ސަބްސިޑީ ޚަރަދު 76 ޕަސެންޓް އިތުރުވެ، ބަޖެޓުން ބޭރުން 335 މިލިއަން ހޭދަކޮށްފި

ކާޑުގެ ބާވަތްތައް ދޯންޏަކަށް އަރުވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ ބަޖެޓުން ސަބްސިޑީއަށް ކަނޑައަޅައިފައިވާ ފައިސާ ހުސްވެ، ބަޖެޓުކޮށްފައިވާ ވަރަށް ވުރެ އިތުރަށް 335 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ވަނީ، މި މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބިފައިވާ އާމްދަނީއާއި ކޮށްފައިވާ ޚަރަދުތަކުގެ ތަފުސީލު ހާމަކޮށްފައެވެ.

އެ ތަފާސްހިސާބުން ދައްކާ ގޮތުގައި، ސަބްސިޑީއަށް ކަނޑައަޅައިފައިވަނީ 2.89 ބިލިއަން ރުފިޔާ ނަމަވެސް، މިހާތަނަށް 3.23 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުކޮށްފައިވަނީ 1.84 ބިލިއަން ރުފިޔާ ކަމަށްވާއިރު، މި އަހަރުގެ އަދަދަކީ އެ އަހަރާ އަޅައިބަލާއިރު 75.7 ޕަސެންޓުގެ އިތުރުވުމެކެވެ.

ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު: ސަބްސިޑީ ޚަރަދު 76 ޕަސެންޓް އިތުރުވެ، ބަޖެޓުން ބޭރުން ވަނީ 335 މިލިއަން ހޭދަކޮށްފައި -- ފޮޓޯ/ ފިނޭންސް މިނިސްޓްރީ

ސަބްސިޑީ ނިޒާމުގެ ދަށުން، ކާޑުގެ ބާވަތްތަކާއި ފެނާއި ކަރަންޓާއި ނަރުދަމާގެ ހޭދައިން ރައްޔިތުންނަށް ލުއިތައް ދިނުމަށް، ސަރުކާރު ކުންފުނިތަކަށް ބަޖެޓުން ފައިސާ ދޫކުރެއެވެ.

މި އަހަރު ސަބްސިޑީ ޚަރަދު އިތުރުވުމަށް މަގުފަހިވި ސަބަބުތަކުގެ ތެރޭގައި، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ހެދި ތެލާއި އެ ނޫން ވެސް ތަކެތީގެ އަގު މާ ބޮޑަށް އުފުލުން ހިމެނޭ ކަމަށް ބެލެވެއެވެ.

ސަބްސިޑީއަށް ކުރާ ޚަރަދު ކޮންމެ އަހަރަކު އިތުރުވެ، ބަޖެޓުން ބޭރުން ހޭދަކުރަން ޖެހެއެވެ. އެގޮތުން މިދިޔަ އަހަރު ސަބްސިޑީއަށް ބަޖެޓުގައި ޖެހީ 1.86 ބިލިއަން ރުފިޔާ ނަމަވެސް، އަހަރު ނިމުނުއިރު ޚަރަދު ވަނީ 3.45 ބިލިއަން ރުފިޔާއަށް އަރައިފައެވެ.

ސްޓެލްކޯގެ މުވައްޒަފުންތަކެއް: ކަރަންޓު ޚަރަދު ކުޑަ ކުރުމަށް، ތެލަށް ބޮޑު ސަބްސިޑީއެއް ދޭ -- ފޮޓޯ/ ސްޓެލްކޯ

ރާއްޖޭގެ ސަބްސިޑީއާއި އާސަންދަ ނިޒާމު ހިންގަނީ ދެމެހެއްޓެނިވި ގޮތެއްގައި ނޫންކަން އޮޑިޓުންް ދައްކައިފައިވާއިރު، ބޭރުގެ އިދާރާތަކުން ވެސް އެކަން ފާހަގަކުރެއެވެ. އަދި އާސަންދައާއި ސަބްސިޑީ ނިޒާމު ހަރުދަނާކޮށް، އެފަދަ އެހީ އެންމެ ހައްގު މީހުންނަށް 'ޓާގެޓެޑް' ގޮތެއްގައި ދިނުމަށް ލަފާދީފައިވެއެވެ.

މި ސަރުކާރުން މިދިޔަ އަހަރުގެ ބަޖެޓުގައި، ކާޑާއި، ކަރަންޓާއި އެ ނޫން ވެސް ބާވަތްތަކުން ސަބްސިޑީ ދޭ ނިޒާމު އިސްލާހުކުރަން ހިމެނިއެވެ. ނަމަވެސް ރައްޔިތުންނަށް ލިބެމުން އައި އެއްޗެއް ކަނޑާލަން ބޭނުންނުވާ ކަމަށް ވިދާޅުވެ، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އިސްލާހީ ފިޔަވަޅުތައް ބަދަލުކުރައްވައިފައެވެ.

މި އަހަރު ރާއްޖޭން ދަރަންޏަށް 1.1 ބިލިއަން ޑޮލަރު (17 ބިލިއަން ރުފިޔާ) ދައްކަން ޖެހޭއިރު، މިހާތަނަށް 9.58 ބިލިއަން ރުފިޔާ ވަނީ ދައްކައިފައެވެ.

https://sun.mv/225930

މި އަހަރުގެ ބަޖެޓުގައި ވެސް ވަނީ، ރައްޔިތުންނަށް ހެޔޮ އަގެއްގައި ކަރަންޓު ފޯރުކޮށްދެމުންދަނީ ބަޖެޓުން ވަރަށް ބޮޑު ހޭދައެއްކޮށްގެންކަން ފާހަގަކޮށްފައެވެ. އެގޮތުން ކަރަންޓު އުފެއްދުމަށް ބޭނުންވާ ތެޔޮ ސްޓެލްކޯއަށާއި ފެނަކައަށް ފޯރުކޮށްދެމުން ދަނީ މާކެޓް އަގަށްވުރެ ދަށްކޮށް، ކަނޑައެޅިފައިވާ ވަކި އަގެއްގައިކަން ފާހަގަކޮށްފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ ފެބްރުވަރީ މަހުގެ 28ގައި މެދުއިރުމަތީގައި ފެށި ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ތެލުގެ އިތުރުން އަސާސީ އެހެނިހެން ތަކެތީގެ އަގު އުފުލި، އަހަރުގެ ބާކީ އޮތް މުއްދަތުގައި ވެސް އަގުތައް އުފުލޭނެ ކަމަށް ބޭރުގެ އިދާރާތަކުން ވަނީ ލަފާކޮށްފައެވެ.

comment ކޮމެންޓް