ބޮޑު ނުވޭ، ފައިސާ ނެތްނަމަ ބުނޭ، ހޯދާނެ ގޮތް އެނގޭ: ނަޝީދު

ނަޝީދު ކެމްޕޭން ހަރަކާތެއްގައި: -- ފައިލް ފޮޓޯ/ އެމްޑީޕީ ސަޕޯޓާސް، އެކްސް

ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ގޯސްވެ، ތަކެތީގެ އަގު އިންތިހާއަށް އުފުލެމުންދާ މިދަނޑިވަޅުގައި، ސަރުކާރުން "ބޮޑު ނުވެ" އިދިކޮޅު ފަރާތްތަކާ ވާހަކަދެއްކުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު މިރޭ ގޮވާލައްވައިފިއެވެ.

މިރޭ ބޭއްވި "ދަތިވެއްޖެ" އިހުތިޖާޖުގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ، ރާއްޖޭގެ ދަރަނި މިވަގުތު ހުރީ އުފެއްދުންތެރިކަމުގެ ނިސްބަތުން 130 އިންސައްތައަށްވުރެ މަތީގައި ކަމަށެވެ. އަދި މި ސަރުކާރުން ދަރަނި އަދާކުރަމުންދަނީ ކުރީގެ އެމްޑީޕީ ސަރުކާރުން އެއްކޮށްފައިވާ ރިޒާވް ބޭނުންކޮށްގެން ކަމަށާއި، އޭގެ ސަބަބުން މިހާރު ދައުލަތުގެ ރިޒާވް އެއްކޮށް ހުސްވެފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ދަތިވެއްޖެ" އިހުތިޖާޖުގެ ތެރެއިން ފުލުހުންނާއި އެމްޑީޕީގެ ބައިވެރިން -- ސަން ފޮޓޯ

"އަޅުގަނޑުމެން ތަކުރާރުކޮށް ސަރުކާރުގައި ދަންނަވަމުން ގެންދިޔައީން އަތުގައި ހުރި މަދު ފައިސާކޮޅު ހުސްކޮށްނުލައްވާށޭ. މިހާރު ޑޮލަރު ރިޒާވް މިއޮތީ ހަގީގަތުގައި ހުސްވެފައި،" ނަޝީދު ވިދާޅުވިއެވެ.

ޑޮލަރުގެ އަގާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 20.05 ރުފިޔާއަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށާއި، މިސްރާބު ހުރީ 23 ރުފިޔާއާ ދިމާލަށް ކަމަށެވެ.

އަދި ރާއްޖެ މިހާރު މިދަނީ "ހައިޕަ އިންފްލޭޝަން" އަކާ ދިމާލަށް ކަމަށާއި، ތަކެތީގެ އަގު އަތްނުފޯރާ ފަށަށް އުފުލި ރައްޔިތުންނަށް ނުހަނު ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، ރިސޯޓުތަކުގެ އާމްދަނީގެ 20 އިންސައްތަ މާރުކުރަން މަޖުބޫރުކުރުމަކީ ޓޫރިޒަމް ސިނާއަތަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށެވެ.

"ވިހި ޕަސެންޓަކީ ފައިދާއެއް ނޫން. އިންވެސްޓަރުންނަކީ ބޭރުން ލޯނު ނަގައިގެން އައިސް ތިބި ބައެއް. އެ މީހުންގެ އަމިއްލަ ފައިސާއަށް ސަރުކާރުން މިގޮތަށް އަރައިގަތުމުން ޑޮލަރު އިތުރަށް މަދުވުން ނޫން ކަމެއް ނުވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

"ދަތިވެއްޖެ" އިހުތިޖާޖުގެ ތެރެއިން ފުލުހުންނާއި އެމްޑީޕީގެ ބައިވެރިން -- ސަން ފޮޓޯ

ސަރުކާރަށް ނަޝީދު ވަނީ، 20 ދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކޮށްދިނުމަށް ގޮވައިލައްވައިފައެވެ.

އަދި އެކަން ކުރާނެ ގޮތް އެމްޑީޕީއަށް އެނގޭ ކަމަށް ވިދާޅުވެ، ސަރުކާރުން ބޮޑާނުވެ އެހީތެރިކަމަށް އެދުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

"ބޮޑާނުވާށޭ، އަޅުގަނޑުމެންނާ ވާހަކަދައްކާށޭ. އަޅުގަނޑުމެންނަށް އެނގެޔޭ އެ ފައިސާ ހޯދާނެ ގޮތް. ސަރުކާރުގެ ކިބައިން ރައްޔިތުން އެދެނީ ސިޔާސަތު ބަދަލުކޮށް، ޑޮލަރުގެ އަގު ތިރިކޮށްދިނުމަށް،" ނަޝީދު ވިދާޅުވިއެވެ.

މި އިހުތިޖާޖުގައި ނަޝީދު ވަނީ ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަކީ ޤާނޫނު އަސާސީން ލިބިދޭ ޙައްޤެއްކަން ހަނދާންކޮށްދެއްވައި، ރައްޔިތުންގެ ޝަކުވާތައް އުފުލުމަކީ ސިޔާސީ ޕާޓީތަކުގެ ޒިންމާއެއް ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް