ސަޢީދުގެ އިތުބާރުނެތް މައްސަލައިގައި ޖަވާބުދާރީވާން ގަޑިއިރެއް ދޭން ފާސްކޮށްފި

އިކޮނޮމިކް މިނިސްޓަރު ސަޢީދު: ޖަވާބުދާރީވާން އޭނާއަށް ދިނީ އެއް ގަޑިއިރު --- ފޮޓޯ: މަޖިލިސް

އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދުގެ އިތުބާރު ނެތް ކަމަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި މައްސަލައިގައި ސަޢީދު ޖަވާބުދާރީވެވަޑައިގަތުމަށް ގަޑިއިރެއް ދޭން އާންމު ކޮމިޓީން ފާސްކޮށްފިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ދީދީ (އައިބީ) ހުށަހެޅުއްވީ ސަޢީދުގެ މައްޗަށް ހުށަހެޅި މައްސަލައިގައި ސަޢީދު ޖަވާބުދާރީވެވަޑައިގަތުމަށް ގަޑިއިރެއް، އަދި މެންބަރުން ބަހުސްކުރުމަށް ވެސް ގަޑިއިރެއް ދިނުމަށެވެ.

އައިބީގެ ހުށަހެޅުން ފާސްކުރީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ 13 މެންބަރުން ސޮއިކުރައްވައި މި އޮގަސްޓު މަހުގެ ފުރަތަމަ ދުވަހު ހުށަހެޅި މައްސަލައިގައި ވަނީ ވަޒީރުންނާ ގާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި ސަޢީދު އިހުމާލުވެ، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވެވަޑައިނުގަންނަވާ ކަމަށެވެ. އަދި ވަޒީރުން ކުރުން މަނާ ކަންކަން ކުރައްވައިފައިވާ ކަމަށް، އެ މައްސަލައިގައި ވެއެވެ.

https://sun.mv/225427

އެމްޑީޕީން ސަޢީދުގެ މައްޗަށް ހުށަހެޅި މައްސަލައިގައި ހަ ކަމެއް ފާހަގަކޮށްފައިވެއެވެ.

އެގޮތުން އެމްޑީޕީން ފުރަތަމަ ފާހަގަކުރި ކަމަކީ އިގުތިޞާދީ އިސްލާހުތައް ގެނައުމަށް އެދެވޭ އެއްވެސް ސިޔާސަތެއް ތަންފީޒުކޮށްފައި ނެތުމުގެ ސަބަބުން ޑޮލަރު ލިބުން ދަތިވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 21 ރުފިޔާއަށް ވުރެ މައްޗަށް ގޮސްފައިވުމެވެ. އެ ހާލަތުގައި މައްސަލަ ހައްލުކުރަން އުޅުއްވުމުގެ ބަދަލުގައި އެއީ ޠަބީޢީކަމެއް ކަމަށް ވިދާޅުވެ، ސަޢީދު މި މައްސަލައިގެ ހައްސާސްކަން ކަނޑައިލައްވައިފައިވާ ކަމަށް އެ މައްސަލައިގައި އެމްޑީޕީން ބުންޏެވެ.

ދެވަނަ ކަމަކަށް އެމްޑީޕީގެ މެންބަރުންގެ މައްސަލައިގައި ފާހަގަކުރީ، ސަޢީދު ދައުލަތުގެ މުދަލާއި ފައިސާ އަމާނާތްތެރިކަމާއެކު ބަލަހައްޓައިފައި ނުވާ ކަމަށެވެ. އެގޮތުން ދައުލަތުގެ މާލީ ހާލަތު ގޯސް ދަނޑިވަޅެއްގައި ރާއްޖޭން ބޭރުގައި ބޭއްވި އިންވެސްޓަރު ފޯރަމްތަކަށާއި މަޝްރޫއުތައް އިފުތިތާހުކުރުމުގެ ރަސްމިއްޔާތު ތަކަށް ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާއާއި ވަސީލަތްތައް ބޭނުންކޮށްފައިވާ ކަމަށް، އެމްޑީޕީގެ މައްސަލައިގައި ވެއެވެ.

މިސާލެއްގެ ގޮތުގައި އަދިވެސް ހިންގަން ނުފެށޭ ޑިވެލޮޕްމެންޓް ބޭންކުގެ ވާހަކަ ވަނީ ގެނެސްފައެވެ. އަދި އެ މައްސަލައިގައި ވަނީ، އެ ބޭންކުގެ ޚިދުމަތްތައް ނުފެށި މިދިޔަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް 6.56 މިލިއަން ރުފިޔާ އެ ބޭންކަށް ޚަރަދުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގައި އެމްޑީޕީން ދެން ބަޔާންކޮށްފައި ވަނީ، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނުގެ އެއް މަގުސަދަކީ ރާއްޖޭގެ އިގުތިޞާދު ފަތުރުވެރިކަމަށް ބަރޯސާވާ މިންވަރު ކުޑަކޮށް އިގުތިޞާދީ ދާއިރާތައް ސިންދަފާތުކުރުން ކަމަށް ވީ ނަމަވެސް މި ސަރުކާރުން އެ ގާނޫނު އިސްލާހުކުރީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށެވެ. އެގޮތުން ޓައުންޝިޕް ތައާރަފުކޮށް ދައުލަތުގެ ބާރު ކެނޑޭ ގޮތަށް ރާއްޖޭގެ ބައެއް ސަރަހައްދުތަކެއް ބޭރުގެ އަތް މައްޗަށް ދޫކޮށް އެ ފަރާތްތަކަށް ބޮޑެތި ލުއިތައް ދީފައިވާ ކަމަށް، މައްސަލައިގައި ވެއެވެ.

އެކަމުގެ ސަބަބުން ދިވެހި ދައުލަތުގެ ސަރަހައްދެއް ގެއްލި، ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބުން އެކަށީގެންވާ ކަމަށް ވެސް ވެއެވެ.

ފަހު ކަމަކަށް އެމްޑީޕީން ފާހަގަކުރީ މި ސަރުކާރުން އިއުލާނުކުރި ބޮޑެތި މަޝްރޫއުތައް ހުއްޓި އެއްވެސް ނަފާއެއް އެދެވޭ ގޮތެއްގައި ލިބިފައި ނެތުމެވެ. އެގޮތުން ބަންކަރިންގެ ޚިދުމަތުން ފުރަތަމަ އަހަރު ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކުރި 400 މިލިއަން ރުފިޔާގެ އާމްދަނީ ނުލިބުމާއި ގާތްގަނޑަކަށް ނުވަ ބިލިއަން ޑޮލަރުގެ ފައިނޭންޝަލް ސެންޓަރުގެ ބިންގާ އެޅުމަށްފަހު އޭގެ ތަފުސީލު ހާމަ ނުކުރުމާއި އިހަވަންދިއްޕޮޅުގެ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" މަޝްރޫއަށް ހއ. ހޯރަފުށީ ފަޅުން ބޮޑު ސަރަހައްދެއް ބޭރުގެ ބަޔަކާ ހަވާލުކުރި ނަމަވެސް، އަމަލީ މަސައްކަތެއް ފެށިފައިނުވާ ކަމަށް، އެމްޑީޕީގެ މައްސަލައިގައި ވެއެވެ.

comment ކޮމެންޓް