މާލެ ސަރަހައްދުން ކުއްޔަށް އުޅޭނެ ތަނެއް ހޯދުމަކީ ގިނަ އާއިލާތަކަކަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. އެއް އަވަށުން އަނެއް އަވަށަށް ކުލީގެ އަގުތައް ތަފާތުވާއިރު، ލިފްޓާއި އެއާކޮންޑިޝަން ފަދަ ވަސީލަތްތަކާއި އެޑްވާންސް ފައިސާގެ ސަބަބުން އަސްލު ކުރަންޖެހޭ ހޭދަ ދެނެގަތުމަކީ ފަސޭހަ ކަމެއް ނޫނެވެ. އަޔާސް ނާސިހު ކޮށްފައިވާ ދިރާސާއަކަށް ބިނާކޮށް އިއްޔެ ލިންކްޑްއިންގައި އާންމުކޮށްފައިވާ 'ގްރޭޓަރ މާލެ ރެންޓްސް'ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ސެޕްޓެންބަރު 2026 އިން ނޮވެންބަރު 2026 އަށް އެއްކޮށްފައިވާ 1،027 އިޝްތިހާރުގެ މައްޗަށް ބަލާއިރު ގްރޭޓަރ މާލެ ސަރަހައްދުގައި އާންމުކޮށް އެޕާޓްމަންޓެއްގެ މަހު ކުއްޔަކީ މެދުމިނުން 17،000 ރުފިޔާއެވެ. މިއީ އޭގެ ކުރީގެ ތިން މަހާ އަޅައި ބަލާއިރު 3.0 އިންސައްތައިގެ އިތުރުވުމެކެވެ.
މި ދިރާސާ ކުރި އަޔާސް ނާސިހަކީ، ޕްރޮޑަކްޓް ޑިޒައިން އަދި އިންޖިނިއަރިންގެ ދާއިރާގައި 15 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ރާއްޖޭގެ ޕްރޮޑަކްޓް އިންޖިނިއަރެއް އަދި ޑިޖިޓަލް ޕްރޮޑަކްޓް ކޮންސަލްޓަންޓެކެވެ. އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް (ޔޫޑަބްލިއުއީ) އިން ތައުލީމު ހާސިލުކޮށް، އަމިއްލަ މަސައްކަތުގައި ހަރަކާތްތެރިވާ އަޔާސްއަކީ ޔޫޒާ އެކްސްޕީރިއަންސް (ޔޫއެކްސް) ޑިޒައިނާއި ފްރަންޓްއެންޑް އަދި ބެކްއެންޑް ޑިވެލޮޕްމަންޓުގެ އިތުރުން ކްލައުޑް އިންފްރާސްޓްރަކްޗާ ފަދަ ޑިޖިޓަލް ޕްރޮޑަކްޓް ޑިވެލޮޕްމަންޓުގެ ހުރިހާ މަރުހަލާއެއްގެ ތަޖުރިބާ ހުރި ފަންނުވެރިއެކެވެ. ހިޔާލުތައް ފެންވަރު ރަނގަޅު އަދި ބޭނުންތެރި ޑިޖިޓަލް އުފެއްދުންތަކަކަށް ބަދަލުކުރުމަށް ހާއްސަ އިސްކަމެއް ދޭ އަޔާސް އެކުލަވާލާފައިވާ މި ތަފާސްހިސާބުތައް ބިނާކޮށްފައިވަނީ، އޮގަސްޓް 2025 އިން ފެށިގެން އައިބޭގައި ޖަހާފައިވާ ކުލީގެ އިޝްތިހާރުތަކުގެ ތެރެއިން، މިދިޔަ ބުދަ ދުވަހާ ހަމައަށް ނަގާފައިވާ 11،829 ޕޯސްޓު ދިރާސާކޮށްގެން ކަމަށް އެ ވެބްސައިޓުގައި ބަޔާންކޮށްފައިވެއެވެ.
އޭގެ ތެރެއިން މަހު ކުއްޔަށް ދޫކުރާ އެޕާޓްމަންޓުތަކުގެ ގޮތުގައި ބޭނުންކުރެވޭ 8،453 އިޝްތިހާރު ފާހަގަކުރެވުނު އިރު، ތަކުރާރުކޮށް ޖަހާފައިވާ 2،013 އިޝްތިހާރާއި އާދަޔާ ހިލާފު އަގުތައް ހުރި 131 އިޝްތިހާރު ވަނީ އުނިކޮށްފައެވެ. އަދި ކުލި ބަޔާން ނުކުރާ 1،632 ޕޯސްޓާއި، ވަކި ކޮޓަރި ނުވަތަ ދުވަހު ކުއްޔަށް ދޭ 705 ތަނާއި، ގުދަން އަދި އޮފީސް ފަދަ 184 ތަނުގެ އިތުރުން، އަގުތައް މާ ބޮޑަށް ފަރަގުވާ ތަންތަނުގެ ސަބަބުން ނަތީޖާއަށް ބަދަލު އަޔަ ނުދިނުމަށްޓަކައި ހުރިހާ ހިސާބުތަކެއްގައިވެސް ބޭނުންކޮށްފައިވަނީ އެންމެ މެދު އަގު ނުވަތަ މީޑިއަންއެވެ.

ގްރޭޓަރ މާލެ ސަރަހައްދުގެ އެޕާޓްމަންޓުތަކުގެ މެދު ފަންތީގެ 50 އިންސައްތަ ތަންތަނުގެ ކުލި އުޅެނީ މަހަކު 12،000 ރުފިޔާއާއި 24،000 ރުފިޔާއާ ދެމެދުގައެވެ. ނަމަވެސް އަވަށްތަކަށް ބަލާއިރު ކުލީގެ އަގުތަކުގައި ބޮޑެތި ފަރަގުތަކެއް ހުރިކަން ގްރޭޓަރ މާލެ ރެންޓްސްގެ ހިސާބުތަކުން ހާމަވެއެވެ. މާލޭގެ އަވަށްތަކުގެ ތެރެއިން ހެންވޭރު (974 އިޝްތިހާރު)، ގަލޮޅު (668 އިޝްތިހާރު) އަދި މައްޗަންގޮޅި (651 އިޝްތިހާރު)ގައި ހުރިހާ ސައިޒެއްގެ އެޕާޓްމަންޓުތައް އެއްކޮށްލުމުން މެދުމިނުގެ ކުއްޔަކީ މަހަކު 15،000 ރުފިޔާއެވެ. އަދި 1،373 އިޝްތިހާރު ހިމެނޭ މާފަންނުގައި މި އަދަދު އުޅެނީ މަހަކު 16،000 ރުފިޔާގައެވެ.
މާލޭގެ އަވަށްތަކާ ހިލާފަށް ހުޅުމާލޭގައި ކުލީގެ އަގުތައް މަތިކަން އެ ވެބްސައިޓުގައި ލިޔެފައިވެއެވެ. އެގޮތުން ހުޅުމާލެ ފޭސް 1 ގައި (1،001 އިޝްތިހާރުން) މެދުމިނުގެ ކުލި 22،000 ރުފިޔާގައި ހުރި އިރު، ހުޅުމާލެ ފޭސް 2 ގައި (693 އިޝްތިހާރުން) ކުލި އުޅެނީ 20،000 ރުފިޔާގައެވެ. މުޅި ސަރަހައްދުން އެންމެ އަގުހެޔޮކޮށް އެޕާޓްމަންޓު ލިބެން ހުންނަނީ ވިލިމާލެއިން ކަމަށްވާއިރު، އެ އަވަށުގެ 179 އިޝްތިހާރަށް ބަލާއިރު މެދުމިނުގެ ކުއްޔަކީ 12،000 ރުފިޔާއެވެ. ވަކިވަކި އަވަށްތަކުގައި ކޮޓަރީގެ އަދަދުން ބަލާއިރުވެސް މި ތަފާތު ފެނެއެވެ. މިސާލަކަށް ދެ ކޮޓަރީގެ އެޕާޓްމަންޓެއް ހެންވޭރު، ގަލޮޅު އަދި މާފަންނުގައި 17،000 ރުފިޔާއަށް، އަދި މައްޗަންގޮޅީގައި 16،000 ރުފިޔާއަށް ލިބޭއިރު، ހުޅުމާލެ ފޭސް 1 ގައި ދެ ކޮޓަރީގެ ތަނެއްގެ މެދުމިނުގެ ކުއްޔަކީ 20،000 ރުފިޔާއެވެ. އަދި ހުޅުމާލެ ފޭސް 2 ގައި 18،000 ރުފިޔާއަށް ދެ ކޮޓަރި ލިބޭއިރު، ވިލިމާލޭގައި އުޅެނީ 14،000 ރުފިޔާއަށެވެ.
ތަނުގެ ބޮޑުމިނަށް ބަލައިގެން އަކަފޫޓަކަށް ޖެހޭ އަގު ހިސާބުކުރުމުން، ހުޅުމާލޭގެ ކުލި ބޮޑުވަނީ ހަމައެކަނި އެޕާޓްމަންޓުތައް ބޮޑުވުމުން އެކަނި ނޫންކަން އެނގެއެވެ. ބޮޑުމިން ހިމަނާފައިވާ 372 އިޝްތިހާރަށް ބަލާއިރު މުޅި ސަރަހައްދުގައި އަކަފޫޓަކަށް ޖެހޭ މެދުމިނުގެ އަގަކީ 30 ރުފިޔާއެވެ (150 އަކަފޫޓަށް ވުރެ ކުދި އަދި 6،000 އަކަފޫޓަށް ވުރެ ބޮޑެތި ތަންތަން އުނިކުރުމުން މެދުމިނަކީ 28.5 ރުފިޔާއެވެ). އަކަފޫޓަކަށް ޖެހޭ އަގު އެންމެ ބޮޑީ ހުޅުމާލެ ފޭސް 1 ގައި (29.7 ރުފިޔާ) އަދި ހުޅުމާލެ ފޭސް 2 ގައި (29.5 ރުފިޔާ) ކަމަށް ގްރޭޓަރ މާލެ ރެންޓްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ. މާލޭގައި އަކަފޫޓެއްގެ އަގު އެންމެ މަތީ ހެންވޭރުގައި (29.2 ރުފިޔާ) ކަމަށްވާއިރު، މާފަންނުގައި 27.8 ރުފިޔާ، މައްޗަންގޮޅީގައި 27.6 ރުފިޔާ އަދި ގަލޮޅުގައި 27.5 ރުފިޔާއަށް އަކަފޫޓެއް ޖެހެއެވެ. ވިލިމާލޭގައި އަކަފޫޓަކަށް ޖެހެނީ އެންމެ ދަށް އަގު ކަމަށްވާ 23.3 ރުފިޔާއެވެ.
ކޮޓަރިތަކުގެ އަދަދަށް ބަލާއިރު، މުޅި ގްރޭޓަރ މާލެ ސަރަހައްދުގައި އެއް ކޮޓަރީގެ އެޕާޓްމަންޓެއްގެ މެދުމިނުގެ ކުއްޔަކީ (2،021 އިޝްތިހާރުން) މަހަކު 11،000 ރުފިޔާއެވެ. ނަމަވެސް 81 އިޝްތިހާރު ހިމެނޭ ސްޓޫޑިއޯ އެޕާޓްމަންޓުތަކުގެ މެދުމިނުގެ ކުލި 17،000 ރުފިޔާގައި ހުރި އިރު، މިއީ 2،288 އިޝްތިހާރު ހިމެނޭ ދެ ކޮޓަރީގެ އެޕާޓްމަންޓުތަކުގެ މެދުމިނުގެ ކުއްޔާ އެއް އަދަދެއްކަން އެ ދިރާސާއިން ހާމަވެއެވެ. މީގެ އިތުރުން ތިން ކޮޓަރީގެ ތަންތަނުގެ ކުލި (1،447 އިޝްތިހާރުން) 25،000 ރުފިޔާގައި ހުރި އިރު، ހަތަރު ކޮޓަރި ނުވަތަ އެއަށް ވުރެ ބޮޑެތި ތަންތަނުގެ މެދުމިނުގެ ކުއްޔަކީ (132 އިޝްތިހާރުން) 35،000 ރުފިޔާއެވެ. އެއް ކޮޓަރީގެ ތަންތަން އެންމެ އަގުހެޔޮކޮށް ލިބެނީ 9،000 ރުފިޔާއަށް ވިލިމާލެ އަދި ހުޅުމާލެ ފޭސް 2 އިންނެވެ. އަދި ތިން ކޮޓަރީގެ ތަންތަން ހެންވޭރު، މާފަންނު އަދި ވިލިމާލޭގައި 24،000 ރުފިޔާއަށް ލިބޭއިރު، ހުޅުމާލެ ފޭސް 1 ގައި ތިން ކޮޓަރީގެ މެދުމިނުގެ އަގު 29،000 ރުފިޔާއަށް އަރައެވެ.
މި ކުލިތަކަކީ އާންމު އާމްދަނީއާ އަޅައިބަލާއިރު ކިހާ ބޮޑު ބުރައެއްކަން ދެނެގަތުމަށް، 2019 ވަނަ އަހަރުގެ ސާވޭއެއްގެ އާމްދަނީގެ ހިސާބުތަކާ ކުލީގެ އަގުތައް ވަނީ އަޅައިބަލާފައެވެ. އެ ސާވޭގެ އަދަދުތަކަކީ މިހާރުގެ ހާލަތަށް ވުރެ ދަށް އަދަދުތަކަކަށް ވެދާނެ ކަމަށާއި، ދިރިއުޅުމުގެ ހަރަދު އަތްފޯރާ ފަށުގައި ހުންނަ ކަމަށް އާންމުކޮށް ބަލާ މިންގަނޑަކީ އާމްދަނީގެ 30 އިންސައްތަ ކަމަށް ގްރޭޓަރ މާލެ ރެންޓްސްގައި ބަޔާންކޮށްފައިވެއެވެ. އެ ހިސާބުތަކަށް ބަލާއިރު، 30 އިންސައްތައިގެ މިންގަނޑުގެ ތެރޭގައި ހިފެހެއްޓެނީ އެއް ކޮޓަރީގެ އެޕާޓްމަންޓު (ގޭބިސީއެއްގެ އެވްރެޖް އާމްދަނީގެ 29 އިންސައްތަ) އެކަންޏެވެ. އެކަކު އާމްދަނީ ހޯދާ ނަމަ އެއް ކޮޓަރީގެ ކުއްޔަށްވެސް އާމްދަނީގެ 78 އިންސައްތަ ހޭދަވެއެވެ. ދެ ކޮޓަރީގެ ތަނަކަށް ގޭބިސީގެ އާމްދަނީގެ 44 އިންސައްތަ (އެކަކުގެ އާމްދަނީގެ 120 އިންސައްތަ) ހޭދަވާއިރު، ތިން ކޮޓަރީގެ ތަނަކަށް ގޭބިސީގެ އާމްދަނީގެ 78 އިންސައްތަ (އެކަކުގެ އާމްދަނީގެ 212 އިންސައްތަ) އަދި ހަތަރު ކޮޓަރިއަށް ވުރެ ބޮޑެތި ތަންތަނަށް ގޭބިސީގެ އާމްދަނީގެ 84 އިންސައްތަ (އެކަކުގެ އާމްދަނީގެ 230 އިންސައްތަ) އަރައެވެ.
