ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއިން އެކި ގޮފިތައް ފަޅައި އެކި ކަހަލަ ޕްރޮޑަކްޓްތައް ނެރެމުން ދާނެއެވެ. އެކިކަހަލަ ޓޫރިޒަމް ޕްރޮޖެކްޓްތައް، ރާއްޖެއަށް އަންނަމުންދާނެއެވެ. އަޅުގަނޑުމެން ވާންޖެހޭނީ އާ އިންވެސްޓްމަންޓްތަކަށާއި، އާ ކަންކަމަށް މަރުޙަބާ ކިޔާ ބަޔަކަށެވެ. ކޮންމެ އިންވެސްޓްމަންޓެއް ބަލައިގަންނަންވާނީ އެއިން ލިބިދާނެ ގެއްލުމެއް އޮތްނަމަ އެ ގެއްލުމަކުން ނުބައި އަސަރުނުކުރާނެ ގޮތަކަށް ބަދަލުގެނައުމަށް ފަހުގައެވެ. ނުވަތަ ގެއްލުމުގެ އަސަރު ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށްފަހުއެވެ. އަދި ބައެއް އިންވެސްޓްމަންޓް ތަކަކީ އޭގެ ފައިދާ ކިތަންމެ ބޮޑު ނަމަވެސް ނޫނެކޭ ބުނެ، މުޅިން ދޫކޮށްލަންޖެހޭ އިންވެސްޓްމަންޓްތަކެވެ. ފައިސާއަށްޓަކައި ދޫކޮށްނުލާނެ އަސާސްތަކެއް ހުންނަންވާނެއެވެ. މިސާލަކަށް ދަންނަވާނަމަ، ޖުވާކުޅޭ ޓޫރިޒަމް އަކީ ކިތަންމެ ފައިދާބޮޑު ކަމެއްކަމަށް ބުނެވުނަސް، އެއީ އަޅުގަޑުމެން ގެނެސްގެންވާނެ ކަންކަމެއް ނޫނެވެ. ފައިސާއަކީ ހުރިހާ އެއްޗެއް ނޫނެވެ.
ރިއަލް އެސްޓޭޓްގެ ވިޔަފާރިއަކީ ދިވެހީން އެ ވިޔަފާރިއަކަށް ވަންނަން ޖެހޭ ޓޫރިޒަމްގެ ރަނގަޅު ވިޔަފާރި އެކެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅު ތަކަކާއެކުގައެވެ. މި ބިމުގެ މިލްކުވެރިކަމާއި މި ބިމުގައި ވަޒަންވެރިވުމުގެ ޙައްޤު، ބިދޭސީންތަކަކަށް ދޫކޮށްނުލައެވެ. އެއީ އަޅުގަނޑުމެންނަކީ ވަރަށް ކުޑަ އާބާދީއަކަށްވެފައި، ދީނާއި، ބަހާއި، ނަސްލުގެ ގޮތުން އެއްބަޔެއްގެ ގޮތުގައި ތިބުމުގެ ހެޔޮ ނަޞީބު ލިބިފައިވުމާއެކު އެ ނަޞީބަށް އުނިކަމެއްނައިސް ކުރިއަށް އޮތް ޖީލުތަކަށް މި ޤައުމު ވާޞިލް ކޮށްދިނުމުގެ ބޭނުމުގައެވެ. މިއީ ފައިސާ އަށްޓަކައި ދޫކޮށްލާ ވަރަށް ވުރެ އަގުބޮޑު ތަރިކައެކެވެ.
މަޖްލިސް އަށް މިހާރު ހުށަހެޅިފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލްގެ 78 ވަނަ މާއްދާއާއި، 89 ވަނަ މާއްދާ އޮތްގޮތުން، ރާއްޖޭގެ ބިންތަކެއް ދައުލަތަށް ދުވަހަކުވެސް އަބުރާ ނުލިބޭގޮތަށް، ބިދޭސީންގެ އެތައް ސަތޭކަ ބަޔަކަށް މިލްކުކޮށްދެވެއެވެ. އެ ބިންތައް ތާއަބަދަށް ގެއްލިގެންދެއެވެ. މި ބިމުގެ އެހެން މިލްކްވެރިންތަކެއް އުފެދިގެންވެސްދެއެވެ. އެ މިލްކުވެރިންނަކީ، އެހެން ދީންތަކެއްގެ، އެހެން މަޒުހަބުތަކެއްގެ، އެހެން ބަހަކުން ވާހަކަ ދައްކާ، އެހެން ނަސްލަކަށް ނިސްބަތްވާ ބަޔަކަށް ވެގެންދެއެވެ. އަދި މިކަން އިތުރަށް ގޯސްވެގެންދަނީ މި މީހުންނަކީ ދިގުމުއްދަތަށް ރާއްޖޭގައި ތިބުމުގެ ރެސިޑެންސް ވިސާ ލިބިގެންދާ ބަޔަކަށް ވުމެވެ. މިދެންނެވި ދެ މަފްހޫމް އެއްވުމުން އުފެދިގެންދަނީ އެހެން ރައްޔިތުން ތަކެކެވެ. އެހެން ސިޓިޒަންސް ތަކެކެވެ. މުޅިން އެހެން ކޮމިޔުނިޓީ އެކެވެ. ޒަޔަނިސްޓުން ދުނިޔޭގެ އެތަން މިތަނުން، ބިންތައް ގަންނަމުންދާ ދުވަސްވަރެއްގައި، މިއީ ވަރަށް ނުރައްކާތެރިކަމަކަށް ވާނެއެވެ.
ޤައުމެއްގެ އިޤްތިސާދީ ކުރިއެރުމަކީ އެ ޤައުމެއްގައި ބިދޭސީ އިންވެސްޓަރުން ބިނާކުރާ އިމާރާތްތަކުގެ ރީތިކަމާ އުސްމިނެއް ނޫނެވެ. އެ އިންވެސްޓްމަންޓްތަކުން އެ ޤައުމެއްގެ ރައްޔިތުންނަށް ލިބޭ ތަނަވަސްކަމާ، އެ ރައްޔިތުންގެ އަމިއްލަ ވިޔަފާރިތަށް ފުޅާކުރެވޭ މިންވަރާ، އެ މީހުންގެ ޖީބުތަކަށް ލިބޭ ތަނަވަސްކަމެވެ. މިފަސްގަޑުގައި ހިގާ ވިޔަފާރިތަކުގެ ކޮންޓްރޯލް، ދިވެހިންގެ އަތުގައި އޮންނަ މިންވަރެކެވެ.
މި ރާއްޖޭގައި މިހާރުވެސް ވަޒީފާ އަދާކުރާ ލައްކައެއްހާ ބަންގްލަދޭޝް މީހުން ތިބިއިރު އެމީހުންވަނީ ކުދި ވިޔަފާރިތަކުގެ ކޮންޓްރޯލް ނަގާފައެވެ. އެމީހުންގެ ސަބަބުން ނިކުމެގެން އުޅޭ އިޖްތިމާޢީ މައްސަލަތައް ވަނީ ފުނިޖެހިފައެވެ. މިއީ މިހާރުން މިހާރަށް ފެންނާން ހުރި ކަންކަމެވެ. ދެބަސްވުމެއް ނެތް ޙަޤީޤަތެކެވެ. މި ދެންނެވީ ވަރަށް ކުޑަކުޑަ ފައިސާކޮޅެއް ގެންގުޅޭ ތަޢުލީމެއްނެތް ބަޔެއްގެ ވާހަކައެވެ. ދެން ނިކަން ވިސްނަވާށެވެ. ތިރީހަކަށް ހާސް މުއްސަނދިން، ދިވެހި ބިމުގެ މިލްކުވެރިކަމާއެކު، ވަކި ސަރަޙައްދެއްގައި އާބާދު ވެއްޖެ ނަމަ ނިކުންނާނޭ މައްސަލަތައް އަދި މާ ގިނަވާނެއެވެ.
ރިއަލް އެސްޓޭޓް ވިޔާފާރީގައި އަޅުގަނޑުގެ ކަންބޮޑުވުން އޮތީ މައިގަޑު ދެ ކަމެއްގައެވެ. އެއީ ބިމުގެ މިލްކުވެރިކަމާއި، ދިގު މުއްދަތަށް ދެވޭ ވިސާ އެވެ. މި ދެކަންތައް ނުހިމަނާ ނުވަތަ މި ކަންތައް ކޮންޓްރޯލް ކުރެވޭ ގޮތަށް މި ވިޔަފާރީގެ ތެރެއަށް ދިވެހިރާއްޖެ ވަންނަންވާނެއެވެ. ރާއްޖެއަށް ޓޫރިޒަމް ތަޢާރަފް ކުރެވުނު އިރުވެސް އެއިން ނިކުންނާނޭ ނުބައި އަސަރު ކުޑަކުރުމަށްޓަކައި ފިޔަވަޅުތަކެއް އެޅިއެވެ. އެއީ ވަކިވަކި ރަށްރަށުގައި ނޫން ގޮތަކަށް ފަތުރުވެރިކަން ނުހިންގުމެވެ. އަދިވެސް 'ވަން-އައިލެންޑް، ވަން-ރިސޯޓް' ގެ މޮޑެލް ވަރަށް ކާމިޔާބެވެ. ޒިޔާރަތް ކުރަނީ ދެމަފިރިންނާއި، ޢާއިލާ ތަކެވެ. 'ނައިޓް ލައިފް' ހޯދަން އަންނަ ފަތުރުވެރިންނެއް ނާދެއެވެ.
ގެސްޓް ހައުސް ވިޔަފާރި ރާއްޖޭގައި މަނާކޮށްފައި އެތައް ޒަމާނަކު އޮތެވެ. އެއީ އެކަމުން ނިކުމެދާނެ ނުރަނގަޅު ކަންތައްތަކެއް އޮތުމުންނެވެ. އަދި އެކަމަށް ހުއްދަ ދެވުނީ، ބަނގުރާ ނުހިމަނާ، 'ނައިޓް ލައިފް' ނުހިމަނާ ކުރިއަށް ގެންދެވޭ ގޮތަށެވެ. އިޖްތިމާޢީ މައްސަލަތަކެއް ނިކުތް ނަމަވެސް ގެސްޓް ހައުސް ވިޔަފާރި އަކީ ކާމިޔާބު މޮޑެލްއެކެވެ.
ރިއަލް އެސްޓޭޓް ވިޔަފާރި ވެސް، ވަޒަންވެރި ނުވެވޭ ގޮތަށް ކުރިއަށް ގެންދެވޭނެ ކަމާމެދު އަޅުގަނޑުގެ އެއްވެސް ޝައްކެތް ނެތެވެ. ބައެއް އިންވެސްޓަރުން މިކަމާ ދެކޮޅު ހަދާފާނެއެވެ. ނަމަވެސް ރާއްޖޭގެ ޤުދުރަތީ ރީތި ކަމާއި، ފަހި މޫސުމުގެ ސަބަބުން ރާއްޖެއަށް ގިނަ އިންވެސްޓަރުން ގެ ޝައުޤުވެރިކަން އަބަދުވެސް ލިބޭނެއެވެ. ބިމުގެ މިލްކުވެރިކަމާއި، ދާއިމީ ވިސާ ނުހިމަނާ، މި ވިޔަފާރި ނުހިނގާނެ ކަމަށް ވިދާޅުވާ ބޭފުޅުންނާ އަޅުގަނޑު ޚިޔާލު ތަފާތެވެ. ސަބަބަކީ މިއީ ރިއަލް އެސްޓޭޓް ވިޔަފާރިއެކެވެ. މިއީ ވަޒަންވެރިވުމާ ބެހޭ ވިޔަފާރި އެއް ނޫނެވެ. ވަޒަންވެރިވުމާނުލައި، ރިއަލް އެސްޓޭޓް ވިޔަފާރި ހިނގާނެއެވެ.
މިބާވަތުގެ މަޝްރޫޢެއް ނެގޯޝިއޭޓް ކުރެވޭ އިރު އިންވެސްޓަރު އަބަދުވެސް ބޭނުންވާނީ އޭނާ އަށް އެންމެ ފަހިކޮށް އޮންނަ ގޮތަކަށް އެގްރީމެންޓް އޮތުމެވެ. ނަމަވެސް ދިވެހި ދައުލަތުގެ ފަރާތުން ނެގޯޝިއޭޓް ކުރައްވާ ބޭފުޅުން ހިފަހައްޓަވަންވާނީ މި ޤައުމުގެ މުސްތަޤްބަލަށް އެންމެ ރަނގަޅު ގޮތެވެ. އިންވެސްޓަރު އެދޭހާ ގޮތަކަށް ދޫކޮށްލާކަށް ނުޖެހެއެވެ.
