ކުރީގެ ހޯމް މިނިސްޓަރު އަދި ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރުގެ ވެރިކަމެއްގައި، ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ކަނޑާލުމަށް ފަހު، އެ ފައިސާ ދިރާސާކުރުމާއި ތަރައްގީގެ (ރިސާޗް އެންޑް ޑިވެލޮޕްމަންޓް) ދާއިރާއަށް ހޭދަކުރަން ނިންމަވާފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައި އުމަރު ވިދާޅުވި ގޮތުގައި، މިހާރު ސިޔާސީ ޕާޓީތަކަށް އަހަރަކު ގާތްގަނޑަކަށް 30 މިލިއަން ރުފިޔާ ދައުލަތުން ހޭދަކުރެއެވެ.
އުމަރު ވިދާޅުވި ގޮތުގައި އޭނާގެ ސަރުކާރެއްގައި ސިޔާސީ ޕާޓީތަކުގެ ނިޒާމަށް ވަރަށް ބޮޑެތި އިސްލާހުތަކެއް ގެންނާނެއެވެ. އެގޮތުން އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅަކީ ޕާޓީތަކަށް ދޭ ފައިސާ އެއްކޮށް ހުއްޓާލުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އުމަރު ވިދާޅުވި ގޮތުގައި ޕާޓީތަކަށް ދޭ ފައިސާ ކަނޑާލުމަށް ފަހު، އެ ފައިސާ ބޭނުންކުރާނީ ގައުމީ ފެންވަރުގައި ކުރިއަށްގެންދާ ދިރާސާތަކަށާއި އީޖާދީ މަސައްކަތްތަކަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މިހާރު ޕާޓީތަކަށް ދޭ ފައިސާއަކީ އެއްވެސް ނަތީޖާއެއް ނުނެރެވޭ ގޮތަށް ބޭކާރުވަމުންދާ ފައިސާއެކެވެ.
މީގެ ކުރިންވެސް އުމަރު ވަނީ ސިޔާސީ ޕާޓީތަކުން ދައުލަތުގެ ފައިސާ ބޭނުންކުރާ ގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވައި، ޕާޓީތަކުން ރައްޔިތުންނަށް ގެނެސްދިން ހެޔޮ ބަދަލެއް ނެތް ކަމަށް ވިދާޅުވެފައެވެ. އަދި ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަކީ ވަރަށް ގިނަ ބަޔަކު އެކަމާ ދެކޮޅަށް ވާހަކަ ދައްކާ ކަމެކެވެ.
ރާއްޖޭގައި ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދޫކުރަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނު ބުނާ ގޮތުން، ދައުލަތުގެ އަހަރީ ބަޖެޓުގެ 0.1 އިންސައްތަ، 10،000 މެންބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް ދޫކުރަން ޖެހެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރު ފަސް ޕާޓީއަކަށް 27.9 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، 2024 ވަނަ އަހަރު 44 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ބޮޑެތި އަދަދުތަކުން ފައިސާ ދޫކުރާތީ، އެކަމާ މެދު މީޑިއާތަކުގައާއި އާންމުންގެ މެދުގައި ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. ހާއްސަކޮށް ޕާޓީތަކުގެ މެންބަރުންގެ އަދަދު އިތުރުކުރުމަށް ސައްހަ ނޫން ފޯމު ހުށަހަޅާ ކަމުގެ މައްސަލަތައް ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާއިރު، ދައުލަތުގެ ފައިސާ ޕާޓީތަކަށް ދިނުމުގެ ނިޒާމު މުރާޖައާކުރަން ޖެހޭ ކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ވަނީ ގޮވާލާފައެވެ.