރުކާރަކުންވެސް ވަނީ އިގުތިސާދީ އޮނިގަނޑުގައި ހުރި މައްސަލަތައް އިތުރަށް ގޯސްވުމަށް މަގުފަހިވާ ފަދަ ސިޔާސަތުތަކެއް ތަންފީޒުކޮށްފައެވެ. މީގެ ތެރޭގައި ދައުލަތުގެ ޚަރަދުތައް ބޮޑުވުމާއި، ފައިސާ ޗާޕުކުރުމާއި، ބޮޑު އިންޓަރެސްޓުގައި ދަރަނި ނެގުމުގެ އިތުރުން މުއައްސަސާތަކުގެ ހިންގުން ބަލިކަށިވުން ހިމެނެއެވެ. މި ކަންކަމުގެ ސަބަބުން ރާއްޖޭގެ މާލީ ނިޒާމަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ. ޑޮލަރުގެ މައްސަލައަކީ ކުއްލިއަކަށް ދިމާވި ކަމެއް ނޫން ކަމާއި، މިއީ އެތައް އަހަރެއް ވަންދެން އިގުތިސާދީ އަސާސްތަކާ ޚިލާފަށް އަމަލުކުރުމުގެ ނަތީޖާކަން ތަފާސްހިސާބުތަކުން ސާފުކޮށް ފެންނަން އެބައޮތެވެ.

މި ފަހުން ދެ ސަރުކާރެއްގައި ރާއްޖޭގައި އެންމެ ގިނަ ދުވަހު އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި މުޙައްމަދު ސައީދު -- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ
މި މައްސަލައިގެ ފެށުން ގުޅިފައިވަނީ 2011 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ގެނައި ބަދަލާއެވެ. އެޕްރީލް 2011 ގައި، އޭރު 12.85 ރުފިޔާގައި ހިފެހެއްޓިފައި އޮތް ޑޮލަރުގެ ރޭޓު، 20 އިންސައްތައިގެ ބޭންޑެއްގެ ތެރޭގައި ބަދަލުކުރެވޭ ގޮތަށް ހަމަޖެއްސިއެވެ. އެއީ 10.28 ރުފިޔާއިން ފެށިގެން 15.42 ރުފިޔާއާ ދެމެދުގައެވެ. މި ބަދަލާއެކު ވަގުތުން ޑޮލަރުގެ އަގު ބޭންޑުގެ އެންމެ މައްޗަށް ނުވަތަ 15.42 ރުފިޔާއަށް އުފުލުނެވެ.
އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ބަދަލަކީ 2008 ގެ މާލީ ކާރިސާއާ ގުޅިގެން ކުރިމަތިވި ލޮޅުންތަކުން ސަލާމަތްވުމަށް ގެނައި ބަދަލެއް ނަމަވެސް، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތަކާ ނުލައި ގެނައި މި ބަދަލުގެ ސަބަބުން ތަކެތީގެ އަގު އުފުލި، އާންމުން އެއްޗެހި ގަތުމުގެ ބާރު ދަށްވިއެވެ. ފިސްކަލް ކޮންސޮލިޑޭޝަން ނުވަތަ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒުނުކޮށް ފައިސާގެ އަގު ދޫކޮށްލުމުން، ބާޒާރުގައި އުފެދުނު ނުތަނަވަސްކަމާއެކު މިއަދު ފެންނަން އޮތް ޑޮލަރުގެ ކަޅު ބާޒާރު އުފަންވިއެވެ. އޭގެ ފަހުން ދުވަހަކުވެސް ޑޮލަރުގެ ރަސްމީ ރޭޓާއި ބާޒާރުގައި ޑޮލަރު ލިބެން ހުންނަ ރޭޓާ ދެމެދު އޮތް ފަރަގު ކުޑަވެފައެއް ނުވެއެވެ. އޭރުގެ ސަރުކާރުން މި ބަދަލު ގެނައީ އިގުތިސާދީ ގޮތުން ފައިދާތަކެއް ކުރާނެ ކަމަށް ބުނެ ނަމަވެސް، އޭގެ ނަތީޖާއަކަށްވީ އާންމު ރައްޔިތުންނާއި ވިޔަފާރިތަކަށް ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާން ޖެހުމެވެ.
އެއަށްފަހު، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ފެށިއެވެ. ސިނަމާލެ ބްރިޖާއި، ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކުމާއި،ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ހިމެނޭހެން ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދިޔައީ ބޭރުގެ ލޯނުތަކާއި ސޮވްރިން ބޮންޑު މެދުވެރިކޮށެވެ. ޗައިނާގެ އެހީގައި ކުރިއަށްގެންދިޔަ ސިނަމާލެ ބްރިޖަށް އެތައް މިލިއަން ޑޮލަރެއް ޚަރަދުވިއިރު، އެއާޕޯޓު ތަރައްގީކުރުމަށް 374 މިލިއަން ޑޮލަރުގެ ލޯނެއް ނެގިއެވެ.
https://www.sun.mv/189287
މި މަޝްރޫއުތަކުގެ ސަބަބުން އުމްރާނީ ގޮތުން ކުރިއެރުންތަކެއް ލިބުނު ނަމަވެސް، ބޮޑު އިންޓަރެސްޓުގައި ނެގި ލޯނުތަކުގެ ސަބަބުން މުސްތަގުބަލުގައި ދަރަނި އަދާކުރުމަށް ދައުލަތަށް ބޮޑު ބުރައަކާ ކުރިމަތިވިއެވެ. ބޭރު ފައިސާ ލިބޭނެ އިތުރު ގޮތްތައް ނުހޯދައި ބޮޑެތި ލޯނުތައް ނެގުމުގެ ނަތީޖާއަކަށް ވީ، ދަރަނި ދެއްކުމަށް ދައުލަތުގެ ރިޒާވުން ބޮޑު ހޭދައެއް ކުރަން ޖެހުމެވެ. އެންމެ ކުޑަމިނުން ބުރިޖުން ޓޯލްއެއް ނަގަން ވެސް ނުކެރުނެވެ. އުމްރާނީ ތަރައްގީއަކީ އިގުތިސާދަށް މުހިންމު ކަމެއް ނަމަވެސް، އެކަން ކުރަން ނެގި ކޮމާޝަލް ލޯނުތަކުގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަށް އޮތް ޕްރެޝަރު އެތައް ގުނައަކަށް ބޮޑުވެގެން ދިޔައެވެ. ޚާއްސަކޮށް، މި މަޝްރޫއުތަކުން ސީދާ ގޮތެއްގައި ޑޮލަރުން އާމްދަނީ ނުލިބޭތީ، ލޯނު އަދާކުރަން ޖެހެނީ އެހެނިހެން ގޮތްގޮތުން ލިބޭ ޑޮލަރު ބޭނުންކޮށްގެންނެވެ. ކުރުކޮށް ބުނާނަމަ, ބޮޑެތި ލޯނުތައް ނަގައިގެން, އެއާޕޯޓް މަޝްރޫއު ފިޔަވާ ދެން މުޅިންހެން ކޮށްފައި ހުރީ މާ ބޮޑު އާމްދަނީއެއް ނުލިބޭނެ ކަންކަމެވެ.
ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި، ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނު ސަސްޕެންޑުކޮށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށް ފައިސާ ޗާޕުކުރިއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި، 2020 އިން 2023 އަށް އެކަނިވެސް އަށް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ޗާޕުކޮށްފައެވެ. އިމްޕޯޓަށް ބަރޯސާވެފައިވާ ކުޑަ އިގުތިސާދަކަށް މިހާ ގިނަ އަދަދެއްގެ އާ ރުފިޔާ ނެރުމުގެ ސަބަބުން، ބާޒާރުގައި ރުފިޔާ ގިނަވެ، ޑޮލަރުގެ ޑިމާންޑު އިންތިހާއަށް ބޮޑުވިއެވެ. މީގެ ނަތީޖާއަކީ ރުފިޔާގެ އަގު ވެއްޓި، ރިޒާވް ހުސްވުމުގެ ދުވެލި ހަލުވިވެ، ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓު ވަރަށް ބޮޑަށް އުފުލިގެން ދިއުމެވެ. ފައިސާ ޗާޕުކުރުމަކީ ކުރު މުއްދަތެއްގައި ސަރުކާރުގެ ކޭޝްފްލޯ ހަމަޖެއްސުމަށް ފަސޭހަ ގޮތެއް ނަމަވެސް، އޭގެ ސަބަބުން މުޅި އިގުތިސާދަށް ކުރާ ނޭދެވޭ އަސަރު ވަރަށް ބޮޑެވެ. ގިނަ އަދަދެއްގެ ރުފިޔާ ބާޒާރަށް ނެރުމުން، އެ ރުފިޔާއިން ގަންނަން ބޭނުންވާ ޑޮލަރު ނުލިބުމުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިވިއެވެ. މިއީ އިގުތިސާދީ ގޮތުން ބަލާއިރު، ފައިސާގެ އަގު ވެއްޓުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބެވެ. ކޮވިޑްގެ ހާލަތަށްފަހު އިގުތިސާދު ހުޅުވާލި ނަމަވެސް، ޗާޕުކުރި ފައިސާގެ ސަބަބުން އުފެދުނު މައްސަލަތަކަށް އަދިވެސް ފުރިހަމަ ހައްލެއް ލިބިފައެއް ނުވެއެވެ.
މިހާރު އޮތް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ވާރުތަވީ ދަރަނީގެ ބޮޑު ބުރައެކެވެ. މި ސަރުކާރުން އިސްކަންދިނީ ދަރަނި އަދާކުރުމަށެވެ. ނަމަވެސް،ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް، ޚާއްސަކޮށް ބޭނުން ނޫން ވަޒީފާތަކަށް މީހުން ނެގުމާއި ސަބްސިޑީތައް ކަނޑާލައި ހަމައެކަނި ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމަކަށް ބަދަލުވުމާއި،ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީތައް) އިސްލާހުކުރުން ލަސްވުމުގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް އޮތް ޕްރެޝަރު ކުޑައެއް ނުވެއެވެ. އެމްއެމްއޭއިން ސީދާ ގޮތެއްގައި ފައިސާ ޗާޕުކުރުން ހުއްޓާލި ނަމަވެސް، ޚަރަދުތައް ކުޑަކުރުން ލަސްވުމުގެ ސަބަބުން ބަޖެޓުގެ ޑެފިސިޓް ބޮޑުވެ، ބޭނުންކުރެވޭ ރިޒާވަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައެވެ. ސަރުކާރުން އަދިވެސް ދަނީ އުމްރާނީ މަޝްރޫއުތަކަށް ފައިސާ ޚަރަދުކުރަމުންނެވެ. އަދި ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ފައިސާ ނުދެވި ލަސްވުމުގެ ސަބަބުން ވިޔަފާރިތަކުގެ ކޭޝްފްލޯއަށް ވަނީ އަސަރުކޮށްފައެވެ. މި ހުރިހާ ކަމެއްގެ ސަބަބުން ބޭރު ފައިސާގެ ބާޒާރަށް އޮތް ޕްރެޝަރު ކުޑަވެފައެއް ނުވެއެވެ. ސަރުކާރުން ޚަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅާނެ ކަމަށް އިއުލާންކޮށްފައިވީ ނަމަވެސް، އެކަންކަން އަމަލީ ގޮތުން ތަންފީޒުކުރުން ލަސްވުމަކީ މާލީ އިދާރާތަކުން ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ.
މީގެ އިތުރުން، އެކި ސަރުކާރުތަކުގައި ހިނގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކަކީވެސް ޑޮލަރުގެ ދަތިކަމަށް މަގުފަހިކުރުވި ކަމެކެވެ. ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމުގައި ހުރި ބަލިކަށިކަމާއި، ޕްރޮކިއުމަންޓުގެ އުސޫލުތަކާ ޚިލާފަށް އަމަލުކުރުމާއި، އެސްއޯއީތަކުގެ ނާގާބިލުކަން ފާހަގަކުރެވެއެވެ. މީގެ އެންމެ ބޮޑު އެއް މިސާލަކީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތެވެ. ބޭރު ފައިސާއިން ލިބޭ އާމްދަނީއާއި ދައުލަތުގެ ފައިސާ، ރިޒާވަށް ނުވަތަ އުފެއްދުންތެރި މަޝްރޫއުތަކަށް އިންވެސްޓުކުރުމުގެ ބަދަލުގައި ނަހަމަ ގޮތުގައި ބޭނުންކުރުމުން، ރާއްޖޭގެ މާލީ ނިޒާމަށް ބޭނުންވާ ބޭރު ފައިސާގެ ރައްކާތެރިކަން ގެއްލިގެން ދެއެވެ. ކޮރަޕްޝަންގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ އެތައް މިލިއަން ޑޮލަރެއް ގެއްލި، އެ ފައިސާ ބޭރުގެ އެކައުންޓުތަކަށް ޖަމާވުމަކީ ރާއްޖޭގެ އިގުތިސާދަށް ލިބޭ ވަރަށް ބޮޑު ގެއްލުމެކެވެ. މިފަދަ މައްސަލަތަކުގެ ސަބަބުން ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ގެއްލި،ރާއްޖެއަށް ލިބެން ހުންނަ ބޭރު ފައިސާގެ މިންވަރު އިތުރަށް މަދުވެގެން ދެއެވެ.
