ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހެލްތު އިންޝުއަރެންސް ބޭނުންކޮށްގެން ރާއްޖޭންނާއި ބޭރު ގައުމުތަކުން ފަރުވާ ހޯދަން ދަތިވެފައިވާ ކަމަށް ބުނެ، މެންބަރުންނަށް އިންޝުއަރެންސްގެ ޚިދުމަތްދޭ އެލައިޑް އިންޝުއަރެންސް ކުންފުނި ހާޒިރުކުރި އާންމު ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.
މިއަދުގެ ބައްދަލުވުން ފެށްޓެވުމަށް ފަހު އެ ކޮމިޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ޝާހިދު ވިދާޅުވީ، މިދިޔަ އަންގާރަ ދުވަހު އޮތް ބައްދަލުވުމުގައި މެންބަރުން ދެއްކެވި ވާހަކަތައް ނޫސްވެރިން ރިޕޯޓުކުރީ އެ ވާހަކަތައް ދެކްކެވި ގޮތަށް ނޫން ކަމަށެވެ.
"އަޅުގަނޑުމެން ދެންނެވީ އަޅުގަނޑުމެންނަށް ލިބޭ އިންޝުއަރެންސްގެ ތެރެއިން އަޅުގަނޑުމެންގެ މެންބަރުންނަށް އިންޝުއަރެންސް ކުންފުނިން ޚިދުމަތް ފޯރުކޮށްދޭން އެއްބަސްވެފައިވާ ގޮތުގެ މަތިން އިންޝުއަރެންސްތަކުގެ ދަތިތަކުގެ ވާހަކަ، މިސާލަކަށް އެ އޮންނަ ހޮސްޕިޓަލަކުން އެ ޚިދުމަތް ހޯދުމަށް ދިޔައީމަ މެންބަރަކަށް އެ އަންނަ ޑިލޭއާއި އަދި ދިމާވާ އެހެނިހެން ދަތިތަކުގެ ވާހަކަ،" ޝާހިދު ވިދާޅުވިއެވެ.
ކޮމިޓީ ބައްދަލުވުމުގައި ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ދީދީ (އައިބީ) ވިދާޅުވީ، ކޮމިޓީގައި މެންބަރުން ދެއްކެވި ވާހަކަތައް ނޫސްތަކުގައި ގެނައީ "އޮޅުވައިލައިފައި އެހެން ގޮތަކަށް" ކަމަށެވެ. އެހެންވެ، އެ ބައްދަލުވުން ސިއްރުކުރަން އޭނާ ހުށަހެޅުއްވިއެވެ.
އައިބީގެ އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު (ސަޓޯ)އެވެ. އެ ހުށަހެޅުއްވުން ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުން ފާސްކޮށް، ގަޑިއިރެއް ވަންދެން ސިއްރު ބައްދަލުވުމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ފާހަގަކުރެވޭ ގޮތުގައި މެންބަރުންގެ ހެލްތު އިންޝުއަރެންސް ދޭ ގޮތް ކަމުނުދާތީ މަޖިލީހުން އެލައިޑާ ބައްދަލުކުރިއިރު، މަޖިލިސް މެންބަރުންނަކީ ވަރަށް ބޮޑު މުސާރައަކާއި އިނާޔަތެއް ލިބޭ ބައެކެވެ. އެހެންނަމަވެސް އެ މުސާރައާއި އިނާޔަތާ އެކަށީގެންވާ ވަރަށް ފަންނީ މަސައްކަތް ނުކުރާ ކަމުގެ ޝަކުވާތައް އަބަދު ވެސް އާންމުން ކުރެއެވެ.
މި ފަހުން ވެސް މަޖިލީހުގެ ޖަލްސާތައް ނުބޭއްވުމާއި، ކޮމިޓީ ބައްދަލުވުންތައް ކެންސަލް ކުރާ މައްސަލައިގައި މަޖިލީހަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ.