ކައުންސިލުގެ ބިންތައް އަތުލަން ހުށަހެޅީ ސަރުކާރުންނެއް ނޫން: ފަލާޙް

ސަރުކާރަށް މަޖިލީހުގެ ތެރެއިން އެއްބާރުލުން ދެއްވާ މެންބަރު ހަންނާނާއި ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހް-- ފޮޓޯ: މަޖިލިސް

މަޝްރޫއުތައް ހިންގަން ކައުންސިލުތަކުގެ އިހްތިޞާސްގައިވާ ބިންތައް ނެގުމުގެ ބާރު ސަރުކާރަށް ދޭން ސަރުކާރަށް އެއްބާރުލުން ދެއްވާ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލަކީ ސަރުކާރުން ފޮނުވި ބިލެއް ނޫން ކަމަށް، ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ބޭނުންވާ މަޝްރޫއުތައް ހިންގުމަށްޓަކައި ކައުންސިލުތަކުގެ އިހްތިޞާސުގައި ހިމެނޭ ތަންތަނާއި ބިންބިން ސަރުކާރަށް ނަގައި އެ ތަންތަން ކައުންސިލުތަކުގެ އިހްތިޞާސުން ވަކިކުރުމުގެ ފުރިހަމަ ބާރު ސަރުކާރަށް ދޭން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ޢަބްދުލްޙަންނާން ހުށަހެޅުއްވި އިސްލާހު މިއަދު ވަނީ ބަލައިގެންފައެވެ.

އެ އިސްލާހު ބަލައިގަތީ ވޯޓުގައި ބައިވެރިވި 63 މެންބަރުންގެ ތެރެއިން 55 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް އަށް މެންބަރަކު ވޯޓު ދެއްވިއެވެ.

އަމިއްލަ މެންބަރެއްގެ ގޮތުގައި މަޖިލީހުގައި އިންނެވި ނަމަވެސް ހަންނާނަކީ ސަރުކާރާ ގާތްގުޅުމެއް އޮންނަ މެންބަރެކެވެ. މީގެ ކުރިން ނޫސްވެރިންނާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ވަކާލާތު ކުރާ މީހުންގެ ކަންބޮޑުވުންތައް އޮތް, މީޑިއާ ކޮންޓްރޯލް ބިލް ވެސް މަޖިލީހަށް ހުށަހެޅުއްވީ ހަންނާނެވެ. އެ ބިލް ފާސް ކުރީ ސަރުކާރުގެ ފުރިހަމަ ތާއީދާއެކުއެވެ. އެ ބިލަކީ ވެސް ސަރުކާރުން ފަހަތުގައި އޮވެގެން ހަންނާން ލައްވައި ހުށަހެޅުއްވި ބިލެއް ކަމަށް އޭރުވެސް ތުހުމަތު ކުރެވުނެވެ.

ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ބިލު ހުށަހަޅުއްވަނީ --- ފޮޓޯ: މަޖިލިސް

މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ތައާރަފުކުރި ކައުންސިލްތަކުގެ ބިލުގެ ބަހުސް ކުރިއަށް ގެންދިޔައީ މިއަދެވެ. ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މަޢުރޫފް ޛާކިރާއި ހޯރަފުށި ދާއިރާގެ ޕީއެންސީ މެންބަރު ޢަލީ މޫސާ ހަމައެކަނި ބަހުސްކުރެއްވި މި ބިލު މަޖިލީހަށް މިއަދު ހުށަހެޅުއްވި ވަގުތު މަޢުރޫފް ވަނީ މި ބިލަކީ ގާނޫނުއަސާސީއާ ދެކޮޅު ބިލެއް ކަމަށް ވިދާޅުވެ، އެ ވަގުތު އިހުތިޖާޖުކުރައްވައިފައެވެ.

ޢަބްދުލްޙަންނާން ބިލު ހުށަހަޅުއްވަމުން ގެންދެވި ވަގުތު މަޢުރޫފް ނިޒާމީ ނުކުތާއެއް ނެންގެވުމަށް މަސައްކަތް ކުރެއްވުމުން އެ ވަގުތު ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމް ވިދާޅުވީ ނިޒާމީ ނުކުތާއެއް ނަގާނެ ތަނެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ. މަޢުރޫފްގެ އިހުތިޖާޖާއެކު ވެސް ޢަބްދުލްޙަންނާން ވަނީ ބިލު ހުށަހަޅުއްވައިފައެވެ.

އެއަށްފަހު، ބިލަށް ބަހުސްކުރައްވަމުން މަޢުރޫފް ވިދާޅުވީ ޢަބްދުލްޙަންނާން ހުށަހެޅުއްވި ބިލަކީ އަމިއްލަ މެންބަރަކު ލައްވައި މުޅި ލާމަރުކަޒީ ނިޒާމު ފުނޑައިލުމަށްޓަކައި ސަރުކާރުން ގަސްދުގައި ހުށަހެޅި ބިލެއް ކަމަށެވެ.

ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ބަހުސްކުރައްވަނީ --- ފޮޓޯ: މަޖިލިސް

"މި ބަދަލުގެ ސަބަބުން މުޅި ލާމަރުކަޒީ ނިޒާމުން ކައުންސިލުތަކަށް ލިބިފައި އޮތް ހުރިހާ ބާރެއް ނިމުމަކަށް އައީ، ކައުންސިލަކަށް ވިހައި މަރުވާ ބެލެހެއްޓުން ފިޔަވައި ހަމަ އެއްވެސް ކަމެއް އިއްޒަތްތެރި ރައީސް، ނޯންނާނެ،" މަޢުރޫފް ވިދާޅުވިއެވެ.

މިއީ ގާނޫނުއަސާސީގެ ބާރު ކަނޑުވައިލުމަށްޓަކައި ކުރާ މަސައްކަތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

މަޢުރޫފް ބަހުސްކުރައްވަމުން ގެންދަވަނިކޮށް ނެންގެވި ނިޒާމީ ނުކުތާއެއްގައި ފަލާޙް ވިދާޅުވީ، އަމިއްލަ މެންބަރަކަށް ވެސް ޕާޓީއެއްގެ މެންބަރަކަށް ވެސް މަޖިލީހަށް ބިލު ހުށަހެޅުމުގެ ހައްގު އޮންނާނެ ކަމަށެވެ. އެއާއެކު، އަމިއްލަ މެންބަރަކު ހުށަހެޅުއްވި ބިލަކީ ސަރުކާރު ފަރާތުން ހުށަހެޅި ބިލެއް ގޮތަށް ވިދާޅުވުމަކީ ހަމަ ސީދާ ނިޒާމީ މައްސަލައެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

"މިއީ ސަރުކާރުން ފޮނުވި ބިލެއް ނޫން،" މައިކުގެ އަޑު ކަނޑައިލެއްވި ވަގުތު ފަލާޙް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله މިއަދުގެ ޖަލްސާގައި --- ފޮޓޯ: މަޖިލިސް

ނަމަވެސް އެ ވަގުތު ރިޔާސަތާ އަލުން ހަވާލުވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވަނީ، އެއީ ނިޒާމީ މައްސަލައެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ޢަބްދުލްޙަންނާން ހުށަހެޅުއްވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ބައެއް އަކުރުތައް އިތުރުކުރުމަށެވެ.

އެގޮތުން ކައުންސިލުތަކުގެ އިޚްތިޞާސްގައިވާ ތަންތަން ވަކިކުރަން ވަޒީރުންގެ މަޖިލީހުން ނިންމައި އެ ކަން އެލްޖީއޭއިން ކައުންސިލުތަކަށް އެންގުމުން އެ ތަންތަން ކައުންސިލުތަކުގެ މިލްކިއްޔާތުން ވަކިވެ، ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ތަންތަން ކަމުގައި ވާނެ ކަމަށް، ޢަބްދުލްޙަންނާން ހުށަހެޅުއްވި ބިލުގައި ވެއެވެ.

މީގެ އިތުރުން ސަރުކާރުގެ ފަރާތުން މަޝްރޫއުތައް ކުރިއަށް ގެންދަން ބިންބިން ހޯދަން އެދޭ ހާލަތްތަކުގައި މަޝްރޫއުތަކަށް ބޭނުންވާ ބިންބިން ކައުންސިލުން އެލްޖީއޭއާ ހަވާލުކުރަން ޖެހޭނެ ކަމަށް ވެސް، ބިލުގައިވެއެވެ.

ހަމަ އެހެންމެ، ކައުންސިލަރުން ކޮށްގެން ނުވާނެ ކަންކަމުގެ ތެރޭގައި ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫއުތަކަށް މަގުބޫލު ސަބަބެއް ނެތި ހުރަސް އެޅޭ ފަދަ ގޮތަކަށް އަމަލުކުރުން ނުވަތަ އެ ފަދަ މަޝްރޫއުތައް ހުއްޓުމަށް މެދުވެރިވާ ފަދަ ނިންމުންތައް ނިންމުން ހިމެނުމަށް ވެސް ވަނީ ހުށަހަޅުއްވައިފައެވެ.

ފާހަގަކުރެވޭ ގޮތުގައި މި ބިލު އަނބުރާ ގެންދިއުމަށް ގޮވައިލައި ޕެޓިޝަނެއް ވެސް ހުށަހަޅައިފައިވެއެވެ. އެ ޕެޓިޝަނަށް މިހާރު ވެސް 678 ސޮއި ވަނީ ލިބިފައެވެ.

comment ކޮމެންޓް