ދެން ރިޔާސީ އިންތިޚާބު އޮންނަ 2028 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނަވާނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ދެވަނަ ދައުރަކަށް ހޮއްވަވަން ފޫގަޅާލައިގެން ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިހެން ވިދާޅުވީ، އިދިކޮޅު އެމްޑީޕީގެ މައްޗަށް އަދިވެސް އިޚުތިޔާރުކުރައްވާނީ މިހާރުގެ ރައީސް މުޢިއްޒު ކަމަށް ޔާމީން އާދިއްތަ ދުވަހު ވިދާޅުވުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ފަލާހު ވިދާޅުވީ، 2028 ވަނަ އަހަރު ޔާމީނު ހުންނަވާނީ ރައީސް މުޢިއްޒު ދެވަނަ ދައުރަކަށް ހޮއްވަވަން ފޫގަޅާލައިގެން ކަމާމެދު ޝައްކެއް ނެތް ކަމަށެވެ. އަދި އެމްޑީޕީއަށް ވެރިކަން ލިބިއްޖެ ނަމަ ކަންތައް ވާނެ ގޮތް ޔާމީނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށާއި، އެމްޑީޕީއަށް ވެރިކަން ލިބިއްޖެ ނަމަ ޔާމީނު އަނެއްކާ ވެސް މާފުށްޓަށް ބަދަލުކޮށް އަނިޔާވެރިވާނެކަން އެ މަނިކުފާނަށް އެނގިވަޑައިގަންނަވާނެ ކަމަށް ފަލާހު ވިދާޅުވިއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ރައީސް ޔާމީންގެ އިތުރުން ކުރީގެ ރައީސް ޞާލިޙް އެކުގައި ބައްދަލުކުރެއްވުން:-- ސަން ފޮޓޯ: ޝާތިއު
އޭގެ އިތުރުން، އެ ޕާޓީން ރާއްޖެ އަނެއްކާ ވެސް އިނދަޖައްސާލާނެ ކަމަށާއި އެއީ ބަހާއި އަމަލާ ދިމާވާ ބައެއް ނޫން ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.
ޔާމީންގެ ވާހަކަފުޅާ ގުޅިގެން ބާރަށު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހީމް ޝުޖާއު ވެސް ވަނީ ޚިޔާލު ފާޅުކުރައްވާފައެވެ. ޝުޖާއު ވިދާޅުވީ، ޔާމީން ހަމަހޭގައި އިންނަވައިގެން ވާހަކަފުޅު ދައްކަވާ ނަމަ ދައްކަވާނީ ހެޔޮކޮށް ކަމަށެވެ. އަދި ޔާމީނާ މެދު އަދިވެސް އޯގާތެރިކޮށް ހިތްތަވާނީ ރައީސް މުޢިއްޒުކަން ޔާމީނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޔާމީންގެ އަރިހުގައި ތިއްބެވި ބޭފުޅުންނަށް ފާޑުވިދާޅުވަމުން ޝުޖާއު ވިދާޅުވީ، ސިޔާސީ ހަސަދަވެރިކަމާއި ޒާތީ ވިސްނުން އެ މަނިކުފާނަށް ލައިދެނީ ކައިރީގައި އުޅޭ "ބޮނޑިބަތް ގުރޫޕުން" ކަމަށެވެ. މީގެ އިތުރުން، ޔާމީނަށް އެންމެ މޮޅު އިތުރު ގޮތަކަށް ވާނީ 2028 ވަނަ އަހަރު ރައީސް މުޢިއްޒަށް ތާއީދުކުރެއްވުން ކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ.
އެއީ އެމްޑީޕީގެ ނުބައި ވިސްނުމުން މި ޤައުމު ސަލާމަތްކުރުމަށް ރައީސް މުޢިއްޒު ކުރައްވާ މަސައްކަތްޕުޅަށް ތާއީދު ކުރެއްވުން ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.
ސަރުކާރު ހިންގާ ޕާޓީގެ އިސް ބޭފުޅުން މިފަދައިން ވިދާޅުވި ނަމަވެސް، ދެން އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ޔާމީން ވަނީ އިޢުލާނުކުރައްވައިފައެވެ. އަދި އެ މަނިކުފާނު ގެންދަވަނީ އިންތިޚާބަށް ތާއީދު ހޯއްދެވުމުގެ ސިޔާސީ މަސައްކަތްތައް ވެސް ކުރައްވަމުންނެވެ.