ބިމުގެ ގޮތުން ބިޔަ، އާބާދީގެ ގޮތުން ބޮޑު އިންޑޮނޭޝިޔާގައި ވެސް ބިދޭސީއަކަށް އެޕާޓްމަންޓްއެއް ގަނެވެނީވެސް ގިނަވެގެން 80 އަހަރަށެވެ. ސިންގަޕޫރުގައި، ބިމުގައި ހުންނަ ގެޔެއް ބިދޭސީއަކަށް ގަނެވޭނީ އިޤްތިޞާދަށް ވަރަށް ބޮޑު ފައިދާތަކެއް ގެނެސްދޭ މީހަކަށް، ވަރަށް މަދު ޙާލަތެއްގައެވެ.
ރިއަލް އެސްޓޭޓް ވިޔަފާރީގެ ތެރެއަށް ދިވެހީންނަށް ވަދެވޭނެ ބައިވަރު ބިޒްނަސް މޮޑެލްތައް ހުންނާނެއެވެ. އިންވެސްޓަރު މޭޒު މައްޗަށް ގެންނަހާ މޮޑެލްއެއް ބަލައިގަންނާކަށް ނުޖެހެއެވެ. މި ވަގުތު މިހިނގާ ރަސްމާލޭގެ މަޝްރޫޢުގައި އަޅުގަނޑަށް ފެންނަނީ ދިވެހި ސަރުކާރުގެ ފަރާތުން މި މަޝްވަރާގައި ގޮތްނިންމުމުގެ ބާރުވެރިކަމާއެކު، ބައިވެރިވެވަޑައިގަންނަވާ އޮފިޝަލުންގެ ޓީމުގެ ކުޑަކަމާއި، ތަޖުރިބާ މަދުކަމެވެ. އަޅުގަނޑު ހޯދާފައިވާ މަޢުލޫމާތުގެ އަލީގައި ދަންނަވާނަމަ ދެންނެވޭނީ މުޅި މި މަޝްރޫޢުގައި ގޮތްނިންމަނީ ތިން ބޭފުޅުންގެ ކުޑަ ޓީމަކުންނެވެ. އެއީ ރައީސް މުޢިއްޒު އާއި، ދެ 'އަބްދުﷲ ބްރަދަރ' އެވެ. މިނިސްޓަރު ޢަބްދުﷲ މުއްޠަލިބުއާއި، ޗީފް އޮފް ސްޓާފް ޢަބްދުﷲ ފަޔާޒް އެވެ. ދެން ތިއްބެވި ބޭފުޅުންނަކީ، މޭޒު ވަށައިގެން ތިއްބަވައިގެން ބޯހަލުވާ ބޭފުޅުންނެވެ.
އިސްވެ ދެންނެވި ތިން ބޭފުޅުންނަކީ އަލްއައްބާރު ފަދަ މުޅި ދުނިޔެއަށް ލޯހުޅުވިފަ ހުރި އިންވެސްޓަރެއްގެ ކުރިމަތީ ވިޔަފާރި އާއި ގުޅޭ ގޮތުން ވާހަކަ އެއް ދެއްކޭވަރަށް ވުރެ ތަޖުރިބާ މަދު ބޭފުޅުން ކޮޅެކެވެ. ބިމުގެ މިލްކު ވެރިކަން ދޫކޮށްނުލައި، ކުރު މުއްދަތެއްގެ ވިސާ އާއި އެކު ގެނެވޭ ވިޔަފާރީގެ މޮޑެލް އަކަށް މިފަދަ ޕްރޮޖެކްޓްތައް ބަދަލު ކޮށްލުމުގެ ޤާބިލްކަން ދިވެހި ދައުލަތުގައި ހުންނަންވާނެއެވެ.