"ރައީސް ޔާމީނާއި ރައީސް ސޯލިހާއި ރައީސް މުއިއްޒަށް ބަލާއިރު ވެސް މި އިގުތިސާދީ ސިޔާސަތުތަކުގައި މާ ބޮޑު ތަފާތުތަކެއް ނުފެނޭ އަޅުގަނޑަކަށް. މި ތިން ރައީސުން ވެސް ކުރައްވާ ކަމަކީ އެސްއޯއީތައް ބޮޑު ކުރުމާއި ވަޒީފާތައް ދިނުމާއި ލޯނު ނަގައިގެން ފައިސާ ނުލިބޭ ކަންކަން ގިނައިން ކުރެއްވުން. އޭގެ ހިތި ނަތީޖާ އިގުތިސާދަށް މި ކުރަނީ," ކުރިން ސަރުކާރު ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފައިވާ މާލީ ތަޖުރިބާކާރަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވިއެވެ.
ޑޮލަރުގެ މައްސަލައަކީ ހަމައެކަނި ސިޔާސީ ނިންމުންތަކެއްގެ ނަތީޖާއެއް ނޫނެވެ. މިއީ އިގުތިސާދީ އޮނިގަނޑުގައި ހުރި ބަލިކަށިކަމާއި ދުނިޔޭގެ އިގުތިސާދަށް އަންނަ ބަދަލުތަކާ ގުޅިފައިވާ ކަމެކެވެ. އެންމެ ބޮޑު އެއް ގޮންޖެހުމަކީ މި އަހަރު ދައްކަންޖެހޭ ބޮޑު ދަރަންޏެވެ. އެގޮތުން 500 މިލިއަން ޑޮލަރުގެ ސޮވްރިން ސުކޫކާއި އެހެނިހެން ލޯނުތައް އަދާކުރުމަށް ދައުލަތުގެ ރިޒާވުންނާއި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުން ބިލިއަނެއްހާ ޑޮލަރު ޚަރަދުކުރަން ޖެހުނީއެވެ. މީގެ ސަބަބުން ވިޔަފާރި ބޭންކުތަކަށް ދޫކުރަން ހުންނަ ޑޮލަރުގެ މިންވަރު ވަރަށް ބޮޑަށް މަދުވެގެން ދެއެވެ. ދަރަނި އަދާކުރުމަށް ދައުލަތުން ބޮޑެތި އަދަދުތަކުން ޑޮލަރު ހޯދަން ޖެހުމުން،އާންމު ވިޔަފާރިތަކަށް ޑޮލަރު ލިބުމުގައި އިތުރު ދަތިތަކާ ކުރިމަތިވެ، ކަޅު ބާޒާރުގެ އަގުތައް މައްޗަށް ދިއުމަށް މަގުފަހިވެއެވެ. މި އަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ގިނަ އަދަދަކަށް ދަރަނި އަދާކުރަންޖެހޭ އަހަރު ކަމަށްވާއިރު، އޭގެ އަސަރުތައް އިގުތިސާދުން ފެންނަނީއެވެ.
ކުރީގެ ތިން ރައީސުން ބައްދަލުވުމުގައި: -- ސަން ފޮޓޯ/ އަބްދުﷲ ޝާތިއު
ރާއްޖެއަކީ ގާތްގަނޑަކަށް ސައްތައިން ސައްތަ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމެކެވެ. ކާބޯތަކެއްޗާއި، ތެލާއި، އިމާރާތްކުރުމަށް ބޭނުންވާ ސާމާނު ގެންނަނީ ބޭރުންނެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އަހަރީ އިމްޕޯޓު ބިލު އެތައް ބިލިއަން ޑޮލަރަކަށް އަރައެވެ. މިސާލަކަށް 2019 ވަނަ އަހަރު އެކަނިވެސް އިމްޕޯޓަށް 2.8 ބިލިއަން ޑޮލަރު ޚަރަދުކޮށްފައިވެއެވެ. ދުނިޔޭގެ ބާޒާރުގައި ތެލާއި މުދަލުގެ އަގު އުފުލުމާއި، ސަރަހައްދީ ހަމަނުޖެހުންތަކުގެ ސަބަބުން މުދާ ގެނައުމުގެ ޚަރަދު ބޮޑުވުމުން، ހަމަ އެ މިންވަރުގެ މުދާ ގެނައުމަށް ރާއްޖެއިން މާ ގިނަ ޑޮލަރު ޚަރަދުކުރަން ޖެހެއެވެ. ކޮވިޑް-19 އަށްފަހު ސަޕްލައި ޗެއިންއަށް އައި ބަދަލުތަކާއި ދުނިޔޭގެ އިންފްލޭޝަން މައްޗަށް ދިއުމުގެ ސަބަބުން ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ޑޮލަރުގެ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މީގެ އިތުރުން،ރާއްޖޭގައި އުފައްދާ ތަކެތި މަދުވުމުގެ ސަބަބުން، އިމްޕޯޓަށް ކުރަންޖެހޭ ޚަރަދު ކުޑަކުރުމަކީވެސް ފަސޭހަ ކަމަކަށް ނުވެއެވެ.
ފަތުރުވެރިކަމުން ލިބޭ ބައެއް އާމްދަނީ ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ނުވަންނަ މައްސަލަ ވެސް ބައެއް އިކޮނޮމިސްޓުން ފާހަގަ ކުރެއެވެ. ނަމަވެސް ފަތުރުވެރިކަމުން މިހާރުވެސް ލިބޭ އެއްޗެއް ލިބެނީ އެ ދާއިރާއިންކަން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ.
މީގެ އިތުރުން، ބޭސްފަރުވާއަށާއި ތަޢުލީމު ހާސިލުކުރުމަށް ބޭރަށްދާ ދިވެހިންނާއި، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ގައުމަށް ފޮނުވާ ފައިސާގެ ސަބަބުންވެސް ގިނަ އަދަދެއްގެ ޑޮލަރު ރާއްޖެއިން ބޭރުވެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އެތެރޭގެ ބާޒާރުގައި ޑޮލަރު ދައުރުވާ މިންވަރު މަދުވެ، ޑޮލަރުގެ އަގު އުފުލުމަށް މެދުވެރިވެއެވެ.
އިނގިލި ދިއްކުރުމަކުން މައްސަލަ ހައްލެއް ނުވޭ
ކުރީގެ ސަރުކާރުތަކުގެ ބޮލުގައި އިލްޒާމު އެޅުވުމަކުން ޑޮލަރުގެ މައްސަލައަށް ހައްލެއް ނުލިބޭނެއެވެ. މިކަމަށް ބޭނުންވަނީ އިގުތިސާދީ އޮނިގަނޑަށް ގެންނަ ބަދަލުތަކެކެވެ. ބައިނަލްއަގުވާމީ ތަޖުރިބާއަށް ބަލާއިރު، ސީޝެލްސްއިން ވަނީ 2008 ގެ އިގުތިސާދީ ކާރިސާއަށްފަހު ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ. އެ ގައުމުން ވަނީ ފައިސާގެ އަގު ދޫކޮށްލައި، އާންމުކޮށް ދެމުންދިޔަ ސަބްސިޑީތައް ކަނޑާލައި، ހަމައެކަނި އެހީއަށް ބޭނުންވާ އާއިލާތަކަށް ސީދާ ފައިސާ ދޭން ފަށާފައެވެ.
ރާއްޖެއިންވެސް ތެލާއި، ކާބޯތަކެއްޗާއި، އާސަންދަ ފަދަ ޚިދުމަތްތަކުން ދޭ އާންމު ސަބްސިޑީތައް ހުއްޓާލައި، ހަމައެކަނި ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން އެހީތެރިކަން ފޯރުކޮށްދޭން ޖެހެއެވެ. މީގެ ސަބަބުން ދައުލަތުގެ އިސްރާފު ކުޑަވެ،ބާޒާރުގައި ދައުރުވާ ރުފިޔާގެ މިންވަރު މަދުވާނެއެވެ. ސަބްސިޑީތައް ކުޑަކުރުމަކީ ސިޔާސީ ގޮތުން އުނދަގޫ ކަމަކަށް ވިޔަސް، އިގުތިސާދު ސަލާމަތްކުރުމަށް މިއީ ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެކެވެ. ސީޝެލްސްގެ ތަޖުރިބާއިން ފެންނަ ގޮތުގައި،މިފަދަ ހަރުކަށި ފިޔަވަޅުތަކާއެކު ކުރު މުއްދަތެއްގައި ދަތިތަކާ ކުރިމަތިވި ނަމަވެސް،ދިގު މުއްދަތުގައި އިގުތިސާދު ހަމައަކަށް އެޅި، ފައިސާގެ އަގު ހިފެހެއްޓެއެވެ.

ރައީސާއި މިނިސްޓަރު ސައީދު: -- ފޮޓޯ/ ބީސީސީ
އިރުމަތީ އޭޝިއާގެ ގައުމުތަކުގައި އަމަލުކުރާ ގޮތަށް، ބޭރު ފައިސާ ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުމަށް މަޖުބޫރުކުރުމަކީވެސް މުހިންމު ކަމެކެވެ. އެމްއެމްއޭއިން ދާދި ފަހުން ވަނީ ފަތުރުވެރިކަމުން ލިބޭ އާމްދަނީގެ 20 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރުމަށް ލާޒިމުކުރާ އުސޫލެއް ތަޢާރަފުކޮށްފައެވެ. މިހާރު ވެސް ދިވެހީންނަށް ލިބޭ އެއްޗެއް ލިބެނީ ފަތުރުވެރިކަމުންނެވެ. ކުރިއަށް އޮތްތަނުގައި ވެސް އެ ދާއިރާއިން އިތުރު އާމްދަނީ އެއް ދައުލަތަށް ހޯދާނަމަ ދާއިރާގެ ތަޖުރިބާކާރުންގެ ބަސް އަހައިގެން, ދާއިރާއަށް ގެއްލުން ނުވާނެ ގޮތަށް ކުރިއަށް ދިއުން ވަރަށް މުހިންމެވެ.
ސްރީލަންކާއާއި ޕެސިފިކް ޖަޒީރާ ގައުމުތަކުގެ ތަޖުރިބާއިން ފެންނަ ގޮތުގައި،ދަރަނި އަދާކުރަންޖެހޭ މުއްދަތުތައް ގާތްވުމުން، އެ ގައުމުތަކުން ވަނީ ލޯނު ދިން ފަރާތްތަކާއެކު މަޝްވަރާކޮށްގެން ދަރަނި އަދާކުރުމުގެ މުއްދަތު އިތުރުކޮށްފައެވެ.
ރާއްޖެއިންވެސް ބޭރުގެ މައިގަނޑު ބައިވެރިންނާއެކު މަޝްވަރާކޮށްގެން ދަރަނި އަދާކުރުމުގެ މުއްދަތުތައް ފަސްކުރުމަށް މަސައްކަތްކުރަން ޖެހެއެވެ. މީގެ ސަބަބުން އަހަރީ ގޮތުން ދަރަންޏަށް ކުރަންޖެހޭ ޚަރަދު ކުޑަވެ، އަސާސީ މުދާ ގަތުމަށް ބޭނުންވާ ޑޮލަރު ރިޒާވްގައި ހިފެހެއްޓުމަށް މަގުފަހިވާނެއެވެ. ދަރަނި ރީސްޓްރަކްޗާ ކުރުމަކީ ގައުމުގެ އިތުބާރު ގެއްލިދާނެ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ދެކުނު ނަމަވެސް، ރިޒާވް ހުސްވެ ޑީފޯލްޓަކަށް ދިއުމަށްވުރެ މިއީ މާ ރައްކާތެރި ގޮތެކެވެ. ސްރީލަންކާއިންވެސް ވަނީ ދަރަނި ނުދެއްކިގެން ޑީފޯލްޓަކަށް ދިއުމަށްފަހު،އައިއެމްއެފްގެ އެހީތެރިކަމާއެކު ދަރަނި ރީސްޓްރަކްޗާކޮށް، އިގުތިސާދު އަލުން އާރާސްތުކުރަން ފަށާފައެވެ.
https://www.sun.mv/225970
މާލީ ސިޔާސަތުތައް ހަރުދަނާކުރުމާއި އެސްއޯއީތައް އިސްލާހުކުރުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އައިއެމްއެފުން ވަނީ ރާއްޖޭގެ އިގުތިސާދީ ހާލަތާ ގުޅޭގޮތުން ލަފާދީ، ފައިސާ ޗާޕުކުރުން ހުއްޓާލުމަށާއި މާލީ ސިޔާސަތުތައް ހަރުކަށިކުރުމަށް ގޮވާލާފައެވެ. މަރުކަޒީ ބޭންކުން ފައިސާ ޗާޕުކުރުން މުޅިން ހުއްޓާލުމާއި، ގެއްލުމުގައި ހިންގާ ސަރުކާރު ކުންފުނިތައް އިސްލާހުކުރުމާއި،އިގުތިސާދީ ގޮތުން ފައިދާހުރި މަޝްރޫއުތަކަށް އެކަނި އިންވެސްޓުކުރުމަކީ ދިގު މުއްދަތެއްގައި ޑޮލަރުގެ ރޭޓު ހިފެހެއްޓުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކެވެ. ސަރުކާރު ކުންފުނިތަކަކީ ދައުލަތުގެ ބަޖެޓަށް އޮތް އެންމެ ބޮޑު އެއް ބުރަ ކަމަށްވާއިރު، އެ ކުންފުނިތައް ޕްރައިވެޓައިޒް ކުރުން ނުވަތަ ހިންގުން ހަރުދަނާކުރުމަކީ އިގުތިސާދީ އިސްލާހުގެ މުހިންމު ބައެކެވެ. މީގެ އިތުރުން، މަރުކަޒީ ބޭންކުގެ މިނިވަންކަން ކަށަވަރުކޮށް، ސަރުކާރުގެ ނުފޫޒުން އެއްކިބާވެފައިވާ މާލީ ނިޒާމެއް ގާއިމުކުރުމަކީވެސް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ބާރުއަޅާ ކަމެކެވެ.
ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ ޑޮލަރުގެ މައްސަލައިން އަރައިގަތުމަށްޓަކައި،ސިޔާސީ ބަހުސްތަކަށްވުރެ ބޮޑަށް ބޭނުންވަނީ އަމަލީ ފިޔަވަޅުތަކެކެވެ. ދައުލަތުގެ ޚަރަދުތައް ކުޑަކުރުމާއި، ސަބްސިޑީތައް އަމާޒުކުރުމާއި، ޑޮލަރު މާރުކުރުމުގެ އުސޫލުތައް ތަންފީޒުކުރުމަކީ މިވަގުތަށް ކޮންމެހެން ކުރަންޖެހިފައިވާ ކަންކަމެވެ.
މި އިސްލާހުތައް ގެނައުމަށް ސަރުކާރުން ނިންމާ ނިންމުންތަކާއި، އެ ނިންމުންތައް ތަންފީޒުކުރާނެ ތާރީޚުތަކަކީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އިގުތިސާދު އޮންނާނެ ގޮތް ކަނޑައަޅާނެ އެންމެ މުހިންމު ކަންތައްތަކެވެ. ސަރުކާރުން މިހާރު އިއުލާންކޮށްފައިވާ ސަބްސިޑީ ރިފޯމްތައް ތަންފީޒުކުރަން ފަށާނެ ކަމަށް ބުނާ ތާރީޚަކީ މިކަމުގައި އެޅޭނެ އެންމެ ފުރަތަމަ އަމަލީ ފިޔަވަޅަށް ވެގެންދާނެއެވެ. ސިޔާސީ ބަހުސްތަކުން އެއްކިބާވެ، ގައުމީ މަސްލަހަތު އިސްކޮށްގެން މި އިސްލާހުތައް ނުގެނެވިއްޖެނަމަ، ޑޮލަރުގެ މައްސަލަ އިތުރަށް ގޯސްވެ، އާންމު ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ދާނީ ބޮޑުވަމުންނެވެ.ހަގީގަތަކީ މިހާލަތަށް ދިޔައީ ހުރިހާ ވެރިން ގޯސް މައްޗަށް ހެއްދެވި ގޯސްތަކުގެ ސަބަބުން ކަމެވެ. ދެން އޮތީ ހައްލު ކުރަން ކެރިވަޑައިގަތުމެވެ.