ހިޔާ ފްލެޓް-- ސަން ފޮޓޯ/ ފަޔާޒު މޫސާމަހު ކުލީގެ އިތުރުން، ތަނަކަށް ވަންނައިރު ދައްކަންޖެހޭ ސެކިއުރިޓީ ޑިޕޮސިޓް ނުވަތަ އެޑްވާންސް ފައިސާއަކީވެސް ކުއްޔަށް ހިފާ ފަރާތްތަކަށް އޮތް ބޮޑު ހަރަދެކެވެ. ޑިޕޮސިޓް ބަޔާންކޮށްފައިވާ 2،722 އިޝްތިހާރުގެ ތެރެއިން 64 އިންސައްތަ ތަންތަނުން އެއް މަހުގެ ކުލި ޑިޕޮސިޓްގެ ގޮތުގައި ނަގާއިރު، 29 އިންސައްތަ ތަންތަނުން ދެ މަހުގެ ކުލި، 4 އިންސައްތަ ތަންތަނުން ދޮޅު މަހުގެ ކުލި އަދި 2 އިންސައްތަ ތަންތަނުން އެއް މަހަށް ވުރެ ކުޑަ އަދަދެއް ނަގާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ދެ މަހަށް ވުރެ ގިނަ ދުވަހުގެ ޑިޕޮސިޓް ނަގަނީ އެންމެ ގިނައިން ހުޅުމާލެ ފޭސް 1 ގައެވެ. އެ ސަރަހައްދުގެ އިޝްތިހާރުތަކުގެ 46 އިންސައްތައިގައި ދެ މަހުގެ ނުވަތަ އެއަށް ވުރެ ބޮޑު ޑިޕޮސިޓަކަށް އެދިފައިވެއެވެ. ގަލޮޅުގައި މި ނިސްބަތް 31 އިންސައްތައިގައި އަދި ހުޅުމާލެ ފޭސް 2 ގައި 29 އިންސައްތައިގައި ހުރި އިރު، ހެންވޭރުގައި 26 އިންސައްތަ، މާފަންނުގައި 24 އިންސައްތަ، މައްޗަންގޮޅީގައި 23 އިންސައްތަ އަދި ވިލިމާލޭގައި 15 އިންސައްތަ ތަންތަނުން ދެ މަހަށް ވުރެ ބޮޑު ޑިޕޮސިޓަކަށް އެދެއެވެ.
ކުލީގެ ބާޒާރުގައި ފާހަގަކުރެވޭ އަނެއް ކަމަކީ އެމެރިކާ ޑޮލަރުން ކުލި ކަނޑައަޅާފައި ހުންނަ ތަންތަނުގެ އަގު އާދަޔާ ހިލާފަށް ބޮޑުވުމެވެ. ދިރާސާކުރި 6،238 އިޝްތިހާރުގެ ތެރެއިން 459 އިޝްތިހާރު (7.4 އިންސައްތަ) ހުރީ ޑޮލަރުން އަގު ޖަހާފައެވެ (ފަހުގެ ތިން މަހުގެ ހިސާބުތަކުގައި މި ނިސްބަތް އުޅެނީ 6 އިންސައްތައިގައި، މެދުމިނުން 1،800 ޑޮލަރުގައެވެ). މުޅި ޑޭޓާސެޓުގައި ރުފިޔާއިން އަގު ޖަހާފައިވާ ތަންތަނުގެ މެދުމިނުގެ ކުއްޔަކީ 16،000 ރުފިޔާ ކަމަށްވާއިރު، ޑޮލަރުން އަގު ޖަހާފައިވާ ތަންތަނުގެ މެދުމިނުގެ ކުއްޔަކީ 2،000 ޑޮލަރު (15.42 ރުފިޔާގެ ރޭޓުން ބަލާއިރު ގާތްގަނޑަކަށް 30،840 ރުފިޔާ) ކަމަށް ގްރޭޓަރ މާލެ ރެންޓްސްގައި ބަޔާންކޮށްފައިވެއެވެ. މިއީ ރުފިޔާއިން ކުއްޔަށް ދޭ ތަންތަނަށް ވުރެ 1.9 ގުނަ ބޮޑު އަދަދެކެވެ. ބިދޭސީން ނުވަތަ އެކްސްޕެޓުންނަށް ހާއްސަކޮށްގެން ޖަހާ އިޝްތިހާރުތަކުގެ 26 އިންސައްތަ ހުންނަނީ ޑޮލަރުން އަގު ކަނޑައަޅާފައެވެ. ޑޮލަރުން ކުލި ނަގާ ތަންތަން އެންމެ ގިނައީ ހުޅުމާލެ ފޭސް 1 (23 އިންސައްތަ) އަދި ހުޅުމާލެ ފޭސް 2 (16 އިންސައްތަ)ގައެވެ. މާލޭގެ އަވަށްތަކުގައި މި ނިސްބަތް އުޅެނީ 2 އިންސައްތައާއި 4 އިންސައްތައާ ދެމެދުގައެވެ. އަދި ހަތަރު ކޮޓަރިއަށް ވުރެ ބޮޑެތި އެޕާޓްމަންޓުތަކުގެ 20 އިންސައްތަ އަދި ތިން ކޮޓަރީގެ ތަންތަނުގެ 13 އިންސައްތަ ހުންނަނީ ޑޮލަރުން އަގު ޖަހާފައެވެ.
އިމާރާތުގައި ހުންނަ ވަސީލަތްތަކުގެ ސަބަބުންވެސް ކުއްޔަށް ބޮޑު ބަދަލެއް އާދެއެވެ. އިޝްތިހާރުތަކުގެ 45 އިންސައްތައިގައި ލިފްޓު ހުންނަ ކަމަށް ބުނެފައިވާއިރު (ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި އިޝްތިހާރުގައި ލިފްޓުގެ މައުލޫމާތު ނުހިމަނައެވެ)، ލިފްޓު ހުންނަ ތަންތަނުގެ މެދުމިނުގެ ކުއްޔަކީ 21،000 ރުފިޔާއެވެ. ސިޑިން އަރަންޖެހޭ ތަންތަނުގެ މެދުމިނުގެ ކުއްޔަކީ 15،000 ރުފިޔާ ކަމަށްވާއިރު، ލިފްޓު ހުރުމުން ކުލި 45 އިންސައްތަ ބޮޑުވާކަން ތަފާސްހިސާބުތަކުން ދައްކައެވެ. ހަމައެއާއެކު، ސެކިއުރިޓީ ނުވަތަ ސީސީޓީވީ ހުންނަ ތަންތަނުގެ ކުލި 56 އިންސައްތަ އިތުރުވާއިރު (25،000 ރުފިޔާ)، ބެލްކަނި ހުންނަ ތަންތަން 44 އިންސައްތަ (23،000 ރުފިޔާ)، ޕާކިން ހުންނަ ތަންތަން 93 އިންސައްތަ (31،000 ރުފިޔާ)، އަދި ޖިމް ނުވަތަ ޕޫލް ހުންނަ ތަންތަނުގެ ކުލި 16،000 ރުފިޔާއިން 35،000 ރުފިޔާއަށް (119 އިންސައްތައާއި 122 އިންސައްތައާ ދެމެދު) އުފުލެއެވެ.
ނަމަވެސް މި ވަސީލަތްތަކަކީ ގިނަ ފަހަރަށް އާ އަދި ބޮޑެތި އިމާރާތްތަކުގައި ހުންނަ ކަންކަމަށް ވާތީ، ކުލީގެ މި ފަރަގުގެ ބައެއް ގުޅިފައިވަނީ އެޕާޓްމަންޓުގެ ބޮޑުމިނާއި ހުންނަ ސަރަހައްދާއެވެ. އެއާކޮންޑިޝަން ހުންނަ ކަމަށް 27 އިންސައްތަ އިޝްތިހާރުގައި ބުނެފައިވާއިރު، އޭގެ ސަބަބުން މެދުމިނުގެ ކުއްޔަށް އަންނަނީ 16،000 ރުފިޔާއިން 17،000 ރުފިޔާއަށް، އެންމެ 6 އިންސައްތައިގެ ބަދަލެކެވެ. އަދި ވައިފައި ހިމެނޭ ކަމަށް ބުނާ 4 އިންސައްތަ ތަންތަނުގެ މެދުމިނުގެ ކުލި އުޅެނީ 13،000 ރުފިޔާގައި ކަމަށްވާތީ، އެއީ ވައިފައި ނުހިމެނޭ ތަންތަނަށް ވުރެ 24 އިންސައްތަ ދަށް އަދަދެކެވެ. ފަރުނީޗަރު ހުންނަ (ފާނިޝްޑް) 24 އިންސައްތަ ތަންތަނުގެ މެދުމިނުގެ ކުއްޔަކީ 19،000 ރުފިޔާއެވެ. ސެމީ-ފާނިޝްޑް (36 އިންސައްތަ) ތަންތަން 17،000 ރުފިޔާގައި އަދި ފަރުނީޗަރު ނުހުންނަ (23 އިންސައްތަ) ތަންތަން އުޅެނީ 15،000 ރުފިޔާގައެވެ.
ކުއްޔަށް ދޭން އިޝްތިހާރު ޖަހާ ފަރާތްތަކަށް ބަލާއިރު، މުޅި ބާޒާރު ކޮންޓްރޯލްކުރަނީ މަދު އެޖެންޓުންތަކެއް ނޫންކަން ގްރޭޓަރ މާލެ ރެންޓްސްގެ ހިސާބުތަކުން އެނގެއެވެ. އިޝްތިހާރު ޖެހި 3،021 ފަރާތުގެ ތެރެއިން، ކޮންމެ 10 އެޕާޓްމަންޓަކުން ގާތްގަނޑަކަށް 4 ތަން (36 އިންސައްތަ) ޖަހާފައިވަނީ އެންމެ ތަނެއް އިޝްތިހާރުކުރި، ގޭގެ ވެރިން ކަމަށް ބެލެވޭ ފަރާތްތަކުންނެވެ. އަދި 10 ނުވަތަ އެއަށް ވުރެ ގިނަ ތަންތަން އިޝްތިހާރުކުރި، އެޖެންޓުން ކަމަށް ބެލެވޭ 24 ފަރާތަކުން ހިއްސާކުރަނީ ހުރިހާ އެޕާޓްމަންޓުތަކުގެ 10 އިންސައްތައެވެ (އެންމެ ގިނައިން އިޝްތިހާރު ޖެހި 10 ފަރާތުގެ ހިއްސާއަކީ 7 އިންސައްތައެވެ). މަހަކު އެވްރެޖްކޮށް އަލަށް 342 އެޕާޓްމަންޓު ބާޒާރަށް ނުކުންނައިރު، އިޝްތިހާރުކުރާ ތަންތަނުގެ 18 އިންސައްތަ (992 އެޕާޓްމަންޓު) އެއް ފަހަރަށް ވުރެ ގިނައިން އިޝްތިހާރުކޮށްފައިވެއެވެ. މިގޮތަށް ދެވަނަ ފަހަރަށް އިޝްތިހާރުކުރާއިރު އަގަށް ބަދަލު ގެނެސްފައިވާ 448 ތަނުގެ ތެރެއިން 80 އިންސައްތަ (352 ތަން) ވަނީ ކުލި ކުޑަކޮށްފައެވެ. އަގު ބޮޑުކޮށްފައިވަނީ 96 ތަނެއްގައި ކަމަށްވާއިރު، އަގަށް ބަދަލު ގެންނަ ފަހަރުތަކުގައި މެދުމިނުން 6.6 އިންސައްތަ ކުލި ކުޑަކޮށްފައިވެއެވެ.
ޖުމްލަ ގޮތެއްގައި އަޔާސް ނާސިހުގެ މި ދިރާސާއިން ހާމަވަނީ، ގްރޭޓަރ މާލެ ސަރަހައްދުގެ ކުލީގެ ބާޒާރުގައި އެއް ކޮޓަރިއަށް ވުރެ ބޮޑެތި އެޕާޓްމަންޓުތަކުގެ ކުލި އާންމު ގޭބިސީއެއްގެ އާމްދަނީގެ 30 އިންސައްތައިގެ މިންގަނޑަށް ވުރެ މާ މަތީގައި ހުރި ކަމެވެ. ހުޅުމާލޭގައި ކުއްޔާއި ޑިޕޮސިޓް އަދި ޑޮލަރުން އަގު ކަނޑައަޅާ ނިސްބަތް މާލެއާއި ވިލިމާލެއަށް ވުރެ މަތި ނަމަވެސް، މުޅި ބާޒާރު ކޮންޓްރޯލްކުރަނީ މަދު އެޖެންޓުންތަކެއްގެ ބަދަލުގައި ވަކިވަކި ތަންތަން ކުއްޔަށް ދޭ ފަރާތްތަކުންކަމާއި، ކުއްޔަށް ނުހިފައިގެން ދެވަނަ ފަހަރަށް އިޝްތިހާރުކޮށް އަގު ބަދަލުކުރާ ތަންތަނުގެ 80 އިންސައްތައިގައި ފަހުން ކުލި ކުޑަކޮށްފައިވާކަން މި ތަފާސްހިސާބުތަކުން ދައްކައެވެ.
އަޔާސް ނާސިހުގެ މި ދިރާސާގެ އިތުރު ތަފްސީލު ހޯދުމަށް މި ލިންކަށް ފިތާލާށެވެ.