އަޅުގަނޑަކީ، ރާއްޖޭގެ ރިސޯޓުތައް 50 އަހަރަށް ކުއްޔަށްދޭން ނިންމާތީ އެކަމާ ދެކޮޅަށް މަޖްލިސްކުރާ ގޭދޮށުގައި މުޒާހަރާ ކުރި މީހަކީމުއެވެ. މިހާރު މި އޮތްގޮތަށް 99 އަހަރަށް ކުއްޔަށް ދިނުމަކީ އަޅުގަނޑު މުޅިން ދެކޮޅު ކަމެކެވެ. ނަމަވެސް 50 އަހަރަށްވެސް އަދި 99 އަހަރަށްވެސް ކުއްޔަށް ދިނުމަށް އަޅުގަނޑު ޤަބޫލުވާ މޮޑެލް އެއް އޮވެއެވެ. އެއީ 30 އަހަރަށްފަހު، ޕްރައިވެޓް-ޕަބްލިކް ޕާރޓްނަރޝިޕް މޮޑެލް އަކަށް، އިންވެސްޓްމަންޓް ބަދަލު ކުރަންޖެހޭ ގޮތަށް އޮތުމެވެ. އެއީ އޭގެފަހުން ހިނގާ ކޮންމެ ދިހަ އަހަރުކުން ދިހަ ޕަސެންޓް ޙިއްޞާ ދިވެހީންނަށް ޓްރާންސްފަރ ވާގޮތަށް އެއްބަސްވެވިފައި އޮންނަ ވިޔަފާރީގެ މޮޑެލް އެކެވެ. ރެސިޑެންސް ވިސާ ދޭނަމަ، ކޮންމެ ދެ އަހަރަކުން އާކުރަންޖެހޭގޮތަށް އޮތުމާ، 55 އަހަރުން ފެށިގެން މަތީގެ މީހުނަށް އެކަނި އެ ވިސާލިބޭ ގޮތަށް އޮތުމެވެ.
އެހެންކަމުން، މިއަދު މި ކުރެވޭ ބަޙުސަކީ ރަސްމާލޭގެ ޕްރޮޖެކްޓް އާއި ގުޅޭ ގޮތުން ކުރެވޭ ބަޙުސަކަށްވުރެ ބޮޑަށް، މި ވިޔަފާރީގެ މޮޑެލް އާއި މެދު ކުރެވޭ ބަޙުސެކެވެ. މިހާރު މިއޮތް މޮޑެލް އަކީ 'އިންވެސްޓްމަންޓް' އެއްތޯ ނުވަތަ 'ސެޓްލްމަންޓް' އެއްތޯ އުފެދޭ ސުވާލެވެ. އަދި މި މޮޑެލްގެ ދަށުން ކުރު މުއްދަތުގައި ދިވެހީންނަށް ލިބޭނޭ ފައިދާ އާއި، ދިގު މުއްދަތުގައި ދިވެހީންގެ އަތުން ދޫވެގެންދާނެ ތަރިކަ އާއި ބެހޭގޮތުން ކުރެވޭ ބަޙުސެކެވެ.
މެދުއިރުމަތީގައި ހިނގާދިޔަ ހަގުރާމައާއި ގުޅިގެން، އެ ސަރަހައްދުގެ އިޤްތިސާދަށް ނޭދެވޭ އަސަރު ތަކެއް ކުރާނެއެވެ. އޭގެ ސަބަބުން ކުރިއަށް އޮތް އަހަރުތަކަކީ ރާއްޖެއަށް ގިނަ އިންވެސްޓަރުންގެ ޝައުގުވެރިކަން އުފެދޭނެ އަހަރު ތަކެކެވެ. މި ދަޑިވަޅުގައި އަޅުގަޑުމެން ތިބެންވާނީ ރަގަޅު އިންވެސްޓްމަންޓް ތަށް ގެނައުމުގެ އަޒުމްގައެވެ. ރާއްޖޭގެ މާހައުލަކީ އިންވެސްޓަރުންނަށް އިތުބާރުލިބޭފަދަ މާހައުލަކަށް ވާންވާނެއެވެ. އެއް ޕާޓީއަކުން އިންވެސްޓަރުންގެ އަތުން ރިޝްވަތު ނަގާ، އަނެއްޕާޓީން އިންވެސްޓަރުން ގަންހިންގައިގެން ނުވާނެއެވެ.
ޢުމަރު ނަޞީރަކީ، 30 އަހަރުގެ ވިޔަފާރީގެ ތަޖުރިބާ އާއި، 21 އަހަރުގެ ސިޔާސީ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި، އަދި ހޯމް މިނިސްޓަރކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އިގިރޭސިވިލާތުގެ ހަލް ޔުނިވަރސިޓީއިން ވިޔަފާރީގެ ދާއިރާއިން މާސްޓާރސް ޑިގްރީ ހާސިލް ކުރައްވާ، އެމެރިކާގެ ހާވާރޑް ޔުނިވަރސިޓީ ގެ ލީޑަރޝިޕް ތަމްރީންތަކުގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ.